ވާހަކަ

ބުނެދޭށޭރުހެމޭ

13 ސެޕްޓެމްބަރ 2018 އާ ގުޅޭ -- "އިޓްސް ހާ ލޮސް ސްކާލެޓް، ޑޯންޓް ތިންކް އަބައުޓް ހާ، އަހަރެން މި ހުރީނު، ގާތުގައި ނެތް މީހުންގެ ވާހަކަދެއްކުން މުހިންމެއްނޫން" އަރްސަލް އެއްއަތުން ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ.

އަރްސަލްގެ ވާހަކައިން ހިތްހަމަޖައްސާލަން ނިމްރާ ގަސްދުކުރި ނަމަވެސް މަންމަގެ ޚިޔާލު ނިމްރާގެ ސިކުނޑިން އެއްފަރާތްކޮށް ނުލެވުނެވެ. ވިވިއަންއާ ބައްދަލުވުމުން މުޅިން އައު ޚިޔާލުތަކެއް ނިމްރާގެ ސިކުނޑީގައި އެނބުރެން ފަށައިފިއެވެ. އޭނާގެ މަންމަ އެނބުރި އަންނަން ބޭނުންނުވަނީ އެހެން ކައިވެންޏެއްކޮށް މުޅިން އައު ދިރިއުޅުމެއް ފެށީމައި ކަމުގައި ނިމްރާއަށް ހީކުރެވުނެވެ. އަދި މަންމަގެ އޭނާ ނޫން ދަރީން ތިބީކަމުގައި ވެސް ހީކުރެވުނެވެ. އެހެންވިޔަސް ނިމްރާގެ ހިތުގެ އެދުމަކީ މަންމައާ އެއްފަހަރު ވިޔަސް ބައްދަލުވުމެވެ. ހަނދާނުގައި ނެތް އެ ސޫރައަށް ސިފަޖެހުމެވެ. ދުނިޔޭގައި ހުރިތޯ ނޫނީ މަރުވީތޯ އެނގުމެވެ. އެވަރުން އޭނާ ހިތްހަމަޖައްސާލާނެއެވެ. ކުރަން ބޭނުން ކިތަންމެ ސުވާލެއް ހުއްޓެއްކަމަކު އެ މަންމައާ އެއްވެސް ޝަކުވާއެއްކުރާކަށް ނިމްރާ ބޭނުމެއްނޫނެވެ. ހަމައެކަނި ފެނިލުމުން ވެސް އެ މަންމައަށް އޭނާ ޝުކުރުވެރިވާނެއެވެ.

"ކޮންކަމަކާ ތި ވިސްނަނީ؟" ނިމްރާ އަނގައިން ނުބުނެ މަޑުމަޑުން އިންނާތީ އަރްސަލް އަހާލިއެވެ.

"ނުވިސްނަން" ނިމްރާ ހިނިތުންވެލިއެވެ. އަދި އަރްސަލް ދިއްކޮށްލި އަތުގައި ހިފިއެވެ.

ކާރުގައި ބުރުޖެހުމަށްފަހު އަރްސަލްއާއި ނިމްރާ އެނބުރި ހޮޓެލަށް އައެވެ. ޕެންޓްހައުސްއަށް ވަންއިރު އެތަން އޮތީ އެންމެން ދޫކޮށްފައި ދިޔަ ގޮތަށެވެ. ޑިޝްވޮޝާ ފުރިގެން ސިންކަށް ލީ ތަށިތައް ހުރީ ނުދޮވެއެވެ. ސޯފާތަކުގައި ހުރި ކުޝަންތަކުގެ ތަރުތީބު ގެއްލި ކޮފީ މޭޒުމަތީ ކޮފީބޮއެފައި ހުރި ޖޯޑުތައް ހުއްޓެވެ.

