16 ސެޕްޓެމްބަރ 2018 އާ ގުޅޭ -- "އަސްލު ނަން ބުނިޔަ ނުދީ މަނާކުރީ އެހެންވެދޯ، ވިޝާކާއޭ ބުނުމުން ނިމްއަށް އޭނާގެ މަންމަގެ މަތިން ހަނދާންވާނޭކަން އެނގޭތީ... ވިޝާކާއާއި ވިވިއަންއަކީ އެކަކު، ނިމްއަށް އޮޅުވާލެވުނަސް އަހަންނަށް އޮޅުވާލެވިދާނޭކަމަށް މަންމަ ހީކުރީތަ؟" ގޮނޑީގެ އަތްގަނޑުގައި ދެއަތުން ބާރަށް ޒިވަންއަށް ހިފާލެވުނެވެ. ނިތްކުރީގައި ކަނާއަތް ހިންގާލާފައި ތުނބުޅިމަތިމަހުގައި ވެސް ޒިވަން އަތްހާކާލިއެވެ. އިންތަނުން ކުއްލިއަކަށް ތެދުވެ ކެބިންއިން ނުކުމެ ދޮރު ލައްޕާ ތަޅުލިއެވެ. އަދި ޒިވަން މިސްރާބު ޖެހޭ އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ދިއުމަށެވެ. ވިސްނުމުގައި ހުރީ ގެއަށް ދެވުމުން ވަގުތުން އޭނާގެ މަންމައަށް ގުޅުމަށެވެ.
އެޕާޓްމެންޓަށް އައިސް ވަން ޒިވަން އޭނާގެ ސްޓަޑީއަށް ވަދެ މޭޒުމަތީ ހުރި ލެޕްޓޮޕް ހުޅުވިއެވެ. މިވަގުތު ޗިކާގޯގައި ނޯލެންއާއެކު ހުރި ވިވިއަންއަށް ގުޅަން ސްކައިޕް ވެސް ހުޅުވިއެވެ. ރާއްޖެއާއި އެމެރިކާއާއި ދޭތެރޭ ހުރި ވަގުތުގެ ފަރަގަށް ޒިވަން ވިސްނާނުލިއެވެ. ލެޕްޓޮޕްގެ އިސްކުރީނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ދަތްކުނޑިވިކާލުމާއެކު އޭނާ ލެޕްޓޮޕް ލައްޕާލީއެވެ. ފައިގައި ދެ އުޅަންބޮށިކޮޅު ވިއްދާލައިގެން ދެއަތްތިލައިގެ ތެރޭ މޫނުފޮރުވާލައިގެން ޒިވަން އިރުކޮޅަކު އިނެވެ. އެހެން އިންއިރު ދެފަހަރެއްގެ މަތިން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލީ ދެނެވެ. މަޑުމަޑުން ގޮނޑިން ތެދުވީ ލައިގެން ހުރި ގަމީހުގެ ގޮށްތަށް ނައްޓަމުންނެވެ. ސްޓަޑީގެ ތެރެއިން ވަދެގެން ހުރި ނިދާކޮޓަރީގެ ދޮރު ކަހާލާފައި ޒިވަން އެތެރެއަށް ވަނެވެ. އުނުގައި އަޅާފައި އޮތް ބެލްޓު ނަގައި އެނދުމައްޗަށް އެއްލާލިއެވެ. ކޯޓުގައި ހަރުކޮށްފައިވާ ބުރޫޗު ނައްޓާލާއި ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލިއެވެ. ބައިބައިކޮށްފައިވާ އެ ވަތްގަނޑުން ބްރޫޗަށް ޚާއްޞަކުރެވިފައި ހުރި ބަޔަށް ކޯޓުން ނައްޓާލި ބްރޫޗު ލިއެވެ. އަދި އަތުކުރީގައިވާ ކަފްލިންކާއި ޓައިގައި ހަރުކޮށްފައި ހުރި ޓައީކްލިޕް ވެސް ނައްޓާލައި ވަތްގަނޑަށް ލިއެވެ. އޭނާ ދެން ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ.
