ވިޔަފާރި

ފްރާންސް "ޓޮޕް ރިސާ" ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

Sep 26, 2018

ފްރާންސްގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ "ޓޮޕް ރިސާ" ފެއާގައި ރާއްޖެ އިން ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި މަހުގެ 25 އިން 28 އަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށް ގެންދާ އައިއެފްޓީއެމް ޓޮޕް ރިސާ ފެއާގައި ރާއްޖޭން 34 ކުންފުނި ބައިވެރިވާ ކަމަށެވެ. ރާއްޖޭން ބައިވެރިވާ ވަފުދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރި ވަޑައިގަންނަވަނީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ކަމަށެވެ.

ޓޮޕް ރިސާ ފެއާގެ ރާއްޖެ ހިމެނޭ ޕެވިލިއަންގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ފްރާންސުގެ މާކެޓުގެ ޓޫރިޒަމް ހާއްސަ ފަރާތްތަކާއި އެއާލައިން ތަކުގެ މީޓިންތައް ބޭއްވޭ ގޮތަށެވެ.

އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ ފްރާންސު މާކެޓުއަކީ ހަލުވިކަމާއެކު ކުރިއަރަމުން ގެންދާ މާކެޓެއް ކަމަށާ، މި މާކެޓު މިދިޔަ އަހަރާ އަޅާ ބަލާއިރު 24 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މި އަހަރު ބާއްވާ އައިއެފްޓީއެމް ޓޮޕް ރިސާ ފެއާ ބާއްވާ މިއީ 40 ވަނަ އަހަރެވެ. މިއީ 1979 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާއެކެވެ. މިފެއާ ހާއްސަވެފައިވަނީ ތަފާތު ފަންތީގެ ޓޫރިޒަމްގެ ފަރާތްތައް ބާއްވާ ފެއާ އެއްގެ ގޮތުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފްރާންސުން 42,365 މީހުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 32,403 މީހުން އައިސްފަ އެވެ.