"އިހަށް މިތަން ސާފެއްނު ކުރަންވީ" އެޕާޓްމެންޓަށް ނަޒަރު ހިންގާލާފައި ނިމްރާ ބުންޏެވެ. ލައިގެން ހުރި ގަމީހުގެ އަތްކުރީ އުޅަންބޮށްޓަށްވުރެ މައްޗަށް އަރުވާލަމުން ނިމްރާ މަސައްކަތް ފެށިއެވެ. އަރްސަލް ވެސް ބަލާކަށް ނުހުއްޓެވެ. އޭނާ ސިންކުގައި ހުރި ތަށިތައް ދޮވެދެން ފެށިއެވެ. ދެ މީހުން ހަމަޖެހިލީ އެޕާޓްމެންޓް ސާފުކުރެވުމުންނެވެ.

ޓީވީއާ ކުރިމަތިވާގޮތަށް ހުރި ސޯފާގައި އަރްސަލްއާއި ނިމްރާ ތިއްބެވެ. ރަންކިއުމުގެ ޙަފުލާ ރޭވިފައި އޮތް ކޮންމެވެސް ވަރަކަށް އަރްސަލް އޮޅުންފިލުވައިދިނެވެ. ރާދިންއާއި ޝިހާނާ ވެސް އެ ޙަފުލާގައި ބައިވެރިވާނެކަން އަރްސަލް ބުންޏެވެ.

"އަހަރެން އަންނަ މަހު ކުރީ ކޮޅުގައި މެރީކުރަން މި ވިސްނަނީ، ވެޑިންއެއް ބާއްވަން ވިސްނަން، ސްކާލެޓްއަށް އޯކޭތަ؟" އަރްސަލް ބުންޏެވެ.

"އަހަންނަށް އޯކޭ، އެކަމަކު ބޮޑު ވެޑިންއެއް ބާއްވަން... އަރްސަލް އޯކޭތަ؟... އޭރުން އޯކްވާޑްއެއްނުވާނެތަ؟" ނިމްރާ ވިސްނީ އަރްސަލް މީގެ ކުރިން ކައިވެނިކޮށްފައި ހުރުމުން ބޮޑު ޙަފުލާއެއް ބޭއްވުމަށް އަރްސަލް ބޭނުންނުވާނޭކަމަށެވެ.

"އަހަރެން ދޯ ކައިވެނިކުރަނީ، އެހެންނޫނަސް އަހަރެން ބޭނުން ވެޑިންޑްރެސްގައި ސްކާލެޓް ހުންނަ ގޮތް ދުށުމަށް" ނިމްރާ އަތުގައި ހިފައި ގާތަށް ދަމާލަމުން އަރްސަލް ކޮށްލި ސަމާސާއާއެކު ދެ ޒުވާނުންގެ ހުނުމުގެ އަޑު ގުގުމާލިއެވެ.

"ކީއްކުރަން އެރޭގެ ވާހަކަދައްކަނީ، އެރޭ ކުރަންޖެހޭ ހުރިހާކަމެއް އަރްސަލް ކެތްނުލަވައިގެން ކޮށްފީމެންނު" އަރްސަލްގެ މޭގައި ޖަހާލަމުން ނިމްރާ ބުންޏެވެ.

"އެހެންވިޔަސް ތަފާތުވާނެ، ހަމަގައިމުވެސް އަހަރެން މިހާރު މިއުޅޭހެން އުޅޭކަށް ނުޖެހޭނެ ދޯ... ހަޤީޤީ މިނިވަންކަން ލިބޭނީ އޭރުން، ސްކާލެޓްއަށް އަދި އެނގޭނެ އަހަރެން މިބުނާ އެއްޗެއް" އަރްސަލް ނިތްއަރުވާލަމުން ހިނިތުންވެލިއެވެ.

* * * * *

ވިވިއަންއަށް އެނބުރި ނޯލެންގެ ގާތަށް ދެވިއްޖެކަން ޔަގީންކުރަން ޒިވަން ގުޅިއެވެ. އެ ކޯލުގެ ތެރެއިން ޒިވަންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އޭނާ ވިވިއަންއާ ކުރިމަތި ކުރުވިއެވެ. ވިވިއަންގެ ބަސްހުއްޓުނު ގޮތުން އޭނާ ކަމެއް ސިއްރުކުރާކަން ޒިވަންއަށް ޔަގީންވިއެވެ. ހަމައެއާއެކު ޒިވަންގެ ސުވާލުތަކަށް ޖަވާބުދޭން ވިވިއަން ފާޅުގައި ދެކޮޅުހެދިއެވެ.

