ސާފް ސުޒުކީ ކަޕް

ސާފު ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާ، ކީޕަރު ފައިސަލް

ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ހޯދައިފި އެވެ.

މިއީ، ރާއްޖޭގެ ކުޅުންތެރިޔަކު ސާފު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ދެ ވަނަ ފަހަރެވެ. ސާފުގެ ތާރީހްގައި، ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ ކުރީގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' އެވެ.

ސާފްގެ ތާރީހްގައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރެއްގެ މަތިން ކީޕަރު ވަނީ ހޯދާފަ އެވެ. މުބާރާޓުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެންމެ ފުރަތަމަ ގޯލްކީޕަރަކީ، އިންޑިއާގެ އަރިންދަމް ބަޓްޗާރިޔާ އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އަފްގާނިސްތާންގެ މަންސޫރު ފަގިޔާރު އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ކުރި ދަތުރުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެކަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. މުބާރާތުގެ ކޮންމެ މެޗެއްގައިހެން އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މުބާރާތުގައި، ވާދަ ކުރި ކީޕަރުންގެ ތެރެއިން، އެންމެ ގިނަ ސޭވް ކުރި ކީޕަރަކީ ފައިސަލެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް، ބުނީ އިމްރާންއަށް ފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރަކީ ފައިސަލް ކަމަށާއި އޭނާ އަށް ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެވޭނެ ކަމަށެވެ.

ރާއްޖެއިން ކުޅެނީ، ގޯލްކީޕަރާއި ދިފާއީ ފަރާ ދެމެދު ބޮޑު ޖާގައެއް ދީގެންނެވެ. ޝެގަޓް ބުނީ އެގޮތަށް ގޭމް އަތުރާލަނީ، ފައިސަލްއަށް އިތުބާރު އޮންނާތީ ކަމަށެވެ. މިދިޔަ އަހަރު، އެފްއޭއެމްގެ މީޑިއާއަށް ދިން އިންޓަވިއުގައި ފައިސަލް ބުނެފައި ވަނީ މިހެންނެވެ.

"އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑު ގޯލްގައި ހުރެގެން ރާއްޖެއަށް ތައްޓެއް ހޯދައިދެވޭ ދުވަސް."

ފައިސަލު ދެކުނު ހުވަފެން އޭނާ މިވަނީ ހަގީގަތަކަށް ހަދާފަ އެވެ.