ރާއްޖެ ގެންނަ ތަަރައްގީ ހުއްޓުވުމަށް ހުރަކަށް މާދަމާ ނުވުމަށް އެދިވަޑައިގަތް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެންމެ ފަހުގެ އިލްތިމާސް ކުރައްވައިފި އެވެ.
ކެމްޕެއިން ނިންމާލެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލަކީ އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ރަމްޒުތައް ކަމަށެވެ. އެ ތަރައްގީއަށް ނޫނެކޭ ބުނަން ނުޖެހޭ ކަމަށެވެ.
މާދަމާގެ ވޯޓުގައި ތަރައްގީއަށް ހުރަސް އަޅާ ބަޔަކަށް ނުވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ގެންނަވާ ތަރައްގީ ހުއްޓުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ވެހިކަލް ބުރު ނިންމުމަށް ބްރިޖް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއިން ވެސް ތަރައްގީ ރާއްޖެއަށް އަންނަކަން ބްރިޖު ފެނުމުން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ބްރިޖު އެމްޑީޕީގެ ސަޕޯޓަރުން ވެސް ބޭނުން ކުރަނީ ލުއި ފަސޭހަތަކެއް ލިބިގެންދާތީ ކަމަށެވެ.
އެމްޑީޕީ މިހާރު އޮތީ ހަތް ފެނުން ތޯހިރު ނުވާ ވަރަށް ތަޣައްޔަރުވެފައި ކަމަށާއި އެ ޕާޓީ ވެރިކަމަށް ގެންނަން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ "ބާޣީން"ގެ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ޖަޒީރާ ޓީޝާޓް ލައިގެން ފާދިރީން އުޅޭ ކަމަށާއި ނަމަވެސް އެމަނިކުފާނާއި ޕީޕީއެމްގެ ސަޕޯޓަރުން ފާދިރިންގެ ކައިރިން ހިތްވަރު ހޯދަން ބޭނުން ނުވާ ކަމަށެވެ.