މިއުޒިކް

ޖަސްޓިން ބީބާގެ ކައިވެނި ބޮޑު ސުވާލަކަށް

ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އެމެރިކާގެ މޮޑެލް ހެއިލީ ބޯލްޑްވިން ސިއްރުން ކައިވެނިކޮށްފި ކަމަށް ބުނެ މީޑިއާގައި ވާހަކަދެކެވެމުން އަންނަތާ މިވީ ދެ ދުވަހެވެ.

ޖަސްޓިން 24، އާއި ހެއިލީ 21، ކައިވެނި ކުރިކަމަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ ޕީޕަލް މެގަޒިންގަ އެވެ. އެ މެގަޒިނުން ރިޕޯޓުކުރި ގޮތުގައި އެ ދެމީހުން ކައިވެނިކުރީ ނިއު ޔޯކުގެ މެންހަޓަންގެ ކޯޓެއްގަ އެވެ.

އެ ވާހަކަތައް ދޮގުކޮށް ހެއިލީ ކުރި ޓުވީޓެއްގައި ބުނީ އެ ދެމީހުން އަދި ކައިވެނި ނުކުރާ ކަމަށެވެ. ނަމަވެސް ހެއިލާ މިހާރު ވަނީ އެ ޓުވީޓް ޑިލިޓްކޮށްލާފަ އެވެ. މިއާއެކު އެ ދެމީހުން ހަމަ އަސްލަށްވެސް ކައިވެނިކުރީތޯ ކުރާ ސުވާލުތަކަށް މި ވަނީ އިތުރު ބާރެއް ލިބިފަ އެވެ.

އެކި ފަހަރުތަކެއްގެ މަތިން ރައްޓެހިވެ އަދި ރުޅިވެ އުޅުމަށްފަހު، އެ ދެމީހުން އެންގޭޖުވީ މިދިޔަ ޖުލައި މަހުގެ ހަތެއްގަ އެވެ. މި ދެ ޖޯޑް ލޯބީގެ ގޮތުން އެންމެ ފުރަތަމަ ގުޅުނީ، 2015 ވަނަ އަހަރު އެވެ.