ސަރުކަރު އޮފީސްތަކުގައި ހުރި ލިޔުންތައް ނައްތާލަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ސަރުކަރު އޮފީސްތަކުގެ ލިޔުންތައް ނައްތާލާ ވާހަކަތައް އަޑު އިވެމުންދާ ކަމަށާއި އެއީ ބޮޑެތި ޖާނީ ކުށްތަކެއް ކަމަށެވެ. އަދި އެއިން އެއްވެސް އޮފީހެއްގައި އުޅުއްވާ ފަރާތްތަކުން ފޮޓޯ ނަގާ ވީޑިއޯކޮށް އެކަމުގެ ހެކިތައް އެއް ކުރަން އެދޭ ކަމަށާއި ލިޔުންތައް ނައްތާ ނުލެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"މާދަމާ ވެސް މިކަމާ ޖަވާބުދާރީ ވާން ތިއްބަވާނީ ތިބޭފުޅުން، އެހެންވެ ކިތަންމެ ގޮތަކަށް ބަޔަކު އެގޮތަށް މަޖުބޫރު ކުރުވި ކަމުގައި ވިޔަސް ތިބޭފުޅުން އެއްގޮތަކަށް ވެސް އެ މަޖުބޫރީ ހާލަތަށް ވަޑައިނުގަތުމަށާއި އަދި މިފަދަ ލިޔުންތައް ނައްތާ ނުލުމަށް އިލްތިމާސް ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.
އެ މައްސަލާގައި ފުލުހުންގެ އެއްބާރުލުން ވެސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން އެކްޓިން ޕޮލިސް ކޮމިޝަނާ ނަވާޒްއާ އިބޫ ގުޅުއްވާ އެ މައްސަލަ ސަމާލު ކަމަށް ގެންނެވި ކަމަށާއި އެކަންކަން ހުއްޓުވުމަށް އެދިފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޭގެ އިތުރުން ގިނަ ބަޔަކަށް އެއްފަހަރާ ވަޒީފާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށާއި ސަރުކާރު ބަދަލުވަމުންދާ ދަނޑިވަޅެއްގައި އެފަދަ ކަންކަން ހިނގަމުންދާތީ ކަންބޮޑުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. ވަޒީފާ ދިން ކަމުގައިވީ ނަމަވެސް މިދަނޑިވަޅުގައި އެފަދަ ވަޒީފާތަކުގައި ނުހިފުމަށާއި އެގޮތަށް ދޭ ވަޒީފާއާ ދޭތެރޭ އިދިކޮޅު ސަރުކާރަކުން އަލުން ބައްލަވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.