ރެއާލް މެޑްރިޑް

ޒިދާންއަށް ވުރެ ލޮޕެޓެގީ މާރަނގަޅު: ބޭލް

ކުރީގެ ކޯޗް ޒައިނުއްދީން ޒިދާންއަށް ވުރެ، މިހާރުގެ ކޯޗް ހުލެން ލޮޕެޓެގީ މާ ރަނގަޅު ކަމަށް ރެއާލް މެޑްރިޑްގެ ފޯވަޑް ގެރެތު ބޭލް ބުނެފި އެވެ.

ބޭލް ބުނީ، ޒިދާން އާއި ލޮޕެޓެގީއާ ދެ ކޯޗުންގެ ތެރެއިން މޮޅު ކޯޗަކީ ކާކުކަން ކަނޑައަޅަން އޭނާ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ޒިދާންއަށް ވުރެ ލޮޕެޓެގީ އޭނާއަށް މާ ރަނގަޅު ކަމަށެވެ.

މިދިޔަ ދެ އަހަރާ ބައިގައި، ރެއާލް އަށް ޒިދާން ކޯޗު ކޮށްދިން އިރު، ބޭލް އާ އޭނާއާ ގުޅުން ރަނގަޅު ނޫންކަމުގެ އަޑުތައް ދޭތެރެދޭތެރެއިން މީޑިއާއިން ވަނީ ފަތުރާފަ އެވެ.

މިދިޔަ ސީޒަނަށް ފަހު، ޒިދާން ރެއާލް މެޑްރިޑް ދޫކޮށްލުމުން ބޭލް ފިޔަވައި ރެއާލްގެ އެހެން ހުރިހާ ކުޅުންތެރިން ވަނީ، ޒިދާންއަށް ހެޔޮއެދުންތައް ހިއްސާ ކޮށްފަ އެވެ.

"އަހަންނަކަށް ނޭނގެ ތި ސުވާލަށް އަހަރެން ޖަވާބު ދޭން ބޭނުންވާ ކަމެއް، ނަމަވެސް ޒިދާންއަށް ވުރެ ހުލެން [ލޮޕެޓެގީ] އަހަންނަށް މާ ރަނގަޅު." ޑެއިލީ މެއިލްއަށް ދިން އިންޓަވިއުގައި ބޭލްއާ ސުވާލު ކުރުމުން އޭނާ ބުންޏެވެ.

މިދިޔަ އަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ފުރަތަމަ 11 އިން އޭނާ އަށް ފުރުސަތު ނުދިނުމުން ބޭލް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"ތެދުތެދަށް ބުނަންޏާ އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި، އަހަރެން ރުޅިވެސް އައި،" މިދިޔަ އަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލުގައި ފުރަތަމަ 11 އިން ފުރުސަތު ނުދިނުމުން އެކަމާ ބެހޭގޮތުން ބޭލް ވާހަކަ ދެއްކި އެވެ. "އަހަރެން ގަބޫލު ކުރަނީ އަހަންނަށް ފުރަތަމަ 11 އިން ޖާގަ ހައްގު ކަމަށް، އެކަމާ ރުޅި އައިސް ހުރެގެން އަހަންނަށް ގޯލް ޖެހުނީވެސް."

ޗެމްޕިއަންސް ލީގްގައި، ލިވަޕޫލާ ދެކޮޅަށް 3-1 ގެ ނަތީޖާއިން ރެއާލް މޮލުވީ ބޭލް ކާމިޔާބު ކުރި ދެ ގޯލާއެކު އެވެ.

ބޭލް ބުނީ، ރެއާލް މެޑްރިޑް ދޫކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިޔަސް، ޓީމަށް މާބޮޑު ތަފާތެއް ނާންނަ ކަމަށާއި ޓީމު އިތުރަށް އެކުވެރި ވެފައިވާ ކަމަށް އޭނާ ބުންޏެވެ.