ދުނިޔެ

އެމެރިކާއަށް އެތެރެކުރާ ޗައިނާގެ 200 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑުކޮށްފި

Sep 18, 2018

ވޮޝިންގްޓަން (ސެޕްޓެމްބަރު 17) - އެމެރިކާ އަށް ޗައިނާއިން އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކޮށްފި އެވެ.

އިމްޕޯޓު ޑިއުޓީ ބޮޑުކޮށްފައިވާ މުދަލުގެ ތެރޭގައި ގާތްގަނޑަކަށް 6،000 އައިޓަމެއް ހިމެނޭއިރު، ސެޕްޓެމްބަރު 24 ވަނަ ދުވަހު 10 ޕަސަންޓް އިތުރުވާއިރު، ދެގައުމުގެ ދެމެދުގައި އެހެން ގޮތަކަށް އެއްބަސްނުވެވޭނަމަ، އަންނަ އަހަރުން ފެށިގެން ޓެކްސްގެ އަދަދު 25 ޕަސަންޓަށް އުފުލާނެ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ދެގައުމުން ފެށި މަޝްވަރާތަކަށް ވެސް މާބޮޑު ކުރުއެރުމެއް ލިބިފައެއްނުވެ އެވެ. ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.

ޑިއުޓީ ބޮޑު ކުރުމާއި ގުޅޭ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޓެކްސް އިތުރުކުރަންޖެހުނީ، ނުހައްގުން ކުރެވޭ މުއާމަލާތްތަކާއި ސިޔާސަތުތައް ބަދަލުކުރަން ޗައިނާ އިން ދެކޮޅު ހަދާފައިވާތީ ކަމަށެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ނަމަވެސް، މިމަހު ޓެކްސް އިތުރު ކުރާ މުދަލުގެ ތެރޭގައި ފަރުނީޗަރާއި، އައިސް ކުރި މަހުގެ ބާވަތްތަތަކާއި، މޭވާ، އަދި ކުޑަ ކުދިންނަށް ހާއްސަ ބައެއް މުދާ ހިމެނޭތީ، އެކަމުގެ އަސަރު އާންމު ރައްޔިތުންނަށް ކުރާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.

ބަދަލުހިފުމުގެ ގޮތުން، ޗައިނާ އިން ޓެކްސް ބޮޑުކޮށްފައިވާ މުދާތަކުގެ ތެރޭގައި، އެމެރިކާއިން ފުޅާދާއިރާ އެއްގައި އެކްސްޕޯޓު ކުރާ އެކި ބާވަތްތަކުގެ މަހާއި، ސޯޔާ ބީންސް، ކާރު ހިމެނެ އެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުންވާނީ ޗައިނާ އަށެވެ. ސަބަބަކީ، އެމެރިކާއަށް ޗައިނާ އިން އެކްސްޕޯޓް ކުރާ މުދަލުގެ އަގު އަހަރަކު 500 ބިލިއަން ޑޮލަރަށް ވުރެ އިތުރާވާއިރު، އެމެރިކާ އިން އިމްޕޯޓު ކުރެވޭ އަދަދު ހުރީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގަ އެވެ.

މުދަލުގެ ބަދަލުގައި، އެޑިއުކޭޝަނާއި ޓޫރިޒަމް ފަދަ ހިދުމަތްތަކުން ޓެކްސް އިތުރުކޮށް، ޗައިނާގައި އިންވެސްޓުކޮށްފައިވާ އެމެރިކާ ކުންފުނިތަކަށް ދަތި ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާފާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މި މައްސަލަ ބޮޑު ވިޔަފާރީގެ ހަނގުރާމައަކަށް ބަދަލުވެ، މުޅި ދުނިޔޭގެ ބާޒާރަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.