ހަބަރު

ލައްކައަކަށް ވުރެ ގިނަ ވަޒީފާ އުފައްދައި ރައީސްގެ ވައުދު ފުއްދައިފި: މިނިސްޓްރީ

ރައީސް އަބްދުﷲ ޔާމިންގެ ޒުވާނުންގެ މެނިފެސްޓޯގައި ހިމަނާފައިވާ 94،000 ވަޒީފާގެ ފުރުސަތު ޔަގީންކޮށް، ވަޒީފާ ހުޅުވާލި ދާއިރާތަކާއި އަދަދުތައް ސަރުކާރުން އާންމުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ވަނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނިމުނު އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އުފެއްދި ވަޒީފާތަކުގެ ތަފާސްހިސާބު ހިމެނޭ ލިސްޓެއް އާންމުކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ ޖުމްލަ 104،048 ވަޒީފާ އުފައްދާފަ އެވެ. އެއީ އިގްތިސޯދީ ދާއިރާއިން 47267 ވަޒީފާ، ފަތުރުވެރިކަމުގެ ދާއިރާއިން 15،274 ވަޒީފާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން 6480 ވަޒީފާ އަދި ސަރުކާރު އަމިއްލަ ކުންފުނިތަކުން 8864 ވަޒީފާގެ ފުރުސަތެވެ.

މި ތަފާސްހިސާބު ދައްކާގޮތުން މި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތަކުން އެކަނިވެސް މި ހަތަރު އަހަރުގެ ތެރޭގައި ވެސް 13،150 ވަޒީފާ ވަނީ އުފައްދާފަ އެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެވަނަ ފޭސްގެ ތަރައްގީއާއެކު އުފެދުނު 10،250 ވަޒީފާއާއި، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ސީދާގޮތުންނާއި ނުސީދާ ގޮތުން އުފެދުނު 2900 ވަޒީފާ ހިމެނެ އެވެ. މި އަދަދު ސިނަމާލެ ބްރިޖްގެ ކަންކަން މުޅިން ހަމަޔަކަށް އެޅުމާއެކު އިތުރުވެގެންދާނެ ކަމަށް އެ ލިސްޓުގައި ލަފާކޮށްފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ތަފާސްހިސާބުގައި ހިމަނާފައިވާ ގޮތުން މި މުއްދަތުގައި ސިވިލްސާވިސް ކޮމިޝަނުން ވެސް ވަނީ 9864 ވަޒީފާ އުފައްދާފަ އެވެ.

މި އަދަދުތަކާއެކު ޖުމްލަ އެއްލައްކައަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު މިސަރުކާރުން އުފައްދާފައިވާއިރު، މި ދިޔައަހަރުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގަމުންދާ އުމްރާނީ ތަރައްގީގެ ޕްރޮގްރާމްތަކާއި އުފެއްދުންތެރިކަން އިތުރު ކުރުމުގެ މަޝްރޫއުތަކުން ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94,000 ވަޒީފާ އުފެއްދުމުގެ ވައުދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެ ވައުދުގެ ދެބައިކުޅައެއްބައި ފުރިހަމަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.