ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ކުންފުނި ކަމަށްވާ، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެތެރޭގެ އުދުހުންތަކަށް ނުކުންނަން ނިންމައިފި އެވެ.
ޓީއެމްއޭ އިން ދަނީ ވީލް ބޭސް އޮޕަރޭޝަން ނުވަތަ ރަންވޭއަށް ޖައްސާ ބޯޓުގެ ހިދުމަތް ފަށަން ތައްޔާރު ވަމުންނެވެ.
ޓީއެމްއޭގެ އޮޮޕަރޭޝަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން މި އަހަރުގެ ތިންވަނަ ކްއާޓަރުގައި އިތުރު ސީޕްލޭން ގެނެސް، ސީޕްލޭންގެ އަަދަދު 60 އަށް އިތުރު ކުރުމުގެ އިތުރުން އޭޓީއާރު މަތިންދާ ބޯޓު ގެނެސް އެތެރޭގެ އުދުހުންތައް ފަށަން ވެސް ވަނީ ނިންމާފަ އެވެ. މި ދަތުރުތަކުގެ ބޭނުމަކީ ޓޫރިސްޓުން އުފުލުހުގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ޓީއެމްއޭ އިން އެތެރޭގެ އުދުހުންތައް ފަށަން ނިންމާފައިވާއިރު، މި ކުންފުނިން މި އޮޕަރޭޝަންގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ މި އަހަރު ހުޅުވާ، ޓީއެމްއޭގެ އެއް ހިއްސާދާރު ކަމަށްވާ ޗަމްޕާ ކުންފުނިން ހިންގާ ޅ. މަޑިވަރު އެއާޕޯޓެވެ. އެ ރަށުގައި ހެނގަރާއި މިނޫންވެސް ވަސީލަތް ގާއިމް ކުރާނެ އެވެ.
ޓީއެމްއަކީއަކީ ކޮން ބައެއް؟
ޓީއެމްއޭގެ ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ 1989 ގަ އެވެ. މި ވިޔަފާރި ފެށީ ރާއްޖޭގެ މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި ބޭރުގެ ޕާޓްނަރަކު ގުޅިގެންނެވެ. ފުރަތަމަ މި ކުންފުނިން ހިދުމަތް ދިނީ ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސްގެ ނަމުގައި ހެލިކޮޕްޓަރު ހިދުމަތެވެ. ފުރަތަމަ ސީޕްލޭން އުދުއްސާފައި ވަނީ 1997 ވަނަ އަހަރު އެވެ. އެ ކުންފުނިން ވަނީ މި ވިޔަފާރީގައި ހޭދަކުރި 30 އަކަށް އަހަރުތެރޭގައި ޓޫރިޒަމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އަދި ރާއްޖޭގެ ތާރީހުގައި ހިންގި ކުންފުންޏެއްގެ ހިއްސާއެއް ވިއްކާލުމުގެ އެންމެ ބޮޑު މުއާމަލާތް ވެސް ހިންގާފައިވަނީ ޓީއެމްއޭއިން ނެވެ.
އެމެރިކާގެ ބްލެކް ސްޓޯން ކުންފުނިން 250 މިލިއަން ޑޮލަރަށް ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަނެ، 2017 ވަނަ އަހަރު އެމެރިކާގެ ބައިން ކެޕިޓަލް އެލްޕީ އާއި ޗައިނާގެ ޓަމްޕަސް ގްރޫޕަށް 550 މިލިއަން ޑޮލަރަށް ވަނީ ވިއްކާލާފަ އެވެ. އަދި މިހާރު މިއީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ނުފޫޒު ގަަދަ އެއް ކުންފުންޏެކެވެ. ރާއްޖޭގެ ސީޕްލޭން ވިޔަފާރީގެ ބޮޑު ބައެއް ޓީއެމްއޭއިން ކޮންޓްރޯލް ކުރާއިރު، ވީއައިއޭގައި އަލަށް ހަދައި ހުޅުވަން ތައްޔާރުވެފައިވާ ސީޕްލޭން ޓާމިނަލްގެ ސްލޮޓް ބެހުމުގައި އެ ކުންފުނިން ނުފޫޒު ފޯރުވާކަމުގެ އަޑުތައް ފެތުރި މިދިޔަ އަހަރު އެކަމުގައި ބޮޑު މައްސަލަ ގަނޑެއް ހިލުނެވެ. ނަމަވެސް ސަރުކާރު މެދުވެރި ވެގެން އެކަން ވަނީ ހައްލު ކޮށްފަ އެވެ.
ޓީއެމްއޭއިން އެތެރޭގެ އުދުހުންތަކަށް ނުހުންނައިރު، މިހާރު ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިލާ އެއާ އެވެ.