ހަބަރު

ހިންނަވަރަށް ނިސްބަތްވާ ދެ ކައުންސިލަރުން އެމްޑީޕީއަށް

ޅ. ހިންނަވަރު ރަށު ކައުންސިލަރަކާއި އަތޮޅު ކައުންސިލަރަކު އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއަށް ތާއީދު ކުރަން ނިންމައި އެމްޑީޕީއާ ރޭ ގުޅިއްޖެ އެވެ. އެ ދެ ކައުންސިލަރުން މީގެކުރިން ތިބީ ޕީޕީއެމްގަ އެވެ.

އެ ދެ ކައުންސިލަރުން އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ އިބޫގެ އުފަންރަށަށް އިއްޔެ އޭނާ ވަޑައިގެން، އިދިކޮޅު ފަރާތްތަކުން ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގަަ އެވެ. ޕީޕީއެމުން އެމްޑީޕީއަށް ގުޅިފައިވާ ދެ ކައުންސިލަރުންނަކީ އަހުމަދު ރިޝްވާން އަދި އިބްރާހިމް އާތިފެވެ. ރިޝްވާނަކީ ކުރީގެ ދެ ދައުރުގައި އެމްޑީޕީ ކައުންސިލަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، މިދައުރުގައި ޕީޕީއެމް ޓިކެޓުގައި ނިކުންނަވައި އިންތިހާބު ކާމިޔާބު ކުރި ކައުންސިލަރެކެވެ. އާތިފަކީ ހިންނަވަރުން އެ އަތޮޅު ކައުންސިލްގައި ހުންނަވާ މެންބަރެވެ.

މީގެ އިތުރުން ރޭ ވަނީ އެމްއޭސީއެލް ބޯޑުގައި ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ވެސް އިބޫ އަށް ތާއިދު ކުރަން ނިންމަވައި އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އިބޫއާ ވާދަކުރައްވި ބޭފުޅެކެވެ.