ހަބަރު

މިނިވަންދުވަހާ ގުޅިގެން ކުށްވެރިންތަކެއްގެ އަދަބު ލުއިކޮށް ދެނީ

މިނިވަން ދުވަހާ ގުޅިގެން ބައެއް ކުށްވެރިންތަކެއްގެ އަދަބު ލުއިކޮށްދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އަދަބު ލުއިކޮށްދެއްވުމަށް ރައީސް ނިންމަވާފައިވަނީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތުހަމަވާ މީހުންނަށެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަދަބު ލުއިކޮށްދެއްވުމަށް ރައީސް ނިންމަވާފައިވަނީ އެކަމަށްޓަކާ އެކުލަވާލެވުނު ކޮމިޓީއަކުން ހުކުމް ތަންފީޒްކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާ އިންޓަވިއު ކުރުމަށްފަހު ހާއްސަ ޝަރުތުތަކެއްގެ ދަށުންނެވެ.

އެގޮތުން އަދަބު ‏‏ލުއިކޮށްދީފައިވާ މީހަކު އެއިން ޝަރުތަކާ ހިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިންދިނުން ބާތިލުވުމާއެކު، އެމީހަކު ހުރި ހާލަތަށް ރުޖޫއަ ކުރެވޭނެ ކަމަށާއި، އެހައި ހިސާބުން އަދަބު ލުއިކޮށްދިން ހުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު އެމީހަކަށް ތަންފީޒުކުރަންޖެހޭނެ ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ގެ ދަށުން، ޖިނާއީ ކުށުގެ ހުކުމް ކޮށްފައިވާ މީހެއްގެ އުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި ނުވަތަ އެހެންވެސް ގޮތަކުން ރައީސްއަކަށް ހުންނަ ބޭފުޅަކަށް ކުޔެއް ދެވޭނީ ތިން ގޮތަކަށެވެ.

އެއީ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބު ތަންފީޒްކުރުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން ނުވަތަ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މުއްދަތު ކުރުކޮށްދިނުން، ނުވަތަ މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ، އެ ކުށާ ގުޅިގެން އެއަށްވުރެ ލުއި އަދަބުތަކެއް ކަނޑައެޅުމަށް ގާނޫނުގައި ފުރުސަތު ލިބިގެންވާ ކުށެއްކަމުގައިވާނަމަ، އޭގެ ތެރެއިން ލުއި ބާވަތެއްގެ އަދަބަކަށް، އޭނާގެ އަދަބުގެ ބާވަތް ބަދަލުކޮށްދިނުމެވެ.

މިގޮތަށް އޮތް ނަމަވެސް، މީހަކު ކުރި ކުށަކާ ގުޅިގެން އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާނަމަ، އެ އިލްތިޒާމް އުފުލުމުން އެމީހަކު ބަރީއަކޮށެއް ނުދެވޭނެއެވެ.

މި ގާނޫނުގައި ބުނެފައިވާ ގޮތަށް، ރައީސް އޮފީހުން ބުނީ ޖިނާއީ ހުކުމެއްގެ ދަށުން އަދަބު ‏‏ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއިކޮށްދިނަސް، އެ މީހެއްގެ މައްޗަށް ‏‏ކުރެވުނު ހުކުމުގައި ފައިސާ އަނބުރާ އަދާކުރުމަށް އިލްތިޒާމެއް އޮތް ކަމުގައިވާނަމަ، އެ ‏‏އިލްތިޒާމަކަށް ލުޔެއް ނުދެވޭނެ ކަމަށެވެ. ‏

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި އިސްލާމީ ޝައަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދުއަހްލާގީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ހުކުމްތައް ތަންފީޒްކުރަމުންދާ ނުވަތަ ކުރަންޖެހިފައިވާ މީހުން ހިމެނިފައިނުވެއެވެ.