ލައިފްސްޓައިލް

ތަރުބިއްޔަތު އެކޮޅުކޮޅުންޖެހީ ޓެކްނޮލޮޖީ!

Jun 9, 2015

ސްކޫލު ދައުރު ނިމި މަސައްކަތުގެ މައިދާނަށް ނުކުތުމުން ކުޑައިރު އުޅުނު ހިތްގައިމު ދިރިއުޅުން ހިތަށް އަރައި އަނެއްކާވެސް ކުޑަކުއްޖަަކަށް ވެވޭނެނަމައޭ ހިތަށް އަރައެވެ. ކުޑައިރު ދުވާލުގެ އިރުގެ ދޯދިތައް ފާޅުވަނީ އަތިރިމަތީގައި ގާހޮވަން ގޮސް އުޅެނިކޮށެވެ. މަގުމަތީގައި ބައިސްކަލް ދުއްވާ، އަވައްޓެރި ކުދިންނާއި އެއްކޮށް ބޯޅަ ކުޅެ، ވެލިގަނޑުމަތީ އުޅެނިކޮށެވެ. އަގުބޮޑު ކުޅޭތަކެއްޗައް ވުރެ ގަލުން ފަރުބަދަ ހަދައި، އެކަކު އަނެކަކު ހަނގުރާމައަކަށް ދާ ހިޔާލުން ކުޅެނުހަދާ ކުއްޖަކު މަދުވާނެެއެވެ.

އެޒަމާން މިހާރު ގޮއްސިއެވެ. ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ދިމާކުރަން ބުނެ ރޭގަނޑު ވަކިވެ އުޅުނު ޒަމާން ހިނގައްޖެއެވެ. ރޭގަނޑު އާއިލާ އެންމެން އެތްވެ ކާން އިށީންދެ އެކަކު އަނެކަކާ މުއާމަލާްތްކޮށް އުޅުނު ދުވަސްވަރު ވަޔާ ގޮއްސިއެވެ.

މިއީ މުޅީން ތަފާތު ގަރުނެކެވެ. މިހާރުގެ ޓެކްނޮލޮޖީގެ ސަބަބުން ކުރީން އާއިލާގެ ގުޅުން ބަދަހިވެފައިވާ ބިންގާ އާއި އެންމެންގެ ވިސްނުންވަނީ އެކޮޅުކޮޅުން ޖެހިފައެވެ. މިހާރު މައިންބަފައިން ދިރިއުޅުން ހިންގުމަށާއި ކަންކަމަށް މަގުފަހި ކުރުމުށް ބަރޯސާ ކުރަނީ މުޅިންވެސް ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކަށެވެ. އެކަމަކު ޓީވީ، މޯބައިލު ފޯނު، އައިޕެޑް ފަދަ ތަކެތި ތައާރަފްވެ ދުނިޔެ ކުޑަކުރިލެއް އަވަސް ކަމުން އާއިލާތަކުގެ ދިރިއުޅުމާއި، ގުޅުމަށް އައި ބަދަލު ފާހަގަ ކުރެވުނު ބަޔަކު މަދެވެ.

ވަރަށް ފަހުން ހެދި ރީސާޗަކުން ދައްކާ ގޮތުގައި ކުޑަކުދީންގެ 75 ޕަސަންޓް ދުވާލެއްގެ 7.5 ގަޑިއިރު ޓެކްނޮލޮޖީގެ އެކިއެކި ވަސީލަތްތައް ކުޅެ ބޭނުން ކުރުމުގައި ހޭދަކޮށް 50 ޕަސަންޓު ގެތަކުގައި ޓީވީ އެއްވެސް ގޮތަކަށް ނުނިއްވާ ހުރެއެވެ. ކުރީން ކާމޭޒު ދޮށުގައި އެންމެން ހާޒިރުވެ ދައްކާ ވާހަކައާއި އެކީގައި ކާގަޑީގެ ބަދަލުގައި މިހާރު އެންމެންގެ ލޯތަކެއް ހުންނަނީ ޓީވީ ތަކަށް އެހެންނޫނީ ފޯނަށް ތަތްލަވާފައެވެ.

ޓެކްނޮލޮޖީއާއި ހެދި ބޮޑުވަމުން އަންނަ ކުއްޖާއަށެ ކުރަނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟

މިހާރަކަށް އައިސް ކުޑަކުދީންގެ ތެރެއިން ކުރީން ދެންނެވި ކަހަލަ ހިޔާލީ ވިސްނުން ގެންގުޅޭ ކުއްޖަކު އަތުން ގުނާލެވޭހާ މަދުވާނެއެވެ. އެކުވެރިންނާއި އެއްކޮށް ބޭރަށް ކުޅެން ދިޔުމަށްވުރެ ގޭތެރޭ ސޯފާ މައްޗަށް ވެއްޓިގެން ތިބެ ޕީއެސް ކުޅެން މާ ބޮޑަށް ހިތްހަމަޖެހެއެވެ. އަތުން ފައިން ކުރެވޭ މަސައްކަތަށްވުރެ އިނގިލީގެ ޒިއްމާ މާބޮޑެވެ.

ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ އޭގެ ޒާތުގައި އެންމެންނަށްވެސް ފަސޭހައަކަށް ހަދާފައި ހުންނަ އެއްޗިއްސެވެ. ދުނިޔޭގެ އެއްކޮޅުގައި ތިބޭ މީހުން އަނެއްކޮޅުގައި އުޅޭ މީހުންނާއި މުޢާމަލާތްކުރަން ފަސޭހަ ކޮށްދީ، ހަބަރުތައް އެކިއެކި ކަންކޮޅުން ދެނެގަންނަން ފަސޭހަ ކުރުވަދީފައިވާ އެއްޗިއްސެވެ.

މީގެ ސަބަބުން ކުއްޖާގެ ސިކުނޑި އާ ކަންތައްތަކަށް ތަނަވަސްކޮށް އާ ކަންކަން ދަސްކުރަން މާ އުނދަގުލެއް ނުވެއެވެ. ނަމަވެސް ހެދި ބޮޑުވަމުން އަންނަ ކުއްޖާއަށް ދުނިޔޭގެ އެކިއެކި ކަންކޮޅުން ހިނގަމުން އަންނަ ހަބަރުތައް ޓްވިޓާ ނޫނީ ފޭސްބުކްފަދަ މީޑިޔާ ތަކުން ވަގުތުން އެނގި ދަސްވަމުން އަޔަސް. އަމަލީ ގޮތުންނާއި، ސައިކޮލޮޖީގޮތުން އަދި ކުއްޖާގެ އަޙުލާގަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

ކުދީންގެ ވާހަކަ ދެއްކުމުގެ ހުނަރަށާއި، ނިދުމަށް ބުރޫ އަރާ ދީނާވެސް ދުރުވާކަން ދިރާސާތަކުން މިހާރު އެބަ ދައްކައެވެ. މީގެ އިތުރުން ޑަޔެބިޓީސް އާއި ފަލަވުން ނުވަތަ 'އޮބޭސިޓީ' ވަނީ ކުޑަކުދީންގެ ތެރޭގައި އާންމު ވެފައެވެ. އެކީގައި އުޅޭ ކޮއްކޮމެން އެހެންނޫނީ އެކުވެރިންނާއި މުއާމަލާތް ކުރުމުގެ ބަދަލުގައި ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް އުއްމީދު ކޮށްގެން ނުތިބޭ ކުދިން މަދު ވާނެއެވެ. މިއީތޯ އަޅުގަނޑުމެންގެ ކުރިޔަށް އޮތް ޖީލުގެ އަހުލާގު ހުންނަން ޖެހޭ ގޮތަކީ؟ ބޮޑުވަމުން އަންނަ ކުއްޖާއަށް އެންމެ މުހިންމެ ހަތަރު ކަމަކީ ކަންކަމުގައި ހަރަކާތްތެރިވެ، ކަންތަކާއި ދޭތެރޭ ކުރެވޭ އިހުސާސްތައް ދެނެގަނެ، މީހުންނާއި ގުޅުން ބަދަހި ކުރުން، އަދި ވީހާވެސް ތިމާވެއްޓާއި ގާތްވުމެވެ. އެހެންނަމަވެސް މިހާރަކަށް ކުއްޖާ ހަރަކާތްތެރިވުމުގެ ބަދަލުގައި ކަންނެތްވެފަ، ކުރެވޭ އިހުސާސްތަކަށް ކެތްކުރުމުގެ ބަދަލުގައި އަމިއްލަ މީހާއަށް އަނިޔާކޮށް، އުޅެން ބޭނުންވަނީ ވީހާވެސް އެކަހެރި ކޮށެވެ.

ކޮންމެހެނެއް ވިޔަސް ކުއްޖާ ތަރުބިއްޔަތު ކުރަން އެންމެ ރަނގަޅުގޮތް އެނގޭނީ އެކުއްޖާގެ މައިންބަފައިންނަށެވެ. މިދަންނަވަނީ ފަހުގެ ހުރިހާ ވަސީލަތްތަކާއި އެކުދިން އެއްކޮށް އެކަހެރި ކުރާށެކޭ ނޫނެވެ. ހުރިހާ ކަމެއްވެސް ހަމަހަމަ ކުރެވޭތޯވީ ބަލާށެވެ. ވާހަކަ ފޮތް ކިޔާގަޑި އައިޕެޑް ކުޅޭ ގަޑިއަށްވުރެ އިތުރުކޮށް ކާޓޫން ބަލަމުން ކެއުން ފަރިތަނުކޮށް ކާގަޑީގައި އެންމެން ހަމަކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރެވޭތޯވީއެވެ. މިކަންތައް ދެމެހެއްޓޭނީ މައިންބަފައިންނާއި މުދައްރިސުން ގުޅިގެން ފަހުގެ މުޖަތަމައު ހޭލުންތެރިކޮށް ތަނަވަސް ކުރެވުނު މިންވަރަކުންނެވެ. ޓެކްނޮލޮޖީ އަކީ އަދިވެސް ދެވިހިފާލެއް ބޮޑުވެ ކުރިއަރަމުންދާނެ އެއްޗެކެވެ. އެކަމަކު ކުއްޖާ ވަސީލަތްތަކާއި ގާތް ކުރުމަށްވުރެ އާއިލާ އާއި ރަހުމަތްތެރިންނާއި ރަނގަޅު ގޮތުގައި ކުރެވޭތޯ މަސައްކަތް ކުރާށެވެ.