ހަބަރު

ދީނީ އިލްމްވެރިން ބަހުގެ ހަމަލާތަކުގެ ތެރޭގައި

ޝެއިހް އިލްޔާސް ހުސައިން އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިފައިވާ ކަމަށާއި އެކަމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވީ، އިލްވެރިން ވިދާޅުވަމުން ގެންދަނީ އެބޭފުޅުން މަސައްކަތް ކުރަމުން ދަނީ އަދުލުވެރިކަމާއި އިންސާފު ގާއިމްކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފު ނަގާލާފައިވާ ބަޔަކާއެކު އެކަން ކުރެވޭނެ ގޮތެއް އިލްމުވެރިން ހާމަކޮށްދޭން ޖެހޭ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ޝެއިހް އިލްޔާސް ވިދާޅުވަނީ މިއަދު އިރު އޮއްސުމާއި ހަމައަށް ލައްކަ ގިނަ ވާހަކަތައް ހާމަ ކުރައްވާނެ ކަމަށް އިންޒާރު ދެއްވަމުން، އަޅުގަނޑު ދަންނަވާނީ މީ ވަރަށް ދެރަވަރު ކަމެއް ޝެއިހް އިލްޔާސް ފަދަ އިލްވެރި ބޭފުޅަކު އެންމެ މަގުމަތީގައި އުޅޭ އެކްޓިވިސްޓުން ދަރަޖައަށް ވެއްޓި އެހެން ކަންތައްތައް ހެދުމަކީ މިއީ ކިހާ ދެރަކަމެއްތޯއޭ،" ޝަހީމް
ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެބޭފުޅުންނަކީ އަދާލަތު ޕާޓީގެ ފައުންޑަރުން ކަމަށާއި އެޕާޓީގެ ގިނަ ފަރާތްތަކެއް އޮތީ ސަރުކާރާ އެއްކޮޅަށް ކަމަށެވެ. އަދި މިއަދު އަދާލަތު ޕާޓީ ކުރިއަށްދާ ގޮތުން ހިތާމަ ކުރައްވާ ކަމަށާއި އެމްޑީޕީއާ ގުޅިގެން އިސްލާމްދީން މުގުރާލަން މަސައްކަތްކުރި ފަރާތްތަކާއެކު މަސައްކަތް ކުރުމަކީ އެއްވެސް ގޮތަކަށް ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އިލްމުވެރިން ވާން ޖެހޭނީ ވަރަށް ހަރުދަނާ ބަޔަކަށް ކަމަށާއި ދައުލަތުގެ އުސޫލުތަކަށް ތަބާވާ ބަޔަކަށް ކަމަށެވެ. އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުންނަ މީހަކަށް ދެކިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު އިލްޔާސްއަށް ހެޔޮ އެދެން، އޭނާއަށް ނަސޭހަތްތެރިވަން ހަރުދަނާ ގޮތެއްގައި ވާހަކަ ދައްކަން، އަޅުގަނޑުމެން ސިޔާސީ މަސްރަހުގައި ވަކި ގޮތަކަށް މަސައްކަތް ކުރައްވަންވެގެން ތިމަންމެން ބޭނުންވާ ގޮތަށް ކަންތައް ނުވީމާ އެބަ ޖެހޭ ޝަހްސިއްޔަތު ކަތިލުމުގެ މަސައްކަތް ހުއްޓާލަން، ޝަހްސިއްޔަތު ކަތިލުމަކީ އެއީ އިލްމުވެރިންނާ ގުޅޭ ކަމެއް ނޫން، އަޅުގަނޑު ވަރަށް ހިތާމަ ކުރަން އިލްޔާސް ދައްކަވާފައިވާ ވާހަކަފުޅުތަކާމެދު،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އަޅުގަނޑުގެ ޝަހްސް ކަތިލުމަށްޓަކައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އިލްޔާސް އަށް ނަސޭހަތްތެރިވާ ކަމަށެވެ. މަސައްކަތް ކުރަނީ އިހްލާސްތެރިކަމާއެކު ކަމަށާއި ރައީސް ޔާމީނަށް ހުރިހާ ބޭފުޅުންވެސް ވޯޓް ދެއްވުމަށް ޝަހީމް
ގޮވާލާފައި ވެއެވެ.

ޝަހީމް ވިދާޅުވީ، ބައެއް އިލްމުވެރިން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ދޮގު ބަދުނާމުތައް އަޅުވައި ހާއްސަކޮށް ސިހުރާއި ގުޅޭގޮތުން ދޮގު ބަދުނާމު އަޅުވަމުންދާ ކަމަށެވެ. އެއީ ކަނޑައެޅިގެން ދޮގު ބަދުނާމު ތަކެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ކިހިނެއްތޯ އެހެން ގައުމެއްގައި އެހެންދީނަކަށް އުޅޭ ބަޔަކު ދައްކާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އިސްލާމީ އިލްމުވެރިއަކު ފަތުވާ ނެރެވޭނީ، އެއީ ވަރަށް ބޮޑު ގޯހެެއް، މިހާރު ސޯޝަލް މީޑިއާގައިވެސް މިހެން އޮތޭ އެހެން އޮތޭ ކިޔާފަ ޝެއިހް އިލްޔާސްވެސް ފަތުވޭ ނެރުއްވަނީ، އިލްމުވެރިން ވާން ޖެހޭނީ ޝަރުއީ މަބާދިލުތަކަށް ތަބާވާ ބަޔަކަށް، ސޯޝަލް މީޑިއާގައި ހުންނަ ވާހަކަތަކަށް ބިނާކޮށް ޝަރުއީ ބޮޑެތި މައްސަލަތަކުގައި ތިމާއަށް އެހެން ފެންނަ ގޮތަކަށް ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާތެރި ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ސިހުރުގެ ތުހުމަތުތައް ރައީސް ޔާމީނަށް ކުރެވިގެން އެދަނީ ހަގީގަތާއި ހިލާފަށް ކަމަށެވެ. ރައީސް ޔާމީންގެ އަގީދާ ވަރަށްވެސް ސާފު ކަމަށެވެ. މީހުން ޝަހްސިއްޔަތު ކަތިލުމަކީ އިލްވެރިން ކުރާ ވަރަށް ދެރަވަރުގެ އަމަލެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.