"ނިމްއަކީ ކާކުކަން މަންމައަށް އެނގޭތީ އެހާ ފަސޭހައިން އެއްބަސްވީ އޭނާގެ ގާތުގައި ހުންނަން، ނިމްގެ ފެމެލީ އެނގޭތީ ނިމްއަކީ ކާކުކަން މަންމައަށް އެނގޭނީ" ޒިވަން ބުންޏެވެ. އަދި ވިވިއަން އިތުރު އެއްޗެއް ނުބުނުމުން ފޯނުކޯލު ކަނޑާލީ ހިތްހަމަނުޖެހި ހުރެއެވެ. މީގެ ކުރީން ދުވަހަކުވެސް ވިވިއަން ކަމެއް ސިއްރުކޮށްފާނޭ ޒިވަން ހީނުކުރެއެވެ. ވިވިއަންގެ އުޅުމުގައި ވެސް އެފަދަ ގޮތެއް ނުހުރެއެވެ. ހަމައެއާއެކު ހަޤީޤަތް ފޮރުވުމަށް ޓަކައި އެހާ ފާޅުކަން ބޮޑުކޮށް ދެކޮޅު ހަދާފާނޭ ވެސް ޒިވަން ހިޔެއްނުކުރެއެވެ.

އޮފީހުގައި އިނދެފައި ޒިވަން ނުކުތީ ސްކާލެޓް ގޮމަ ހޮޓެލްއަށް ދިއުމަށެވެ. އޭނާގެ ކާރުގައި ހޮޓެލަށް އައީ އާންމުކޮށް ދުއްވާވަރަށް ވުރެ ބާރަށެވެ. ކާރު ޕާކުކޮށްފައި އައިސް ހޮޓެލަށް ވަންނަމުން އަތުކުރީ އޮތް ގަޑިއަށް ޒިވަން ބަލާލިއެވެ. މެންދުރު އެކެއްޖަހައި ދިޔައީއެވެ. ނިމްރާ އިންނާނީ މިވަގުތު އޮފީހުގައިކަން އޭނާއަށް އެނގެއެވެ. ކެތްތެރިކަން ކުޑަވެފައި ހުރިވަރުން އެވަރު ވިސްނާނުލާ ޒިވަންއަށް އާދެވުނީއެވެ. އެލެވޭޓާއަށް ވަނުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ޒިވަން ލިއެވެ. އެލެވޭޓާ އައިސް ހޮޓެލްގެ އޮފީސްބަޔަށް މަޑުކޮށްލިއެވެ. ހުޅުވުނު ދޮރުން ޒިވަން ނުކުމެގެން އައިސް އިދާރީ ހުރިހާ ކަމެއް ހިންގާ ބައިގެ ދޮރުން ވަނެވެ. ޒިވަންގެ މިސްރާބު ހުރީ ނިމްރާގެ ކެބިންއަށެވެ.

"ޔެސް... ވަދޭ" ދޮރުގައި ޓަކި ޖެހުމުން ނިމްރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ޒިވަން... މިގަޑީގައި، ކަމަކުތަ؟" ހުޅުވުނު ދޮރުން އެތެރެއަށް ވަން ޒިވަން ފެނުމާއެކު ނިމްރާ ވަގުތުން ވާހަކަދެއްކިއެވެ. އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. މިނޫނީ ޒިވަން އަންގާލުމެއްނެތި އޭނާގެ ކެބިންއަކަށް ނާދެއެވެ.

