ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ ބެހުނު ކަމަށް ބުނާ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.
ތެލުގެ ވަގު ވިޔަފާރިތަކާ ބެހޭ ގޮތުން ރައީސް ޔާމީންއާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ އެ ރިޕޯޓް ތައްޔާރު ކުރި އެމްޑީޕީ އާއި އެކަމާ ބެހޭ ގޮތުން މީޑިއާއެއްގައި ވާހަކަދެއްކެވި އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް އަދި ސެކެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރުގެ މައްޗައް އަބުރުގެ ދައުވާކޮށްފައިވާ މައްސަލައެެވެ.
އެމަނިކުފާނުގެ ވަކީލެއް ކަމަށްވާ، އައްބާސް ޝަރީފް "އަވަސް"އަށް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓުން އިއްޔެ ބަލައިގެންފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ އިންތިހާބީ ހައްގަށް އުނިކަމެއް ލިބިފައިވާ މައްސަލަ ހައި ކޯޓަށް ހުށަހެޅުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވައިފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން އަދި ބޭނުން ނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އައްބާސް ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލާގައި ސިވިލް ކޯޓުގައި އެދިފައިވާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ގަވައިދުގައި ބުނާ 5،000 ރުފިޔާ ހޯދުމަށާއި މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. އަދި އެ އަދަދު ބެލުމަށްފަހު މި ހަފުތާ ކޯޓަށް ހުށަހަޅާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފަރާތުން ވަނީ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ރާއްޖެ ޓީވީއިން ކަވަރު ކުރި މައްސަލާގައި އެ ޓީވީއަށް ފިޔަވަޅު އަޅާ ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ އިލެކްޝަން ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް ވެސް ވަނީ ހުށަހަޅާފަ އެވެ.