ފެންމާގަނޑުން އޮހެމުންދިޔަ ފެންތަކުގެ ތެރޭ ޒިވަން ހުރީ ދެ ލޯ މަރާލައިގެންނެވެ. އޭރު ވެސް އޭނާ ވިސްނަމުންދިޔައީ މަންމަ ސިއްރުކުރަމުން އައި ކަންތައް އެނގިއްޖެކަން ހާމަކުރާނޭ ގޮތަކާމެދުއެވެ. އޭނާގެ ބައްޕައަށް ވިވިއަންގެ އިތުރު ދަރިއަކު ހުންނަކަން އެނގޭބާއޭ ޒިވަންގެ ހިތަށް އެރިއެވެ. ނޭނގޭކަމަށްވާނަމަ އެ ދެމެދުގައި ވެސް ބޮޑު ހަމަނުޖެހުމެއް ހިނގާނޭ ޒިވަންގެ ޟަމީރު ވިސްނައިދިނެވެ. އެހެންވިޔަސް އެ ހަޤީޤަތް އިތުރަށް ފޮރުވާކަށް ޒިވަން ބޭނުމެއްނޫނެވެ. ތަޤުދީރު އޭނާއާ ހަމައަށް ނިމްރާ ގެނެސްދިނީ އެ ބޮޑު ހަޤީޤަތް އެނގެންކަން ޒިވަން ޤަބޫލުކުރެއެވެ. އިތުރަށް އެނގޭކަމެއް ނޭނގޭކަމަށް ހެދުމަކީ އޭނާއަށް ވާނޭކަމެއްނޫނެވެ. މަންމައެއްކަމަކު މިފަހަރު ކަންތައް އެކުރީ ރަނގަޅަކަށްނޫނޭ ޒިވަންގެ ހިތަށް އަރަމުންދިޔައެވެ.
މޭޒުމަތިން ލެޕްޓޮޕް ނަގައިގެން އައިސް އެނދުގައި އިށީން ޒިވަން ފެންނަނީ ކުރިއަށްވުރެ ހަމަޖެހިފައިވާތަނެވެ. ހެޑްފޯނު ހެޔޮވަރުކޮށްލުމާއެކު ހުޅުވާލި ލެޕްޓޮޕްއިން ސްކައިޕް މެދުވެރިކޮށް ވިވިއަންއަށް ގުޅިއެވެ.
"ޒޭވިއާ" ކޯލަށް ޖަވާބުދިންތަން ފެނުނީ ނޯލެންއެވެ. ޒިވަން އޭނާގެ ބައްޕައާ ވާހަކަދެއްކުމަށްފަހު ވިވިއަން ކޮބާތޯ ސުވާލުކުރިއެވެ. އެއާއެކު ނޯލެން ހީނލާފައި ބުނީ މިފަހަރު ރާއްޖެއަށް ގޮސްފައި އައިފަހުން މާ ކައްކާހިތުން ވިވިއަން އުޅޭކަމުގައެވެ. އެމީހުންނަށް މެންދުރުވާން އުޅެނީ ކަމުގައި ބުނެ ބަދިގޭގައި ހަރަކާތްތެރިވަމުންދިޔަ ވިވިއަން ދައްކާލީ ދެނެވެ. ޒިވަން އޭނާގެ މަންމައާ ވާހަކަ ދައްކާލަން ބޭނުންވާކަން ހާމަކުރިއެވެ. އެކަމާ ވެސް ނޯލެން ކޮށްލީ ސަމާސާއެކެވެ. މިފަހަރު ރާއްޖެއަށް ކުރި ދަތުރަކީ ރަނގަޅު ދަތުރެއްކަމުގައި ނޯލެން ބުންޏެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ދެމެދުގައި އޮތް ގުޅުން ވެސް އިހުނަށްވުރެ ބަދަހިވެއްޖެއޭ އޭނާ ބުންޏެވެ. ވިވިއަން ކުރަން ހުރި މަސައްކަތް ހުއްޓާލައި އަޅައިގެން ހުރި އޭޕްރަންގައި އަތްފުހެލާފައި އެ ވެސް ނަގައި އެއްފަރާތުގައި ބާއްވާލާފައި އައިސް ނޯލެންގެ އަތުން ޓެބްލެޓް އަތުލައިގެން އެއްފަރާތްވެލިއެވެ.
"އަދިވެސް ހިތްހަމަނުޖެހިފަތަ؟ ޒޭވިއާއާ ޒުވާބުކުރާކަށް މަންމަ ބޭނުމެއްނޫން" ވިވިއަން ބުންޏެވެ.
