ވިޔަފާރި

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ ނިންމައި ފްލައިޓް ޖެއްސުން 19 ގައި

ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގައި ތާރު އަޅައި ނިންމައި، ޓެސްޓް ފްލައިޓް މިމަހުގެ 19 ވާ ބުރާސްފަތި ދުވަހު ޖައްސަން ތައްޔާރު ވެއްޖެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އިބްރާހިމް ޒިއަތު "އަވަސް" އަށް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ރޭ އެއްކޮށް ނިމިފައިވާ ކަމަށެވެ.

"ރަންވޭގައި ތާރު އަޅައި ކުރަހައި ވެސް ނިންމާ ލެވިއްޖެ. ރަންވޭއާއެކު ޓެކްސީވޭ އާއި އެއާޕޯޓާއެކު މަގުތައްވެސް ވަނީ ނިމިފައި،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ އެމްޓީސީސީއިން އެއާޕޯޓެއްގައި ކުރި އެންމެ އަވަސް މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ތަފާތު ކަންތައްތަކެއް ދިމާނުވިނަމަ އެއް މަސް ކުރިން މި މަސައްކަތް ނިމިފައިވާނެ ކަމަށް ޒިއަތު ވިދާޅުވި އެވެ.

"ކުޅި ހިއްކުމާއި ގެތަކުގެ މަސައްކަތް ފަދަ ކަންކަމުން ލަސްވީ. އެހެންނޫނަމަ މިހާރު އެއާޕޯޓު ނިމުނުތާ މަހެއް ވެދާނެ،" ޒިއަތު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އަޅަނީ، އެ ރަށުގައި ބޮޑު ކުޅީގެ 30 ޕަސެންޓް ހއްކައިގެންނެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ. އެމްޓީސީސީއިން އަލަށް ގެނައި ބިން ހިއްކާ ބޯޓު "މަހާޖައްރާފު" އިންނެވެ. ސަރުކާރުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ރަންވޭގެ އަޅަންވެސް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެމަސައްކަތް ހަވާލު ކުރީ 50.9 މިލިއަން ރުފިޔާ އަށެވެ.