ދުނިޔެ

ބަދަލު ހިފަން ޗައިނާއިން ވެސް ޓެކްސް ބޮޑުކޮށްފި

Sep 19, 2018

ބެއިޖިންގް (ސެޕްޓެމްބަރު 18) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނިންމެވުމަށް ގޮންޖަހައި، ޗައިނާއިން ވެސް އެމެރިކާއިން އެތެރުކުރާ 60 ބިލިއަން ޑޮލަރުގެ މުދަލުން އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފި އެވެ.

ޗައިނާއިން މި ގޮތަށް ނިންމާފައިވަނީ، އެމެރިކާ އަށް ޗައިނާއިން އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ޓެކްސް ބޮޑު ކުރަން ނިންމުމާއި ވިދިގެންނެވެ. ޗައިނާއިން ޑިއުޓީ ބޮޑުކުރަން ނިންމި މުދަލުގެ ތެރޭގައި، ޓްރަމްޕަށް ސްޕޯޓު ބޮޑު ސްޓޭޓުތަކުން އުފައްދައި ގޭސް ހިމެނެ އެވެ.

އެކަމާއި ގުޅިގެން، ޓްރަމްޕް ވިދާޅުވީ ޗައިނާގެ އެ ނިންމުމަކީ އެމެރިކާގައި ކުރިއަށް އޮތް މިޑް ޓާމް އިންތިހާބަށް ނުފޫޒުފޯރުވަން ނިންމި ނިންމުމެއް ކަމަށެވެ.

އެމެރިކާއިން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ އެއް ތާރީހެއްގައި ޗައިނާއިން ވެސް ޓެކްސް ބޮޑު ކުރިނަމަވެސް، ޑިއުޓީ އިތުރުކުރަނީ ފަސް ޕަސަންޓާއި ދިހަ ޕަސަންޓާއި ދެމެދުގެ އަދަދުކުންނެވެ.

އެއާ ހިލާފަށް އެމެރިކާއިން އިމްޕޯޓު ޑިއުޓީ ބޮޑުކޮށްފައިވާ މުދަލުގެ ތެރޭގައި ގާތްގަނޑަކަށް 6،000 އައިޓަމެއް ހިމެނޭއިރު، ސެޕްޓެމްބަރު 24 ވަނަ ދުވަހު 10 ޕަސަންޓް އިތުރުވާއިރު، ދެގައުމުގެ ދެމެދުގައި އެހެން ގޮތަކަށް އެއްބަސްނުވެވޭނަމަ، އަންނަ އަހަރުން ފެށިގެން ޓެކްސްގެ އަދަދު 25 ޕަސަންޓަށް އުފުލާނެ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ދެގައުމުން ފެށި މަޝްވަރާތަކަށް ވެސް މާބޮޑު ކުރުއެރުމެއް ލިބިފައެއްނުވެ އެވެ. ދެ ގައުމުގެ މި ތަޅާފޮޅުމުގެ އަސަރު މުޅި ދުނިޔޭގެ ބާޒާރަށް ކުރާނެކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރުދީފަ އެވެ.

ޑިއުޓީ ބޮޑު ކުރުމާއި ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، ޓެކްސް އިތުރުކުރަންޖެހުނީ، ނުހައްގުން ކުރެވޭ މުއާމަލާތްތަކާއި ސިޔާސަތުތައް ބަދަލުކުރަން ޗައިނާ އިން ދެކޮޅު ހަދާފައިވާތީ ކަމަށެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ އެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ބޮޑުކޮށްފައިވަނީ ޗައިނާ އިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންނެވެ.

އޭގެ ފަހުން، އޯގަސްޓް މަހު އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ނަމަވެސް، މިމަހު ޓެކްސް އިތުރު ކުރާ މުދަލުގެ ތެރޭގައި ފަރުނީޗަރާއި، އައިސް ކުރި މަހުގެ ބާވަތްތަތަކާއި، މޭވާ، އަދި ކުޑަ ކުދިންނަށް ހާއްސަ ބައެއް މުދާ ހިމެނޭތީ، އެކަމުގެ އަސަރު އާންމު ރައްޔިތުންނަށް ކުރާނެ ކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފަ އެވެ.