ހަބަރު

މައުމޫން، ފާރިސް އަދި ނަދީމް މިއަދު ކޯޓަށް ހާޒިރުކުރަނީ

Sep 24, 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ދަރިކަލުން ފާރިސް މައުމޫން އަދި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިއަދު ހަވީރު ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ. އެބޭފުޅުން ކޯޓަށް ހާޒިރު ކުރަނީ ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

އެ އާއިލާގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިއަދު ހަވީރު 5:00 އަށް އެބޭފުޅުން ކުރިމިނަލް ކޯޓަށް ހާޒިރުކުރާނެ ކަމަށް މިހާރު ވަނީ އަންގައިފަ އެވެ.

ނަދީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭނާ ދޫކޮށްލުމަށް އެދި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދު އެވެ.

ބަންދުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި ނުހައްގުން އަނިޔާ ލިބެމުންދާ މީހުން މިނިވަން ކުރާނެ ކަމަށް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.