"ނިމްގެ މަންމައަށް ކިޔަނީ ވިޝާކާ، އެހެންވެކަން އެނގޭ މަންމަ އޭނާގެ ގާތުގައި އަސްލުނަން ނުބުނީ، އެއްއަހަރު ވަންދެން މަންމަ ނުފެނި ހުރީމެންނު އަޅުގަނޑުމެންނަށް، މިހާރު އެނގިއްޖެ ކީއްވެކަން އެއީ... އަޅުގަނޑު އެނގެން ބޭނުންވަނީ އެންމެކަމެއް، ނިމްއަކީ މަންމަގެ ދަރިއެއްތަ؟" ޒިވަންގެ ވާހަކަތައް އަޑުއަހަން ވިވިއަން ހުރީ ހިމޭންވެފައެވެ. އެހެން ހުރިއިރު އޭނާއަށް ޔަގީނުން ވެސް ހުރިހާ ކަމެއް ޒިވަންއަށް އެނގިއްޖެކަން ޤަބޫލުކުރެވުނެވެ.
"ކީއްވެ މަންމަ ނުބުނަން ތިއުޅެނީ، އެއީ އަޅުގަނޑަށް އެނގެންޖެހޭ ކަމެއް، ބައްޕައަށް އެނގޭތަ؟ މިކަން ބައްޕައަށް ވެސް އެނގެންވާނެ، މަންމަ ބުނަން ބޭނުންނުވަންޏާ އަޅުގަނޑު އަމިއްލައަށް ޖަވާބު ހޯދާނަން، ނިމްއަކީ މަންމަގެ ދަރިއަކަށްވެއްޖެއްޔާ އެކަން އަޅުގަނޑު ސާބިތުކުރާނަން، މަންމައަށް ރަނގަޅަށް އެނގޭނެ އަޅުގަނޑު ބޭނުންވެއްޖެނަމަ ކަމެއް ހޯދާކަށް އުނދަގުލެއްނުވާނޭކަން، އެކަމަކު އަޅުގަނޑު ބޭނުންވަނީ މަންމަގެ އަނގައިން ހަޤީޤަތް ހާމަކުރާ އަޑުއަހަން، އަޅުގަނޑު ހަޤީޤަތް ހޯދައިފިނަމަ ބައްޕައަށް ވެސް ނޭނގިއެއްނުދާނެ" ޒިވަން ބުންޏެވެ.
"ޒޭވިއާ..." އާންމުކޮށް ނޯލެން ބޭނުންކުރާ ނަމުން ވިވިއަން ގޮވާލީ ހާސްވެފައި ހުރެއެވެ.
"އަޑުއަހާށޭ މި ހުރީ" ޒިވަން ބުނެލިއެވެ.
"ސިއްރުކުރީ ހަމައެކަނި ދަރިފުޅަށް، ނެލްއަށް އަހަރެންގެ ހުރިހާ ހަޤީޤަތެއް އެނގޭނެ... ޤަބޫލުކުރަން ޒޭވިއާއަށް އެނގެންޖެހޭނެކަން، ބުނަން ބޭނުންވި ކިތަންމެ ފަހަރެއް އައީ، އެކަމަކު ދަރިފުޅު ދެކޭނޭގޮތެއް ނޭނގޭތީ މަންމައަށް ފަސްޖެހެވުނީ، އެހެންހުއްޓާ ތަޤުދީރު އެ ހިތި މާޒީ މަންމަގެ ކުރިމައްޗަށް އަލުން ގެނުވީ... ނޭނގުމުގެ ތެރޭގައި ބޭބެއާއި ކޮއްކޮއެއްގެ ދިރިއުޅުން ހަލާކުވެދާނޭ ހީކުރެވި އަވަހަށް ހުރިހާ ކަމެއް އެނގެން މަންމަ ބޭނުންވީ، އެހެންވެ ރާއްޖެއައީ... ޒޭވިއާ، ނިމްރާއަކީ މި މަންމަގެ ދަރިއެއް، މީ ހަމަ އެ ވިޝާކާ... އެކަމަކު އަހަރެން އެ ކުއްޖާ ހަމައެކަނި ނުވަމަސްވަންދެން ބަނޑުގައި ގެންގުޅެ ވިހޭކަން، އެ ދަރިފުޅަށް މައެއްގެ ފަރާތުން ދޭންޖެހޭ އެއްވެސް އަޅާލުމެއް ނުދެން، މިއަދު އެކުއްޖާގެ ކުރިމައްޗަށް އަރާ މީ މަންމައޭ ބުނުމުގެ ހައްޤެއްނެތް، އެކަމަކު ޒޭވިއާއަށް އެއީ ކޮއްކޮކަން އެނގެން ޖެހޭ، މަންމަ ނުބުނާކަށްނޫން" ވިވިއަންގެ ކޯތާފަތް ކަރުނުން ތެމުނެވެ.
