ވިޔަފާރި

ކުއާޓްލީ ބިޒްނަސް ސާވޭ: އާންމު ވިޔަފާރިއަށް ކުރިއެރުން، އިމާރާތް ކުރުން މަޑުޖެހިދާނެ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާގެ ވިޔަފާރިތަކަށް މަޑު ޖެހުން އައިސްފާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ހިމެނޭ ގޮތަށް ރާއްޖޭގެ ހަތަރު ސިނާއަތަކުން ބޮޑެތި 170 ކުންފުނި ބައިވެރިކޮށްގެން އެމްއެެމްއޭއިން ކޮށްފައިވާ، "ކުއާޓްލީ ބިޒްނަސް ސާވޭ"އިން ދައްކާ ގޮތުން މި ސާވޭގައި ބައިވެރިވި އިމާރާތްކުރުން، ތަކެތި އުފެއްދުން އަދި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ ގިނަ ފާރާތްތަކުން ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ރަނގަޅުވެފައިވާ ކަމަށެވެ. މިއިން ދައްކުވައިދެނީ މި މުއްދަތުގެ ތެރޭގައި ވިޔަފާރި ތަކަށް ރަނގަޅު އިގްތިސާދީ މާހައުލެއް އޮތްކަން ކަމަށް އެ ސާވޭގެ ނަތީޖާގައި ބުނެ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މި ކުއާޓާރަކީ ޓޫރިޒަމްގެ އޮފް-ސީޒަން ކަމަށްވުމުން ޓޫރިޒަމް ސިނާއަތް ފެނުނީ ދަށްކޮށެވެ. އެހެން ނަމަވެސް އެ ސާވޭގައި ލަފާކުރަނީ، ކުރިއަށް އޮތް ތިންވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި އެހެން ދާއިރާތައް އިތުރަށް ރަނގަޅުވާނެ ކަމަށެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ދެކެނީ ތިންވަނަ ކުއާޓަރުގައި މި ސިނާއަތް ކޮންމެވެސް މިންވަރަކަށް މަޑު ޖެހޭނެ ކަމަށެވެ. އިމާރާތްކުރުމުގެ ދާއިރާގެ ގިނަ ވިޔަފާރި ތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ މި ދާއިރާގެ މުވައްޒަފުން ލިބުން ދަތިވުމާއި ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމެވެ.

މަރުކަޒީ ބޭންކުގެ ސާވޭއިން ދެއްކި ގޮތުގައި ވިޔަފާރީގެ ހަރަދުތަކާއި ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ އެހެން ސިނާއަތްތަކުގައި ހިމެނޭ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ ދެވަނަ ކުއާޓަރުގައި މުވައްޒަފުންނަށް ހިނގާ ހަރަދު ހުރީ ފުރަތަމަ ކުއާޓަރާ އެއް ހަމައެއްގަ އެވެ. ނަމަވެސް، ތަކެތި އުފެއްދުމުގެ ސިނާއަތުގައި ހިމެނޭ ގިނަ ފަރާތްތަކުން ބުނެފައި ވަނީ މި ހަރަދު އިތުރުވެގެން ދިޔަކަމުގައެވެ. މީގެ އިތުރުން، ތަކެތި ގަތުމަށް ވިޔަފާރިތަކުން ކުރާ ހަރަދަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތް ފިޔަވާ އެހެން ސިނާއަތްތަކުން ފާހަގަކޮށްފައި ވަނީ މި ހަރަދު އިތުރުވެގެން ދިޔަކަމުގައިވެ އެވެ.