"ކަމަކު... މީ... ނިމް މިއަދު އޮފީސް ނިންމާފައި އެޕާޓްމެންޓަށް ދަމުން އަހަންނަށް އަންގާލައްޗޭ" ބުނަންވީ އެއްޗަކާ މެދު ވިސްނާލާފައި ޒިވަން ވާހަކަދެއްކި ކަހަލައެވެ.

"ސާބަސް... ޒިވަން ގުޅާލާފައި ވެސް ބުނެވުނީހެންނު، އަރްސަލް ބުނެގެން ދޯ ތި އައީ... އަހަންނަށް އުނދަގޫކޮށްލާ ހިތުންތަ" ހިނިއައިސްފައި ނިމްރާ ބުންޏެވެ. ބަދަލުގައި ޒިވަން ވެސް ހީނލީއެވެ.

"މިއަދު އަދި ނުފެންނާތީ މިއައީ، ދެން ދަނީ، ހަނދާންކޮށް ގުޅައްޗޭ" ހިނިތުންވެލައިގެން ހުރެ ޒިވަން ބުނެލިއެވެ. ނިމްރާ ބޯޖަހާލީއެވެ.

ހޮޓެލްގައި ޒިވަންއަށް ޚާއްޞަކުރެވިފައި ހުރި ކެބިންގެ ތެރޭގައި އޭނާ އިނީ ނިމްރާ ގުޅާނޭ އިރެއްގެ އިންތިޒާރުގައެވެ. ވިވިއަންއާއި ނިމްރާއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އޮޅުން ފިލުވަން ޒިވަން ބޭނުންވެއެވެ. ކުރިން އޭނާއަށް އެކަން މުހިންމު ނުވިޔަސް ވިވިއަންގެ ޠަބީޢަތަށް އައި ބޮޑު ބަދަލާއި ނިމްރާއާ ވަކިވާން ޖެހުމުން އޭނާ އުޅުނު ގޮތް ފެނުނު ކޮންމެ މީހަކު ސުވާލު އުފެދޭނެކަން ގައިމެވެ. ރަންދޯދިގެ ވިވިއަންއަށް އެނގެންވީ ގޮތެއް ވެސް އޭނާ ޒިވަންގެ ގާތަކު ނުބުނެއެވެ. ޖަވާބު ހޯދަން ދާންވީ މިސްރާބެއް ކަނޑައެޅިގެން ނޭނގޭތީ ހޯދާބަލާނޭ ގޮތެއް ވެސް ޒިވަންއަކަށް ނުވިސްނެއެވެ. ނިމްރާއާ ވާހަކަދައްކަން ޖެހެނީ އެހެންވެއެވެ.

ފަސްގަޑި ފަނަރަ ހިނގިފަހުން ޒިވަންއަށް ނިމްރާ ގުޅިއެވެ. އޭނާ ހުރީ އެޕާޓްމެންޓްގައި ކަން ޒިވަންގެ ގާތުގައި ބުންޏެވެ. އެއާއެކު ނިކަން އަވަހަށް ޒިވަން އެބަ އަންނަން ކަމުގައި ބުނެ ކޯލު ކަނޑާލިއެވެ.

"ތި އައީ ދޯ... ސައިބޯންވީނު؟ ބަނޑަށް އެއްޗެއް ލާންވެގެން މިއުޅެނީ" އެޕާޓްމެންޓުގެ ދޮރުހުޅުވާލައި ޒިވަން ވަންނަން ދެން މަޑުކުރުމެއްނެތި ނިމްރާ އެތެރެއަށް އައީ ބަދިގެއަށް ވަންނާށެވެ.

"އޯކޭ" ޒިވަން ބުނެލިއެވެ.

"މަންމައަށް އެކޮޅަށް ދެވިއްޖެ، ނިމްއަށް ސަލާމްބުނި" ސޭންޑްވިޗްއާއި ބައެއް ހެދިކާ ތަށްޓަކަށް އަޅަން އުޅުނު ނިމްރާއަށް ބަލަން އިނދެ ޒިވަން ބުނެލިއެވެ. އޭނާގެ ބޭނުމަކަށްވީ ދުރުދުރުން ވާހަކަފެށުމެވެ. ނިމްރާއަށް ކަމަކަށް ޝައްކުވިޔަ ނުދިނުމެވެ.

