ހަބަރު

ފެން ބިލްތަކުގެ ޖޫރިމަނާ ވެސް މާފުކޮށް ދެނީ

ފެން ބިލްތަކުގެ ޖޫރިމަނާތައް މާފުކޮށް ދޭން ފެން ކުންފުނި، އެމްޑަބްލިއުއެސްސީއިން މިރޭ ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ކަންކަން ލުއި ފަސޭހަ ކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ އެއްގޮތް ވާގޮތުގެ މަތީން، ކަސްޓަމަރުންގެ ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް އުސޫލެެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

އިސްވެ ދެންނެވުނު އުސޫލުގެ ދަށުން، ކަނޑައެޅިފައިވާ ހާލަތްތަކަށް ރިއާޔަތްކޮށް 100 ޕަސެންޓާ ހަމައަށް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ ފެން ބިލުތަކުން ޖޫރިމަނާ މާފުވުމުގެ ފުރުސަތު ތަނަަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެގޮތުން، އެކި ހާލަތްތައް މެދުވެރިވެ، ފެން ބިލުތަކަށް ފައިސާ ނުދެއްކި ގިނަދުވަސްވެ، ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ފެން ބިލްތަކުތުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމާފައިވަނީ ހުޅުމާލެ ފްލެޓްތަކަށް ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ވެސް މިއަދު އެޗްޑީސީއިން ނިންމާފައިވެ އެވެ. އޭގެ ކުރިން ޓްރެފިކް ވައިލެންސް ޖޫރިމަނާތަކާއި ކުދި ދޯނިފަހަރުގެ ޖޫރިމަނާތައް ވެސް ސަރުކާރުން މާފުކޮށްދީފައިވެ އެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް މިފަދަ ޖޫރިމަނާތައް ސަރުކާރުން މާފުކުރަމުންދާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.