ހަބަރު

ރައީސްގެ އަބުރާ ބެހުނު މައްސަލާގައި ހަސަން އާއި އަނަސް ޕޮލިހަށް

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަބުރުފުޅާ ބެހުނު މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމާޓީގެ ޖެނެރަލް ސެކެރެޓަރީ އަނަސް އަބުދުލްސައްތާރު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އެމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ، ރާއްޖޭގެ ކުންފުންޏަކާއި އުތުރު ކޮރެއާ ކުންފުންޏަކާއި ދެމެދު ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތެލުގެ ވަގު ވިޔަފާރީގައި ރައީސް ޔާމީންގެ އަތެއްް އޮތް ކަމަށް ތުހުމަތުކޮށް މިމަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ނެރުނު ރިޕޯޓެއްގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފާއި އަނަސްއާ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

އެމްޑީޕީން އެކުލަވާލި ރިޕޯޓްގެ މައުލޫމާތު ހިއްސާ ކުރުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އެމައްސަލަ ތަހްގީގް ކުރުމަށް ކަމަށްބުނެ އަނަސްއާ ހަސަން ލަތީފް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ.

ރައީސް ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް އެމައްސަލަ ހުށަހަޅައި އެ ކޯޓުންވެސް ވަނީ މައްސަލަ ބަލައިގެންފަ އެވެ. އަދި ރައީސް ޔާމީންގެ އަބުރަފުޅަށް އަރައިގަތުމަކީ އެ މަނިކުފާނުގެ އިންތިހާބީ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހައި ކޯޓަށްވެސް މައްސަލަ ހުށަހަލާފައި ވެއެވެ. ނަމަވެސް ހައި ކޯޓުން ވަނީ މި މައްސަލަ ބަލައި ނުގަތުމަށް ނިންމައި އެމައްސަލަ ބޭރުކޮށްލާފަ އެވެ.

މީގެ އިތުރުން ރާއްޖެ ޓީވީން އެޕްރެސް ލައިވްކޮށް ދައްކާފައިވާތީ، ރާއްޖެ ޓީވީގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް ބްރޯޑްކޮމްއަށް ވެސް ހުށަހަޅާފައި ވެއެވެ. އަދި އެކަން ހިނގައިދިޔަ ގޮތުން ރައީސްގެ އިންތިހާބީ ހައްގަށް އުނިކަން ލިބިފައިވާތީ އިލެކްޝަން ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއަށް ވެސް އެމައްސަލަ ހުށަހަޅާފައި ވެއެވެ.