"ކީއްވެ މަންމަ އެހެންކަންތައްކުރީ... ބައްޕައަށް ހުރިހާކަމެއް އެނގޭއިރު ބައްޕަ ބޭނުންވީތަ ނިމްއާ އޮތް ގުޅުން ކަނޑާލަން" ޒިވަންއަށް ވެސް ތަފާތު އަސަރެއްކުރިއެވެ.
"ނެލް، ނެލް ހުރީ ތައްޔާރަށް އެ ދަރިފުޅު ބަލައިގަންނަން، އެކަމަކު އަހަރެން އެގޮތް ބޭނުންނުވީ، ޒޭވިއާ... ދަރިފުޅަށް މަންމަ ހުރިހާ ވާހަކައެއް ކިޔައިދީފާނަން" ވިވިއަން ކަރުނަ ފުހެމުން ވާހަކަކުރިއަށް ގެންދިޔައެވެ. ޒިވަންއަށް ހުރިހާކަމެއް ވިވިއަން ކިޔައިދިނެވެ. ނޯލެންއާއިއެކު ރާއްޖޭން ބޭރުގައި ކުރި ކައިވެނި ރާއްޖެއިން ބަލައިނުގަތްކަމާއި އޭރު ޒިވަން ވެސް އެ ކައިވެންޏަށް ލިބިއްޖެކަމެވެ. ރާއްޖެ އައި ނޯލެންގެ ރިސޯޓުގައި އުޅެނިކޮށް ނިމްރާގެ ބައްޕައާ ދިމާވިގޮތް ވިވިއަން ކިޔައިދިނެވެ. އޭނާދެކެ ނައުފަލް ލޯބިވެގެން ނޯލެންއާ ދުރުކުރަން މަސައްކަތްކުރިކަމާއި އަދި ގަސްދުގައި ވިވިއަންއަށް ނައުފަލް ލަނޑެއްދިނީކަމުގައެވެ. ކައިވެނިކުރީ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ގޮތުގައިކަމެވެ. ނައުފަލްދެކެ ވެވުނު ނަފުރަތުގައި ދަރިފުޅުގެ މައްޗަށް އޮތް ކުލުން ވިވިއަން ކަފުންކުރީއެވެ. ކޮންމެ ގޮތަކުން ވެސް ނިމްރާ އުފަންކުރަން ބޭނުންވީ ކައިވެންޏެއްގެ މައްޗަށެވެ. ނޯލެންއަށް ހަޤީޤަތް އެނގުމުން އޭނާ ހުރީ ވިވިއަންއާއި ބަނޑުގައި އޮތް ދަރިފުޅާއި ޒިވަން ގޮވައިގެން ރާއްޖޭން ބޭރަށް ފުރާށެވެ. އޭނާގެ ވެސް ފަރުވާކުޑަކަމުން ރާއްޖޭގައި ކައިވެނި ރަޖިސްޓްރޭ ކުރެވޭގޮތް ނުވުމުން ރާއްޖެ ޤަބޫލުކުރާވަރުގެ ސެޓްފިކެޓެއް ހޯދަން ނޫޅެ ހުރީއެވެ. އޭރު އެ ދެމީހުންނަކީ ރާއްޖޭގައި ހިލޭ ދެ މީހުން ފަދައެވެ. އެހެންވިޔަސް ހިނގައިދިޔަ ކަންތައްކަށްފަހު ވެސް ނޯލެން ހުރީ ވިވިއަން ދޫކޮށްލާ ގޮތަކަށްނޫނެވެ. އެކަމަކު ވިވިއަންގެ އެދުމަށް ނައުފަލްއާއެކު ވެވުނު ކޮންޓްރެކްޓް ކައިވެންޏަށް ނޯލެން އެއްބަސްވީއެވެ. އެ ހުރިހާކަމެއް ނޯލެންއާއި ނައުފަލް ފިޔަވައި އެނގޭނެ އިތުރު އިންސާނަކު ނުހުންނާނޭކަމުގައި ވިވިއަން ބުންޏެވެ. ނައުފަލްއާއި އޭނާއަށް ވިހޭ ދަރިފުޅުގެ މޫނު ވެސް ދުށުމަށް ބޭނުންނުވާތީ ވިވިއަން ވަގުތުން ރާއްޖޭ ދޫކޮށް ދިޔައީއެވެ. ނައުފަލް ދަންޖެހިގެން މަރުވި ޚަބަރު ނޫސްވެބްސައިޓަކުން ދުށީ ވިވިއަން ރާއްޖޭން ބޭރުގައި ހުއްޓައި ކަމަށް އޭނާ ބުންޏެވެ.
