ހަބަރު

ރައްޔިތުން ބޭސްފަރުވާއަށް ކުރަން ޖެހޭ ހަރަދު 29 ޕަސެންޓަށް ދަށް ކުރެވިއްޖެ: ހެލްތް

ބޭސް ފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތައް ކުޑަކޮށް، ސިއްހީ ދާއިރާ ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި ފަސް އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ ސަބަބުން ފަރުވާއަށް ރައްޔިތުންގެ ޖީބުން ކުރާ ހަރަދު 29.5 ޕަސެންޓަށް ދަށްކުރެވިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސިއްހީ ދާއިރާގެ ފަސް އަހަރުގެ ކާމިޔާބީ ހިމަނައި މިނިސްޓްރީއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ބޭސް ފަރުވާއަށް ރައްޔިތުންގެ ޖީބުން ހަރަދުކުރާ މިންވަރު 2011 ވަނަ އަހަރު ނިމުނު އިރު 49 ޕަސެންޓްގައި އޮއްވައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން، ހުސްނުވާ އާސަންދަ ސްކީމް ތައާރަފްކޮށް، ރައްޔިތުންނަށް ދޭން ފެށި ހިދުމަތާއެކު 2015 ވަނަ އަހަރު ނިމުނުއިރު އެ އަދަދު 29.5 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން އާސަންދަ މެދުވެރިކޮށް މިހާތަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، ލިވާ ޓްރާންސްޕްލާންޓާއި ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެކަނިވެސް މި ފަސް އަހަރުގެ ތެރޭގައި ސަރުކާރުން 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ރާއްޖެއިން މީގެ ކުރިން ނުކުރެވޭ ހިތުގެ ފަރުވާއާއި އެނޫންވެސް ބައެއް ހިދުމަތްތަކަށް އިޝާރާކޮށް ހެލްތުގެ ރިޕޯޓުގައި ބުނެފައިވަނީ 2016 ވަނަ އަހަރު އައިޖީއެމްއެޗް ގައި ހުޅުވި ނޭޝަނަލް ކާޑިއެކް ސެންޓަރުން މިހާތަނަށް ބައިލައްކަ އަށްވުރެ ގިނަ މީހުންނަށް ހިދުމަތްދީފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ އެމްއާރްއައި ސެންޓަރުން ވެސް މިހާތަނަށް 15،316 މީހުންނަށް 19،434 ޕްރޮސީޖާ ހަދައިދީފައިވާއިރު މި ހިދުމަތްތަކަކީ އާސަންދައިގެ ދަށުން ދޭ ހިދުމަތްތަކަކަށް ވުމުން، މި ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ އަތުން ހޭދަކުރަންޖެހުނު އެތަކެއް ރުފިޔާއެއް ސަލާމަތްކުރެވިފައިވާ ކަމަށެވެ.

"ތެލެސީމިއާ ބަލީގެ ފަރާތްތައް އިހުމާލުނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތެލެސީމިއާއަށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖެހި، 57 ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާގެ އިންތިޒާމު ވަނީ ހަމަޖެއްސާފަ. މިކަމުންވެސް މީގެކުރިން ރައްޔިތުންނަށް އަމިއްލަ ޖީބުން ހަރަދުކުރުމަށް ނުކުޅެދިފައިވާ ގިނަ އާއިލާތަކަށް ދިރިއުޅުމުގެ އުއްމީދު އާވެގެންދިޔަ،" ހެލްތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މި ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ވަނީ، ސިއްހީ ދާއިރާ ތަރައްގީކޮށް އިންގިލާބެއް ގެނެސްދެއްވާފަ އެވެ.

"ދުނިޔޭގައި އެވަރެޖްކޮށް އާބާދީގެ ކޮންމެ 10,000 މީހަކަށް 15 ޑޮކްޓަރުން ހިދުމަތުގައި ތިބޭއިރު، 2017 ވަނަ އަހަރު ރާއްޖޭގައި މިމިންގަނޑު ހުރީ ކޮންމެ 10,000 މީހަކަށް 24 ޑޮކްޓަރުންގެ ނިސްބަތުގަ،" ހެލްތު މިނިސްޓްރީން ބުންޏެވެ.

ދިވެހި ޑޮކްޓަރުން ހާއްސަ ދާއިރާތަކުން ތަމްރީންކުރުމަށް ކޮންމެ އަހަރަކު ފަސް ޑޮކްޓަރުން ކިޔަވަން ފޮނުވުމަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް، މި ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 12 ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ބޭރަށް ފޮނުވާފައިވާ ކަމަށްވެސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މިހާރުވެސް 60 ޑޮކްޓަރުން ރާއްޖެއިން ސްޕެޝަލައިޒްވުމަށް ތަމްރީންވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.