ހަބަރު

އަދީބުގެ ވަކީލް ސިރާޖްގެ އެޕާޓްމަންޓް ފުލުހުން ފާސްކޮށްފި

Sep 21, 2018
4

ރޭ ފުލުހުން ހައްޔަރުކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލު، މޫސާ ސިރާޖް ދިރިއުޅުއްވާ އެޕާޓްމަންޓަށް ފުލުހުން މިއަދު ވަދެ، އެތަން ފާސްކޮށްފި އެވެ.

ސިރާޖް ރޭ ހައްޔަރު ކުރީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އަދީބު މިފަހުން ނެރުއްވި ބަޔާންތަކެއް ސިރާޖް އާންމު ކުރެއްވުމާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައިގަ އެވެ.

ސިރާޖްގެ ގާތްބޭފުޅުން "އަވަސް"އަށް ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސިރާޖް އާއި އަނބިކަބަލުން ދިރިއުޅޭ، ގ. ހުމަށީގެ ނުވަވަނަ ފްލޯއަށް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އެ ކޯޓް އަމުރުގައި ވަނީ ސިރާޖް ދިރިއުޅޭ އެ އެޕާޓްމަންޓް ފާސްކޮށް ފުލުހުން ބަލަމުންދާ މައްސަލައިގައި ހެކި ހޯދުމަށެވެ. ސިރާޖްގެ ހާޒިރުގައި އޭނާގެ އެޕާޓްމަންޓް ފާސްކޮށް ގެންގޮސްފައި ވަނީ، ހާޑްޑްރައިވް އަކާއި ޕެންޑްރައިވް އެއް އަދި ލިޔެކިޔުންތަކެއް ކަމަށް ސިރާޖްގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ސިރާޖު ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުގައިވާ ގޮތުން އަދީބާ ހަވާލާދީ ސިރާޖު ޝާއިއުކޮށް ރިޕޯޓްކޮށްފައިވަނީ ސާބިތު ނުހިފޭ ވާހަކަތަކެވެ. އަދި ހަޑި ހުތުރު ބަހުން ލިޔުންތައް ތައްޔާރުކުރާ ކަމުގެ ތުހުމަތު ވެސް ސިރާޖުގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ސިރާޖަކީ އަދީބުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ވެސް ވަކީލްކަން ކުރައްވާ ބޭފުޅެކެވެ. އަދި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ވަކީލެކެވެ.