ހަބަރު

އިބޫއަށް ކެމްޕެއިންކޮށް ދެއްވުމަށް ނަސްރީނާ އައްޑޫއަށް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކެމްޕެއިންކޮށް ތާއިދު އިތުރު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި އެވެ.

ނަސްރީނާ ފުރަތަމަ ފަހަރަށް މީޑިއާއަށް އިންޓަވިއުއެއް ވެސް ދެއްވީ ރައީސް މައުމޫން ހައްޔަރުކުރި ފަހުންނެވެ. އޭގެފަހުން އެކަމަނާ ރައީސް މައުމޫންގެ ހައްގުގައި ބަޔާނެއް ވެސް ނެރުއްވާފައިވެ އެވެ. ނަމަވެސް އާންމުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތެއްގައި ނަސްރީނާ ބައިވެރިވަޑައިގަންނަވާއިރު މިއަދު ނަސްރީނާ ވަނީ އިބޫއަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވައި ހާއްސަ މެސެޖެއް ވެސް ނެރުއްވާފަ އެވެ. މިރޭ އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޖަލްސާގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ނަސްރީނާ މިއަދު ވިދާޅުވެފައިވަނީ އެކަމަނާ ގަބޫލު ކުރައްވާ ގޮތުގައި ރައީސް މައުމޫން މި ގައުމަށް ހިޔާނަތްތެރިވެވަޑައިގެންފާނެ ކަމަށް ނުވަތަ ކުށެއް ކުރެއްވިކަން ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ. މުއައްސަސާތަކަށް އާދޭސް ދެންނެވި ނަމަވެސް މިއަދާ ހަމައަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅޭ ހާލުގައި އުޅޭ އެތައް އާއިލާތަކެއް، އެތައް މައިންބަފައިންނެއް، އެތައް އަނބިންނެއް، އެތައް ދަރިންނެއް، އިންސާފު ނުލިބި އެބަތިބި. އެހެންވީމާ، މިއަދު އަޅުގަނޑު މިއައީ، ތިޔަ ބޭފުޅުންގެ އަރިހަށް، ދިވެހި ރައްޔިތުންގެ އަރިހަށް، މައުމޫނަށް، އަޅުގަނޑުގެ އާއިލާއަށާއި ނުޙައްގުން ޖަލުގައި ތިއްބެވި އެތައް ބޭފުޅުންނަކަށް، އަދި މަޖުބޫރުވެގެން ގައުމު ދޫކުރައްވައި ބޭރުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާ އެތައް ބޭފުޅުންނަކަށް، އިންސާފު ހޯއްދަވައި ދެއްވުން އެދި، އިލްތިމާސް ކުރުމަށް،" އަސަރާއެކު ނަސްރީނާ ވިދާޅުވި އެވެ.

ކުރީގެ ފަސްޓްލޭޑީ އަދި އިޖުތިމާއީ ގިނަ ހިދުމަތްތަކެއް ކޮށް ދެއްވި ނަސްރީނާ ވިދާޅުވީ އެ ފުރުސަތު ރައްޔިތުންނަށް ލިބޭނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި އެދުމަކީ އަދި އާދޭހަކީ، އެ ދުވަހު ވީހާއަވަހަކަށް، ވީހާ ގިނަ ރައްޔިތުން ނިކުމެ، މިހުރިހާ ބޭފުޅުން މިނިވަން ކުރުމަށްޓަކައި އަދި މުޅި ގައުމު މި އަނިޔާވެރިކަމުން ސަލާމަތްކުރުމަށްޓަކައި އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދެއްވުން ކަމަށެވެ.