"އެހެންތަ؟ ދެން އަވަހަކާ މިކޮޅަކަށް ނާންނާނެ ދޯ... ކީއްވެތަ ވިވިއަން ރާއްޖެދެކެ އެހާ ފޫހިވަނީ، ގައިމު ޒިވަން ވެސް ތިއުޅެނީ މިކޮޅުގައެއްނު" ނިމްރާ ބުންޏެވެ.

"ބައްޕަގެ މިކޮޅުގެ ބިޒްނަސް ހޭންޑްލް ކުރާނޭ މީހަކުނެތް، މަންމަ މިކޮޅުގައި ހުންނަން ބޭނުންނުވާތީ ބައްޕަ ވެސް މިކޮޅަށް ނާންނަނީ، އަހަރެން ނޫނީ އިތުރު ދަރިއަކު ނުހުރޭ، އެހެންވެ ބައްޕަ ނިންމީ އަހަރެންނަށް ވިޔަފާރީގެ ކަންކަން އެނގެންދެން މިކޮޅުގެ ކަންކަން ވެސް ބައްޕަ ބަލަހައްޓަން، އޭރު އަހަރެން ވެސް މިކޮޅުގައި ހުރީ، ދުވަސްކޮޅަކު މިކޮޅުން ކިޔެވީ ވެސް، މަންމަ އަންނާނީ މިހާރު ވެސް އެ އަންނަ ގޮތަށް އެއް ހަފްތާގެ ޗުއްޓީއެއް ހަދާލަން" ޒިވަން ކިޔައިދިނެވެ.

"ޒިވަން ބުނީ ތެދެއް، އަހަންނަށް ޤަބޫލެއް ވެސް ނުކުރެވުނު ވިވިއަންގެ ތިހާ ބޮޑު ދަރިއަކު ހުރެދާނެއެކޭ" ހިނިއައިސްފައި ނިމްރާ ބުނެލިއެވެ.

"ނިމް، މަންމަ ބުނިތަ އެއްވެސް ވާހަކައެއް، މިބުނީ... ރަންދޯދިގެ މަންމައަށް އެނގޭ... އެނގެނީ ކީއްވެކަން ބުނިތަ؟" ޒިވަންގެ ސުވާލުތަކަށް ޖަވާބު ހޯދަން އޭނާ ފެށިއެވެ.

"އޯ، އާން!... އެއީ ވަރަށް ބޮޑު އިއްތިފާގެއް، ޒިވަންއަށް އެނގޭތަ، ވިވިއަންއަށް އަހަރެންގެ ބައްޕަ އެނގެއޭ ބުނީ، އަހަރެންގެ މަންމަ ވެސް އެނގޭ، މީގެ ކުރީން އަހަންނަށް އެނގިފައިނުވާ ކަންކަން ވިވިއަންގެ ފަރާތުން އެނގުން، އަހަންނަށް އަހަރެންގެ މަންމައެއް ނޭނގޭ، މަންމަގެ ނަން އެނގުނަސް އެއީ ކިހިނެއް ހުންނަ މީހެއްކަމެއް ވެސް ނޭނގޭ، އުޅެނީ ކޮންތާކުކަމެއް ވެސް ނޭނގޭ، ވިވިއަން ބުނީ އަހަރެންގެ ބައްޕަ މެރީ ކުރީ ކުއްލިއަކަށޯ، ކުރީގަ ވިވިއަންއާއި އަހަރެންގެ ބައްޕައަކީ ފްރެންޑްސުންކަމަށް، އެ އެކުވެރިކަން ބަދަލުވީ ކީއްވެކަމެއް ވިވިއަން ނުބުނޭ، އަހަރެންގެ މަންމަ އަހަރެން ދޫކޮށްލާފައި ދިޔައީ ނުބަލަންވެގެންނޭ ބުނީ، ބައްޕަދެކެ މަންމަ އެއްގޮތަކަށް ވެސް ލޯބިނުވާކަމަށް، އެކަން ބައްޕައަށް ވެސް އެނގޭކަމަށް، ވަން އިޔާ ވަންދެން އެކުގައި އުޅެފައި ދަރިފުޅު ލިބުމުން ބައްޕައާ ހަވާލުކޮށްފައި ދިޔައީކަމަށްވަނީ، ވިވިއަން އެދުނީ ބައްޕައާއި މަންމައާ ބެހޭގޮތުން އިތުރަށް ސުވާލު ނުކުރަން.... އެހެންވެ އިތުރަށް އަހާކަށް ނުކެރުނު، ޒިވަން، މީ ކިހާ ބޮޑު އިއްތިފާގެއް، ނޫންތަ" ނިމްރާ ކޮފީތަށި ގެނެސް ކާމޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ޒިވަން މަޑުމަޑުން ބޯޖަހާލީ ކޮންމެވެސް ފިކުރެއްގައި އިނދެއެވެ.

