ހަބަރު

ފައުޒިއްޔާއަށް އިންޑިއާއިން ލިބުނު ނުހައްގު އަނިޔާގެ ބަދަލު ހޯދަނީ

ދޮގު ތުހުމަތުތަކަކާ ގުޅިގެން އިންޑިއާގެ ޖަލެއްގައި ތިން އަހަރު ވަންދެން ހޭދަކުރި ފިލްމީ ތަރި ފައުޒިއްޔާ ހަސަންއަށް ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާއިން ދިނުމަށް އެދިއްޖެ އެވެ.

އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ ބައެއް އިސްވެރިންތަކަކާ ގުޅިގެން ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ފައުޒިއްޔާއާ އޭނާއާއެކު އޭރު އިންޑިއާގައި އުޅުނު ގދ. ތިނަދޫ މަރިޔަމް ރަޝީދާ ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 13، 1994 ގަ އެވެ. އެމީހުން ދޫކޮށްލާފައިވަނީ އޭގެ ތިން އަހަރު ފަހުންނެވެ. އެމީހުން ބަންދުކޮށްފައި ބެހެއްޓީ ކެރެލާގެ ޖަލެއްގަ އެވެ.

ދަ ހިންދޫއަށް ދިން އިންޓަވިއުއެއްގައިި ފައުޒިއްޔާ ބުނީ، މާލީ ދަތިކަމުގެ ސަބަބުން ލޯޔަރެއް ހޯދައިގެން އެމައްސަލާގައި ކުރިއަށް ދެވެން ނެތް ކަމަށެވެ. އެކަން ރަސްމީކޮށް ހުށަހެޅުމުގެ ބަދަލު އިންޑިއާގެ ސަރުކާރުން އޭނާއަށް ދިން ނުހައްގު އަނިޔާއާ ގާނޫނާ ހިލާފް ޖަލު ބަންދުގެ ބަދަލު ދިނުމަށް އެދޭ ކަމަށްވެސް ފައުޒިއްޔާ ބުންޏެވެ.

"އެކަމުގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ކިޔެވުމަށް ބުރޫއެރި، އޭރު އަހަރެންގެ އަންހެން ދަރިފުޅު ހުރީ އިންޑިއާގައި ކިޔަވަން، އެކަމުގެ ސަބަބުން ކިޔެވުން ހުއްޓާލަން ޖެހުނު، އިންޑިއާގެ ފުލުހުން އޭނާއަށް ވަރަށް ފާރަލި،"ފައުޒިއްޔާ ބުންޏެވެ.

"އަހަރެންނަށް ލިބުނު ގެއްލުމުގެ ހުރިހާ ބަދަަލެއް ދޭން ޖެހޭނެ، އިންޑިއާ ޖަލުގައި ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާ ގެއްލުތަކަށް، އެއީ އަހަރެންގެ އެއްވެސް ކުށެއްނެތި ލިބުނޖު އަނިޔާތަކެއް،"

ފައުޒިއްޔާ ބުނީީ، އެމައްސަލަަ ހުށަހެޅުމަށް އިންޑިއާއަށް ދިއުމަށް ބިރު ގަންނަ ކަމަށާއި އޭނާގެ ދަރިންވެސް އޭނާ އިންޑިއާއަށް ދިއުމާ ދެކޮޅު ކަމަށެވެ. އިތުރަށް ކަމެއްގައި ދޮގު ބައްދުނާމެއް އަޅުވަފާނެކަމުގެ ބިރުވެރިކަން އަދިވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.

ޖާސޫސްކުރުމުގެ ތުހުމަތުގައި ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާގެ އިތުރުން ހައްޔަރުކޮށްފައިވަނީ އައިއެސްއާރުއޯގެ އިސް ދެ ސައެންސްވެރިން ކަމަށް ވާ ނަމްބީ ނާރަޔަން އާއި ޑީ ސަސިކުމާރުގެ އިތުރުން ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުންނަ މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރެވެ. އެމައްސަލައިގެ ތަހްގީގް ކުރުމުގައި އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން އެކަށީގެންވާ ހެކި ނެތުމާއި އެމައްސަލައަކީ އުފައްދާފައިވާ މައްސަލައެއް ކަމަށް ނިންމައި އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ އެ އެންމެން ދޫކޮށްލަން އަމުރުކޮށްފަ އެވެ.