"މިހާރު ވަރަށް ދެރަވޭ، މަންމަ ހަނދާނެއްނުނެތޭ ނިމްރާގެ މަތިން... އެ ދަރިފުޅު ގެންނަން ނެލް ކިތަންމެ ފަހަރަކު އެދުނު، އެކަމަކު ނައުފަލްގެ މަރަށްފަހު އެ މުސްކުޅި މަންމައާއިބައްޕަގެ އަތުގައިވި ނައުފަލްގެ ހަމައެކަނި ހަނދާން ފޭރިގަންނަ މީހަކަށްވާން އަހަރެން ބޭނުންނުވީ، އަނެއްކޮޅުން އެ ދަރިފުޅު ދުވަހަކުވެސް ނުބަލާނަމޭ ބުނީ ޚުދު އަހަރެން، ބައްދަލުވީ ފަހަރު ނަން ހާމަކުރާނޭ ހިތްވަރު ނުލިބުނީ" ވިވިއަންއަށް އިހުނަށްވުރެ ބޮޑަށް ރޮވިއްޖެއެވެ. އެވަގުތު އޭނާގެ ގާތަށް ނޯލެން އައިސް ހުއްޓުނުތަން ޒިވަންއަށް ފެނުނެވެ.
"އަހަންނަށް އެނގޭ ޒޭވިއާއި ވިވިއަންއާ ދެމެދު ދެކެވުމުން ތިދަނީ ނިމްރާގެ ވާހަކަކަން، ރީތި ރީތި ކުއްޖެއް އެއީ... ޒޭވިއާގެ އަންހެންކޮއްކޮ އެއީ، އަހަރުތަކަކަށްފަހު ވިވިއަންގެ ފޯނުގައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުން އޭނާގެ ހަޤީޤީ ހިނިތުންވުން އަހަންނަށް ފެނިއްޖެ، ޒޭވިއާ... ދަރިފުޅު ތި ހުރީ ކޮއްކޮ ފެންނަ ހިސާބުގައި، މަންމައަށް ޓަކައި އެ ކޮއްކޮ ރައްކާތެރިކޮށްދޭތި، އެ ކޮއްކޮއަށް ހަޤީޤަތް ކިޔައިދޭންޖެހޭ" ނޯލެން ސާފު އިނގިރޭސި ބަހުން ވާހަކަދެއްކިއެވެ. އޭރު އޭނާގެ މޭގައި މޫނުފޮރުވާލައިގެން ވިވިއަން ހުއްޓެވެ. ޒިވަން ކުއްލިއަކަށް ނޯލެންގެ ވާހަކަ ހުއްޓުވިއެވެ.
"ނޫން، އޭނާގެ މަންމަ ދުނިޔޭގައި ހުރިކަން އެނގެންވީ ދުވަސް ފާއިތުވެ ހިނގައްޖެ، އޭނާގެ ދިރިއުޅުން ވަރަށް ހިތްދަތި، އިތުރު ހިތްދަތިކަމެއް އޭނާއަށް ލިބިދާނެ މިކަމުގެ ސަބަބުން، އިތުބާރުކުރަންވީ ކާކަށްކަން ނިމްއަށް އޮޅިދާނެ، އޭނާގެ ބައްޕަގެ ވިޔާނުދާ ޢަމަލުގެ ވާހަކަދައްކާނޭ ކަމެއްނެތް، އޭނާގެ މަންމަ ދިޔައީ އޭނާ ބޭނުންނުވެގެން ނުބާލާށޭ ބުނެގެންވެސް ނުވާނެ، އެ އަންހެންކުއްޖާއަށް އިތުރު ހިތްދަތިކަމެއް ލިބޭކަށް އަހަރެން ނޭދެން، ކޮއްކޮކަން ނޭނގެނީސް އަހަރެންގެ ދިރިއުޅުމުގައި ނިމްވަނީ ޚާއްޞަވެފައި، ކޮއްކޮއެއްގެ ދަރަޖަދެވިފައި، އެންމެ އިތުބާރުކުރާ އެންމެގާތް އެކުވެރިޔާގެ ވާންއުޅޭ އަނބިމީހާ އެއީ... މިހާރު އަދިވަކިން އޭނާގެ އުފާވެރިކަމާއި ހިތްހަމަޖެހުން މުހިންމުވެއްޖެ، ނިމްގެ މަންމަ ވިޝާކާއާ ދުވަހަކުވެސް ބައްދަލުވެގެންނުވާނެ" ޒިވަން އޭނާގެ ބައްޕައާ ވާހަކަދެއްކިއެވެ. އެވާހަކަތައް ވިވިއަންއަށް ވެސް އަޑުއިވުނެވެ.