"ނިމްގެ ބައްޕައަކީ ކާކު" ޒިވަން ޔަގީންކޮށްލަން ބޭނުންވީއެވެ. މިޢުވާނާއި ނިމްރާއާ އޮތް ގުޅުމަކީ ކޮބައިތޯ އޮޅުންފިލުމުގެ ތެރޭގައި ނިމްރާގެ ޢާއިލާއާއި ރަންދޯދިގޭގެ މަޢުލޫމާތި ޒިވަން ހޯދިއެވެ. އެ މަޢުލޫމާތުތައް މިހާރު އޭނާގެ އަތަކުނެތެވެ. އެހެންނަމަވެސް ޒިވަން ހަނދާންވާގޮތުގައި އެ ފައިލުގައި ވެސް ނިމްރާގެ މަންމައާ ބެހޭ މަޢުލޫމާތެއްނެތެވެ.

"ނައުފަލް، އަސްލު އެ ގެއަކީ ކާފަގެ ގެއެއް... ކާފައާއި މާމަގެ ހުރީ ބައްޕަ އެކަނި، ބައްޕަ މެރީ ކުރީ ވެސް ހަމައެކަނި މަންމައާ، ވިޝާކާ ކިޔަނީ، މަންމަ ލޯބި.." ނިމްރާގެ ވާހަކަ ހުއްޓުވީ ޒިވަންއެވެ.

"ވިޝާކާ... އެއީތަ ނިމްގެ މަންމައަށް ކިޔާ ނަމަކީ" ޒިވަންގެ ރޫޖެހިފައިވާ ނިތުން އޭނާގެ ސީރިއަސްކަން ފާޅުވެއެވެ.

"އާން، ވިޝާކާ... ވިޝާކާ އާމިރު، ޒިވަންއަށް މި ކަމާ ބެހޭ އެއްވެސް ވާހަކައެއް ވިވިއަން ކިޔައިދިންތަ؟" ނިމްރާ ސުވާލު އުފެދުނެވެ. ހަމައެއާއެކު ޒިވަންގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހައިރާންކަން ލިބިގެންދިޔައެވެ.

އެޕާޓްމެންޓަށް އަރްސަލް ވަންއިރު ކާމޭޒުދޮށުގައި ޒިވަންއާއި ނިމްރާ ސައިބޯން ތިބިތަން ފެނުނެވެ. އޭނާއަށް ވެސް ސައިބޯން އައުމަށް ނިމްރާ ގޮވާލިއެވެ. އެހިސާބުން ޒިވަންއާއި ނިމްރާ ދައްކަމުންދިޔަ ވާހަކަ މެދުކެނޑިއްޖެއެވެ. ޒިވަން އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް ނުބުނާތީ ނިމްރާ ވެސް އެ މައުޟޫޢުއަށް ވާހަކަދައްކާކަށް ބޭނުމެއްނުވިއެވެ. އަރްސަލްއާއި ޒިވަން އެ މީހުންގެ އަމިއްލަ ވާހަކައެއް ފެށީއެވެ.

