މިއުޒިކް

ބީޓީއެސްއިން އދ. ގައި ތަގުރީރެއް ދީފި

ދިވެހިންގެ މެދުގައިވެސް މަގުބޫލު ބޭންޑެއް ކަމުގައިވާ ދެކުނު ކޮރެއާގެ ޕޮޕް ބޭންޑް، ބީޓީއެސްއިން އދ ގައި ތަގުރީރެއްދީފި އެވެ.

އެ ބޭންޑުން ތަގުރީރު ދިނީ އދ އިން ޒުވާނުންނަށް އަމާޒުކޮށްގެން އެކުލަވާލި އާ ސްޓްރެޓެޖީ ޕްލޭން "ޖެނެރޭޝަން އަންލިމިޓެޑް" އިފްތިތާހުކުރުމަށް ބޭއްވި ހަފްލާއެއްގައި އެވެ. މި ޕްލޭންގެ މަގުސަދަކީ ތައުލީމާއި ތަމްރީން އަދި ވަޒީފާގެ މާހައުލުގައި ޒުވާނުން ބާރުވެރިކޮށް އެމީހުނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

އެ ހަފްލާގައި އދ ގެ ސެކެޓްރީ ޖެނެރަލްއާއި ވޯލްޑް ބޭންކްގެ ރައީސް އަދި ރުވާންޑާގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ހަފްލާގައި ވާހަކަދައްކަމުން ބީޓީއެސްގެ ލީޑު ލަވަކިޔުންތެރިޔާ ކިމް ނަމް ޖުން (އާރްއެމް) ބުނީ ނުވާނެކަމަށް ހީކޮށް މިއުޒިކީ ދާއިރާއިން ދުރަށް ދިއުމަށް އޭނާ ވިސްނިކަމަށާއި ނަމަވެސް އަމިއްލަ ނަފްސަށް އޮންނަ އިތުބާރެއްގެ ސަބަބުން އެކަން ނުވި ކަމަށެވެ.

މިއަދު ބީޓީއެސްއަކީ ދުނިޔޭގެ ފެންވަރުގައިވެސް ކާމިޔާބު ބޭންޑެއްކަން ފާހަގަކޮށް އޭނާ ބުނީ އެ ބޭންޑުން މިހާރުވެސް މިލިއަނުން ރެކޯޑްސްތައް ވިއްކަމުން އަންނަ ކަމަށެވެ.

ބީޓީއެސްއަކީ އެމެރިކާގެ ބިލްބޯޑް 200 މިއުޒިކް ޗާޓުގެ އެންމެ އުހުގައި ފިޔަޖަހާލި ހަމައެކަނި ދެކުނު ކޮރެއާގެ ބޭންޑެވެ. އެ ބޭންޑުން މިހާރު އަންނަނީ ފުރަތަމަ ފަހަރަށް އެމެރިކާގައި ލައިވްކޮށް ޕާފޯމްކުރުމަށް ތައްޔާރުވަމުންނެވެ.