"ނެލް، ޒޭވިއާގެ ވާހަކައާ އަހަރެން ދެކޮޅެއްނުވާނަން... އެ އަންހެންކުއްޖާ ފެންނަނީ އުފަލުންހުރިތަން، އޭނާގެ މަންމަ އެނބުރި ނާންނާނޭކަން ޤަބޫލުކޮށްގެން ހުރިކަހަލަ، ބައްޕަ މަރުވީ ކީއްވެކަމެއް ނޭނގޭ، މަންމަ އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެކަމެއް ނޭނގޭ، އަހަރެން ވެސް ބޭނުންވަނީ ނިމްއަށް އުފާވެރި ދިރިއުޅުމެއް ލިބުން، މާޒީގައި ކަންތައްވެފައި އޮތްގޮތް ކިޔައިދީ އެ ދަރިފުޅުގެ ދިރިއުޅުމަށް އިތުރު ނުތަނަވަސްކަމެއް އަންނާކަށް އަހަރެން ވެސް ނޭދެން، އެ ދަރިފުޅުގެ ހަޔާތުން އޭނާގެ މަންމަ ވިޝާކާއަށް ފުރުޞަތެއް ނެތަސް ޒިވަންގެ މަންމަ ވިވިއަންއަށް އަދި ފުރުޞަތު އެބައޮތް، އަހަރެން ބޭނުންވަނީ އެގޮތުގައި ހުންނަން... މިއަދު އަހަންނަށް ޔަގީންވެއްޖެ، ނިމްރާގެ ގާތުގައި އަހަރެން ނެތްނަމަވެސް އޭނާގެ މައްޗަށް ރައްކާތެރިވެ އަޅާލާނޭ ބޭބެއަކު އެކުއްޖާގެ ގާތުގައި ހުންނާނޭކަން، ޒޭވިއާ... ދަރިފުޅަކީ ދަރިފުޅުގެ ބައްޕަ ފަދަ ރަނގަޅު ހިތެއްގެ ވެރިއެއް" ވިވިއަން ބުންޏެވެ.
ކޯލު ނިންމާލިފަހުން އެތަށް އިރެއްވާންދެން ޒިވަން ވިސްނަން އޮތެވެ. ނިމްރާގެ ދިރިއުޅުމުގައި ދިމާވި ކަންތައްތަކާމެދު ވެސް ޒިވަންއަށް ވިސްނުނެވެ. އިތުރަށް ހިތުގައި މިޢުވާނާމެދު ނަފުރަތު އުފެދުނެވެ. އޭނާގެ ހިޔަނި ނިމްރާގެ ދިރިއުޅުމަށް އެޅުނަ ނުދޭން އޭނާއަށް ކުރެވުނުކަމެއް ކުރަން ނިންމިއެވެ. މިހާރު އިތުރަށް އޭނާ އަރްސަލްގެ ގާތުން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އޭނާއަކީ ނިމްރާގެ އެއްބަނޑު ބޭބެއެވެ. އަރްސަލްއަށްވުރެ ނިމްރާގެ މައްޗަށް އޭނާގެ ހައްޤުކަން ބޮޑެވެ.
* * * * *
ކުރެވެން އުޅޭ ދެ ކައިވެނީގެ ރަންކިއުމުގެ ޙަފުލާ އެއްތަނެއްގައި އެއްވަގުތަކު ބާއްވަން ހަމަޖެހިފައި އޮވެފައި ވެސް ބަދަލުވީއެވެ. ބިލާލުމެން ގޭގައި ޙަފުލާ ބާއްވަން ހަމަޖެހިފައި އޮތްއިރު މުއްޠަލިބު ޚިޔާލު ފާޅުކުރީ ޝިހާނާގެ ރަން ހޯދަން ރާދިން އަންނަންވާނީ އެގެއަށް ކަމުގައެވެ. އެހެންވީމަ އެ ޙަފުލާ އެގޭގައި ބޭއްވުމަށެވެ. އެއީ ރަނގަޅު ޚިޔާލެއްކަމަށް ބިލާލު ދުށްޓެވެ. އެ މަޝްވަރާގައި ޙަފުލާ އޮންނާނޭ ތަނާއި ދުވަސް ތަފާތުވީއެވެ. ބިލާލުގެ ގާތުން އަރްސަލް އެދުނީ އެމީހުންގެ ގޭގައި ރަންކިއުމުގެ ޙަފުލާ ކުރިއަށް ގެންދިއުމަށެވެ. އެހެންވެ ފުރަތަމަ އެކަން ކުރާނީ އަރްސަލްމެންކަމެވެ. ޖެހިގެން އަންނަ ރޭ ޝިހާނާގެ ގޭގައި އެ މީހުންގެ ޙަފުލާ ކުރިއަށް ގެންދާނީ ކަމުގައެވެ.