"އާނާއާއި ރާދު އިރުކޮޅަކުން އަންނާނެ" ނިމްރާ ގެނެސްދިން ކޮފީތަށިން އެތިފޮދެއް ބޯލާފައި އަރްސަލް ބުނެލިއެވެ.

"ޒޭވިއާ... ކަލެއަށް ކޮފީބޮވިއްޖެއެއްނު، ދެން އަހަރެމެންނަށް ވަގުތު ދީފައި ދާންވީނު" އަރްސަލް ބުނެލިއެވެ. އެ އަޑުއަހަން ހުރި ނިމްރާ ދެ ލޯ ބޮޑުކޮށްލުމާއެކު އަރްސަލްގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. ޒިވަން އަނގަފުޅާކޮށް ފެށީ ބާރަށް ހޭށެވެ.

"ޝީ އިޒް މައި ލިޓްލްވަން، އަހަރެން ދާނީ އަހަރެން ބޭނުންއިރަކުން، އެހެންނޫނަސް އަހަރެން މިތާ އިންދާ ދޯ ކަލޭ ތިއައީ، އަހަރެމެން ދެ މީހުންގެ ޕްރައިވެސީއޭ އެ ގެއްލުނީ" ހީނހީފައި ޒިވަން ބުނެލިއެވެ. އަދި ގޮނޑީގައި އިހު އިން ގޮތަށްވުރެ ބޮޑަށް ހަމަޖެހިލިއެވެ.

"އަހަންނޭ އޭނައާ އިންނަން މިއުޅެނީ" އަރްސަލް ބުނެލިއެވެ.

"އަދި ނުއެއް އިނދެވެއެއްނު، މިހާ އަވަހަށް މިލްކުކުރަން ނޫޅޭ" ޒިވަން ވެސް އަރްސަލްއަށް ދުލެއްނުކުރިއެވެ.

"މިތިބަ ދެ މީހުން، އަހަރެން ހިނގައިދާނަން މިތަނުން" ނިމްރާ ބުނެލިއެވެ.

ޒިވަން ނުކުމެގެން ދިޔައީ ރާދިންއާއި ޝިހާނާ އެޕާޓްމެންޓަށް އައުމުންނެވެ. އޭނާ އެނބުރި އައިސް ވަނީ އޭނާގެ އޮފީހަށެވެ. އިރުކޮޅަކު އޭނާ ވިސްނަން އިނީ ނިމްރާ ކިޔައިދިން ވާހަކަތަކާ މެދުއެވެ.

"އަސްލު ނަން ބުނިޔަ ނުދީ މަނާކުރީ އެހެންވެދޯ، ވިޝާކާއޭ ބުނުމުން ނިމްއަށް އޭނާގެ މަންމަގެ މަތިން ހަނދާންވާނޭކަން އެނގޭތީ... ވިޝާކާއާއި ވިވިއަންއަކީ އެކަކު، ނިމްއަށް އޮޅުވާލެވުނަސް އަހަންނަށް އޮޅުވާލެވިދާނޭކަމަށް މަންމަ ހީކުރީތަ؟" ގޮނޑީގެ އަތްގަނޑުގައި ދެއަތުން ބާރަށް ޒިވަންއަށް ހިފާލެވުނެވެ. ނިތްކުރީގައި ކަނާއަތް ހިންގާލާފައި ތުނބުޅިމަތިމަހުގައި ވެސް ޒިވަން އަތްހާކާލިއެވެ. އިންތަނުން ކުއްލިއަކަށް ތެދުވެ ކެބިންއިން ނުކުމެ ދޮރު ލައްޕާ ތަޅުލިއެވެ. އަދދި ޒިވަން މިސްރާބު ޖެހޭ އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ދިއުމަށެވެ. ވިސްނުމުގައި ހުރީ ގެއަށް ދެވުމުން ވަގުތުން އޭނާގެ މަންމައަށް ގުޅުމަށެވެ. (ނުނިމޭ)