ހަބަރު

ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ ބައެއްގެ އަދަބު ލުއިކޮށްފި

ޣައިރު ހާޒިރުގައި ހުކުމްކޮށްފައި ތިބި މީހުންގެ ތެރެއިން އިތުރު ކުށެއް ނުކޮށް ފަސް އަހަރުވެފައިވާ މީހުންނަށް އަދަބު ލުއި ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމެވި ނިންމެވުމުގެ ދަށުން ބައެއް ފަރާތްތަކުގެ އަދަބު ލުއިކޮށްދީފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، 31 އޮގަސްޓް 2013 އިން ފެށިގެން ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ގިނަ އަދަދެއްގެ ފަރާތްތަކަށް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންނަށް ގުޅޭނެ ގޮތެއް ކަރެކްޝަން ސާވިސްގަިއ ނެތް ކަމަށް ބުންޏެވެ.

އެހެންވެ، އެ މުއްދަތުގެ ތެރޭގައި ޣައިރު ހާޒިރުގައި ހުކުމްތައް ކޮށްފައިވާ މީހުން ކަރެކްޝަން ސާވިސްއަށް ގުޅައިގެން މައުލޫމާތު ސާފުކުރަން އެދޭ ކަމަށް އެ ސާވިސްއިން މިއަދު ބުންޏެވެ.

ރައީސް އެފަރާތްތަކުގެ އަދަބު ލުއިކޮށްދޭން ނިންމީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެގޮތަށް ނިންމެވީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުންނެވެ. އެގޮތަށް ނިންމެވީ ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން ރައީސް އަރިހަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، އެ މައްސަލަ ރައީސް އޮފީހުން ބެލިއިރު އެފަދަ މީހުންނަށް ކުށުން ދުރުވެ މުޖްތަމައުގައި ހެޔޮ ގޮތުގައި އުޅުމުގެ ފުރުސަތެއް ދެއްވުމަށް ރައީސް އަށް ފެނިވަޑައިގަންނަވާތީ ކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތަށް ހުކުމްކުރެވި 18 ނުވަތަ 15 އަހަރު ފަދަ ގިނަދުވަސްތަކެއްވެފައިވާ މީހުން ތިބުމާއި އެފަދަ ގިނަ މީހުންތަކެއް މިހާރު އާއިލާއެއް ފަށައި ދިރުއުޅުމެއް ބިނާކޮށް ވަޒީފާ އަދާކޮށް މުޖްތަމައުގައި ކުށުން ދުރުގައި ދިރިއުޅުމެއް ފަށައި، މުޖްތަމައުގެ އެހެން މީހުން ފަދައިން ދިރިއުޅެމުން ގެންދާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެފަދަ ހާލަތުގައި އުޅޭ މީހުން ކުށުގެ ވެއްޓަށް އަނބުރާ ފޮނުވާލުމަށްވުރެ، އެމީހުންނަށާއި އާއިލާއަށް އަދި މުޖްތަމައަށްވެސް ފައިދާ ބޮޑުވާނި އެމީހުންނަށް ފުރުސަތެއް ލިބިދިނުމުން ކަމަށައި އެފަދަ ފުރުސަތެއް ނުދީފި ނަމަ ކުށުގެ ގާނޫނީ ވެށިން ނިކުމެވޭނޭ އެހެން ގޮތެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބުނެފައި ވެއެވެ.

އެހެންކަމުން ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން މި މައްސަލަ ބެލުމަށް ފަހު ކުށުންދުރުގައި ފަސް އަހަރު ހޭދަކޮށް، އާއިލާއެއް ބިނާކޮށް، ވަޒީފާގެ މާހައުލަށް ނުކުމެ އަދި ގައުމަށް ފައިދާކުރަނިވި ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކަށް ލުއިކޮށްދިނުމަށް ރައީސް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް މިފުރުސަތުގެ ދަށުން މީހަކު މެރުމުގެ ކުށާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، ރޭޕްގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް އެމީހެއްގެ މައްޗަށްކޮށްފައިވާ މީހަކަށް ފުރުސަތެއް ރައީސް ނުދެއްވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.