ކަންތައްތައް ހަމަޖެހުނު ގޮތުގެ ތަފްޞީލު އަރްސަލްއަށްވުރެ ކުރީން ޝިހާނާ ގުޅާފައި ނިމްރާއަށް ކިޔައިދިނެވެ. އަރްސަލްއަށް ގުޅުނީ އޭގެ ފަހުގައެވެ. ކުރިއަށް އޮތް ހަފްތާގެ ހޯމަ ވިލޭރޭ އަރްސަލްއާ އިންނަން ނިމްރާ ރަންކިޔާނޭކަން އެނގި ހަލަފް އުފަލުން އުޅޭއިރު ހީވަނީ އޭނާގެ ކައިވެނި ކުރެވެން އުޅެނީއެވެ. ޚަބަރުގެ ހޫނުކަމާއެކު އޭނާ ބާރު ދުވެލީގައި ނިމްރާގެ ގާތަށް އައެވެ. އައީ ޝިހާނާ ވެސް ގޮވައިގެންނެވެ. ދެ އަންހެން އެރެއަށް ޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ވާހަކަދެއްކިއިރު ހަލަފްގެ ދޫ ހިމޭނަކުން ނޯތެވެ. އަރްސަލް ގާތު އެރޭ ނިމްރާ ތައްޔާރުވެގެން ހުންނާނޭ ގޮތުގެ އެއްވެސް ތަފްސީލެއް ނުދޭން ހަލަފް އެދުނެވެ.
ޒިވަންއަށް ޚަބަރު ލިބުމާއެކު ވަގުތުން ނިމްރާއާ ބައްދަލުކުރަން އައެވެ. ނިމްރާ ބޭނުންވަނީ ކޮންކަމެއްތޯ އޭނާ ސުވާލުކުރިއެވެ. އެހެންޏާ ނުފެންނަ ގާތްކަމެއް ޒިވަންގެ ފުށުން ނިމްރާއަށް ފާހަގަވިއެވެ. އެކަން އަރްސަލްއާއި ރާދިން ވެސް ދެނެގަތެވެ. ނިމްރާގެ ހެދުން އެޅުމުގެ ވަށްޓަފާޅި ހަލަފް ބަދަލުކޮށްލި ހިސާބުން ނިމްރާ ކޮންމެ ހަފުލާއަކަށް ހެދުމެއް ހޯދަން ޖެހުނަސް ދަނީ ވިޝާންގެ ގާތަށެވެ. ޝިހާނާ ވެސް ޚިޔާރުކުރީ ވިޝާންގެ ފަރުމާތެކެވެ. ޝިހާނާއާއި ނިމްރާ ގޮވައިގެން ވިޝާންގެ ގާތަށް ދާން ހަލަފް އުޅުމުން އެކަން ކުރުމަށް އިސްނެގީ ޒިވަންއެވެ. އޭނާ ސޫޓެއް ހޯދަން ޖެހޭނެކަމުގައި ބުނެ އެ މީހުންނާ ބައިވެރިވެ ޒިވަންގެ ކާރުގައި އެންމެން ގެންދިޔައީއެވެ. ވިޝާންގެ އަތުން ނިމްރާއަށް ހަމަޖެހުނު ހެދުމުގެ އަގު ދެއްކީ ޒިވަންއެވެ. ރަންކިއުމުގެ ޙަފުލާއަށް އޭނާ ދޭ ހަދިޔާކަމުގައި ބުނަމުންނެވެ.
ނިމްރާ ސެލޯންއިން އެނބުރި އެޕާޓްމެންޓަށް އައިސް ތައްޔާރުވަމުންދިޔައެވެ. ޙަފުލާ ފެށުމުގެ ކުރީން އަރްސަލްމެންގެއަށް ނިމްރާ ގެންދިއުމަށް ރާދިން ބަލާ އަންނާނެކަމުގައި އަރްސަލް އޮތީ ބުނެފައެވެ. ރޭގަނޑު އަށްގަޑި ބައިގައި ޙަފުލާ ފެށެން ހަމަޖެހިފައި އޮތްއިރު ބައިގަޑިއިރު ކުރީން ނިމްރާ ތައްޔާރުވެގެން ހުންނަންވާނޭ ކަމުގައި ވެސް އަރްސަލް ބުންޏެވެ. އެހެންވެ ނިމްރާ ވަގުތު އޮއްވާ ތައްޔާރުވާން ފަށައިފިއެވެ. އެރެއަށް ޚާއްޞަކުރެވިފައިވާ ހެދުން ލައި އެންމެ ފަހުގެ ކަމަކަށް ފޮށިގަނޑުގައި އިން ފައިވާން ނަގައިގެން ކޮޓަރިން ނުކުތެވެ. ސިޓިންރޫމަށް ނިމްރާ ނުކުމެ ގިނައިރެއްނުވަނީސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.
