ރެއާލް މެޑްރިޑް

ޕާސިންގޭމްގައި ބާސާގެ މައްޗަށް ރެއާލް ޑޮމިނޭޓް ކޮށްފި!

ގިނަ ޕާސްތަކެއް އުފައްދައިގެން މެޗުގެ ކޮންޓްރޯލު ހޯދުމުގެ ގޭމް ސިސްޓަމް ތާރަފު ކުރީ، ބާސެލޯނާގައި އެ ޓީމުގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އެވެ. އެ ސްޓައިލް ބާސާއިން ތާރަފު ކުރުމުން، އޭރު ރެއާލް މެޑްރިޑްގެ ބައެއް ފަރާތްތަކުން އެކަމަށް ފާޑުވެސް ކި އެވެ.

އޭރު ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރި، ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ، ބާސާއާ ދެކޮޅަށް ވިއްދީ ވަރުގަދަ ކައުންޓަ އެޓޭކު ފުޓްބޯޅަ އެކެވެ. އޭރު ޕާސިން ގޭމްގައި، ބާސާ އުޅޭނީ ރެއާލްއަށް ވުރެ، ގާތްގަނޑަކަށް 30000 ކުރީގަ އެވެ. މިދިޔަ ސީޒަންގެ ދެ ވަނަ ހާފުގައި ކުޅުނު އެލެކްލެސިކޯ މެޗުގައި ބާސެލޯނާގެ ކީޕަރު މާކް އެންޑްރޭ ޓާސްޓެގަން ވެސް ވަނީ ރެއާލްގެ ކުޅުންތެރިންނަށްވުރެ ގިނައިން ޕާސް އުފައްދާފަ އެވެ.

ނަމަވެސް ހާލަތު ބަދަލު ވެއްޖެ އެވެ. ރެއާލް މެޑްރިޑްގެ ކޯޗު ކަމަށް، ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗް ހޫލެން ލޮޕެޓެގީ ހަވާލުވުމުން، އޭނާ ވަނީ ރެއާލްގެ ގޭމް ސިސްޓަމް ޕާސިން ގޭމަށް ބަދަލު ކޮށްލާފަ އެވެ. އޯގަސްޓް މަހު އެކަނިވެސް ރެއާލް މެޑްރިޑުން ވަނީ ޕާސިން ގޭމްގައި 90.76 ޕަސަންޓް ކާމިޔާބު ކޮށްފަ އެވެ. ބާސާއަށް ކާމިޔާބު ހޯދުނީ 87.89 ޕަސަންޓް ރޭޓްގަ އެވެ.

މިދިޔަ މަހު ލެގަނޭޒްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، އެ ޓީމުން ވަނީ އެ ޓީމުގެ ކެރިއަރުގައި އެންމެ ގިނައިން ޕާސް އުފެއްދި މެޗުގެ ރެކޯޑް ހަދާފަ އެވެ. އޭގެ ކުރިން މި ރެކޯޑް އޮންނަނީ މިދިޔަ ސީޒަންގެ ކުލަބު ވޯލްޑްކަޕުގައި ޖަޕާންގެ ކަށިމާ އެންޓަލާސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކަމުގައި ލޮޕެޓެގީ 100 ދުވަސް ހޭދަ ކޮށްފި އެވެ. އޭނާގެ ފުރަތަމަ 100 ދުވަސް ތެރޭގައި އޭނާ ވަނީ މީގެ ކުރިން ރެއާލް މެޑްރިޑް ނުކުޅޭ ސްޓައިލްގައި ކުޅުވާފަ އެވެ.

ޗެމްޕިއަންސް ލީގްގައި، އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށް، ރެއާލް ކުޅުނު މެޗު ސްޕެއިންގެ މީޑިއާތަކުން ފާހަގަ ކޮށްފައި ވަނީ "ފުޓްބޯޅައިގެ އާޓެއް" ގެ ގޮތަށެވެ.