ދުނިޔެ

ނަވާޒް ޝަރީފްގެ ޖަލު ހުކުމް ބާތިލުކޮށް، މިނިވަންކޮށްފި

Sep 20, 2018

އިސްލާމްއާދާބު (ސެޕްޓެމްބަރު 20) - ހިޔާނާތުގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް، ޕާކިސްތާނުގެ ހައި ކޯޓުން މިނިވަންކޮށްފި އެވެ.

ހިޔާނާތުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފު 10 އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކުރީ މިދިޔަ މަހު ކުރީކޮޅެވެ.

ލިބޭ އާމްދާނީ އާއި ނުބައްދަލު އަދަދަކަށް އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ފްލެޓް ބައްލަވައިގެންނެވި މައްސަލާގައި، އެތަކެއް މަސްތަކަކަށް ދިގުދެމިގެންދިޔަ ޝަރީއަތަކަށްފަހު ނަވާޒް ޝަރީފާއި ދެކޮޅަށް ހުކުމްކުރީ، ނެޝަނަލް އެކްއުންޓަބިލިޓީ ބިޔުރޯ (އެންއޭބީ) ގެ ކޯޓަކުންނެވެ.

ލަންޑަނުގައި ހުންނަވިކޮށް ނަވާޒް ޝަރީފަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ. އަދި މި މައްސަލާގައި އޭނާގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅަށް ވެސް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް، އެ ހުކުމް އިސްތިއުނާފުކުރުމުން، އެޕާޓްމަންޓުތައް ގަތުމުގައި ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކުގައި ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އަންހެން ދަރިފުޅާއި، ދަނބިދަރިފުޅާއި ސީދާ ގުޅުމެއްވާކަމަށް ސާބިތުކޮށްދެވިފައިވާނުވާކަމަށް ބުނެ، ހައި ކޯޓުން ވަނީ އެ ތިން ބޭފުޅުންގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ.

ފްލެޓްތައް ބައްލަވައިގެން މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕާސް ތެރޭގަ އެވެ. ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ނަވާޒް ޝަރީފް މަގާމުން ދުރުކުރީ ވެސް މި މައްސަލާގަ އެވެ.