"ޒިވަން... ރާދު އަންނާނެވާހަކަ އަރްސަލް ބުނީ" ނިމްރާއަށް ރާދިންއާއެކު ހުރި ޒިވަން ފެނުމުން ހައިރާންކަން ލިބުނެވެ.
"ޔޫ އާ ލުކިންގް ގޯޖަސް ލިޓްލްވަން، ޔޯ ބްރަދާ އިޒް ހިއާ ޓޫ އެސްކޯޓް ޔޫ" ހީނލާފައި ޒިވަން ބުނެލިއެވެ.
"ނިމް ބަލާ އަންނާނީ އަހަންނޭ ކިޔައިގެން މި ޒޭވިއާ ފަހަތުން ނުނެއްޓި" ރާދިން ބުނެލިއެވެ.
"ހިނގާ ދަމާ" ނިމްރާ ހިނިތުންވެލަމުން ބުނެލިއެވެ.
"ޝީ އިޒް މައި ބިއުޓިފުލް ސިސްޓާ އިނގޭ" ޒޭވީއާ ދިއްކޮށްލި އަތުގައި ޖަހާލަމުން ރާދިން ބުނެލިއެވެ. ނިމްރާ ހީނލާފައި ކުރިމަތީ ތިބި ދެ ޒުވާނުންގެ އަތުގައި ހިފާލިއެވެ. ރާދިން ހީނލާފައި އެމީހުންގެ ފަހަތުން އެޕާޓްމެންޓުގެ ދޮރު ލައްޕާލިއެވެ. އަދި ތިންމީހުން އައިސް ޕްރައިވެޓް އެލެވޭޓާއަށް އެރިއެވެ.
ކާރު އައިސް ހ.ޕްރިމްރޯޒް ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ޒިވަން މާކުރިން ނިމްރާގެ ގާތުގައި މަޑުކުރަން އެދިފިއެވެ. އަދި އޭނާ ރާދިންއަށްވުރެ ކުރީން ކާރު ފައިބައިގެން އައިސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ. ރާދިން ކުދިކިޔާލި އަޑު އެ ދެ މީހުންނަށް ވެސް އިވުނެވެ. ނިމްރާގެ އަތުގައި ހިފާލަމުން ކާރުން ފައިބަން ޒިވަން އެހީތެރިވެދިނެވެ. އަދި ނިމްރާގެ އަތުގައި ހިފާލައިގެން ހުރި ގޮތަށް ދޮރުމަތީ މަޑުކޮށްލީ ރާދިން ކާރު ޕާކުކޮށްފައި އަންނަންދެނެވެ. ނިމްރާގެ ދެ ފަރާތުގައި ދެ ޒުވާނުން ތިބެ ގޭތެރެއަށް ވަދެގެން އަންނަނިކޮށް ބޮޑުކޮޓަރީގެ ދޮރުމަތީ ހުރެފައި ހަލަފް ގޮވާލި އަޑުއިވުނެވެ.
"ރެޑް... ހަމަ އެ ޑެވިލްއާ މެރީ ކުރަނީތަ؟" ހަލަފްއާ އަރާ ހަމަވުމާއެކު ރާދިން ދުރަށް ޖައްސާލައި އެ ދޭތެރެއަށް ވަދެ ނިމްރާގެ އަތުގައި ހިފާލަމުން އަހާލިއެވެ.
"ފައިނަލީ... އައި ތިންކް ސޯ" ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ނިމްރާ ބުނެލިއެވެ.
"ޑެވިލް އަދި ތައްޔާރުވަނީ، ކޮޓަރީގައި ވީ... ބައްޕަ ވެސް ކޮޓަރީގައި، މަންމަ ބުނި ރެޑް އައީމަ ގޮވާލައްޗޭ" ނިމްރާ ގޮވައިގެން ގޭތެރެއަށް ވަންނަމުން ހަލަފް ބުނެލިއެވެ. އޭރު ސޯފާގައި ޝިހާނާއާއި އެހެން އަންހެންކުއްޖަކު އިންތަން ނިމްރާއަށް ފެނުނެވެ. (ނުނިމޭ)