ހަބަރު

ސްކޫލްތަކަށް ޓެބްލެޓް ދީ ނިމިއްޖެ، ދަރިވަރުންނަށް ދޭނީ ފަހުން: މިނިސްޓްރީ

ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދޭން ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ލިބެންޖެހޭ ޓެބްލެޓްތައް ސްކޫލްތަކާ ހަވާލުކޮށް މިހާރު ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެހެން ނަމަވެސް ކުދިންގެ އަތަށް ޓެބްލެޓް ދޫކުރާނީ އަދި ފަހުން ކަމަށް ބުންޏެވެ.

ޓެކްސްޓް ފޮތުގެ ބޮޑުބައެއް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޑިޒައިންކުރި ޓެބްލެޓް މަޝްރޫއު ފަށަން އެޑިއުކޭޝަން މިނިސްޓްރީއިން ފުރަތަމަ ނިންމީ ދެވަނަ ޓާމްގެ ފުރަތަމަ ކިޔެވުމާއެކު އެވެ. ނަމަވެސް ދެވަނަ ޓާމް ފެށުނުފަހުން ޓެބްލެޓް ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތް ފެށުމަށްފަހު އެކަންތައް ވަކި ހިސާބަކުން މަޑުޖެހިފައި އޮތުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ފަހުން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ޓެބްލެޓް ދީ، މިމަހުގެ 13 ވަނަ ދުވަހު އެ މަޝްރޫއު ރަސްމީކޮށް ފަށާނެ ކަމަށެވެ. ނަމަވެސް 13 ފާއިތުވި އިރުވެސް ކުދިންނަށް ޓެބްލެޓް ހަވާލުކޮށްފައެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު "އަވަސް" އަށް ވިދާޅުވީ، ކުދިންނަށް ބޭނުންވާ ޓެބްލެޓްތައް މިހާރު ސްކޫލްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުދިންގެ އަތަށް ޓެބްލެޓް ދޫކޮށްލާއިރު އޭގައި ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަން ހަމަތޯ ބަލައި އެކަންކަން ފުރިހަމަ ކުރުމަށް އަދި ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ.

"މިވަގުތަށް އިސްކަންދެނީ ކުދިންނަށް ޓެބްލެޓް ދޫކޮށްލުމަށްވުރެ ބޮޑަށް ކްލާހުގައި އެ ބޭނުންކުރަން ދިނުމަށް. ކުދިންގެ އަތަށް ޓެބްލެޓް ދޫކޮށްލާނީ އޭގައި ފުރިހަމަކުރަންޖެހޭ ހުރިހާ ފީޗާސްތަކެއް ފުރިހަމަވެ ނިމުމުން،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓެބްލެޓް ބަހާނީ ފުރަތަމަ މަތީ ގްރޭޑްތަކަށް ކަމަށެވެ. އެހެން ނަމަވެސް ބަހާނެ ދުވަހެއް، ވިދާޅެއްނުވެ އެވެ.

ސްކޫލްތަކުގައި ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ގަނެފައިވާއިރު، ޓެބްލެޓް ބޭނުންކުރާ ގްރޭޑްތައް ކަނޑައަޅާނީ އެ ސްކޫލަކުންނެވެ. ކުދިން ބޭނުންކުރަން ގަނެފައިވަނީ ވާވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުރެ އެވެ.