މިއީ 2013 ވަނަ އަހަރު ބާޒާރަށް ނެރުނު ސެންޓެކެވެ. ނަމަވެސް މި ސެންޓެއްގެ ވާހަކަ ދައްކަން އެއްގޮތަކަށް ވެސް ލަހެއް ނުވެ އެވެ. ސަބަބަކީ ކިތަންމެ ދުވަހެއް ވިޔަސް ހަނދާނުން ނުވަތަ ސިކުނޑިން ފިލައިގެން ނުދާ ވަރުގެ ހިތްގައިމު އަދި އެހާމެ އަސަރުގަދަ ވަހަކަށް މި ސެންޓްގެ ވަސް ވެފައިވާތީ އެވެ.
ސެންޓުން ފެންވަރައިގެން ދުނިޔޭގައި އުޅޭ އަންހެން ކުދިން އަދި މާލެ ތެރޭގައި ހޫރޭ އަންހެން ކުދިންގެ ފެވަރިޓަކަށް "އަރްމާރީ ސީ" ވެފައިވާއިރު މިއީ ސެންޓުގެ ތަޖުރިބާކާރުންނާއި ފާޑުކިޔުންތެރިންގެ ވެސް ފެވަރިޓެކެވެ.
އެހެންވީމަ މިވީ ގޮތުން، ލޯބިވެރިޔާ އަށް ނުވަތަ ލޯބިވާ އަނބިމީހާ އަށް ހަދިޔާއެއްގެ ގޮތުގައި ދޭން އެންމެ ރަނގަޅީ "ފްރޭންކެއް" ނޫނެއް ނޫން ހެއްޔެވެ؟
އަދި ޑީކޭއެންވައި އަކާއި ޗެނަލަކާއި ކެލްވިން ކްލެއިން އަކާއި ޑީއޯ އަކާއި ގިވެންޗީއަކާއި ވިކްޓޯރިއާ ސީކްރެޓެއް ވެސް އެއްޗަކަށް ނުވިއެއް ނޫން ހެއްޔެވެ. މި އުޅޭ އަންހެން ކުދިންގެ މެދުގައި "ސީ" ގެ ވަސްގަނޑު މި އޮތީ މާ ގަދަ އަށް ވަކި ހިއްޕާލައިފަ އެވެ.
ފެންވަރަނީ ސެންޓުން ކަމުގައިވާ ނަމަ ނުވަތަ ތިޔައީ ސެންޓާ ނުލައި ނޫޅެވޭ ވަރުގެ އަންހެނަކަށް ވާ ނަމަ މިއީ ކޮންމެހެން ވެސް އަތުގައި ހުންނަން ޖެހޭ ސެންޓުފުޅިއެކެވެ. އަދި ގަވާއިދުން ލޯބިވެރިޔާ އަށް ސެންޓުގެ ހަދިޔާ ފޮނުވާ މީހެއްގެ ލިސްޓުގައި ވެސް މި ނަން އޮންނަ ޖެހެ އެވެ. ފާޑުކިޔުންތެރިން ބުނަނީ މިހެންނެވެ.
ދެން ކޮންމެއަކަސް މި ފެންވަރުގެ ސެންޓުފުޅިއެއްގެ ވަހަކާއި ހައިބަތެއް މިކަހަލަ ކީބޯޑަކުން ބުނެދޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެ އެވެ. ނަމަވެސް އެހެރަ ލެކިއުޓަށް ވަދެލަނިކޮށް ހަމަ ކޮންމެ މީހެއްގެ އަތުގައި މީގެ ސެންޓު ފުޅިއެއްގެ ޖެހި އޭގެ ވަސް ބަލައި ލެވިދާނެ އެވެ.
އަރްމާނީގެ މި ސެންޓުފުޅީގެ ދެ ތިން ވައްތަރެއް އުޅޭއިރު ބުނެވޭ ގޮތުގައި ވައްތަރަކަށް ވުރެ ވައްތަރެއްގެ ވަސް ދަނީ ހިތްގައިމުވެފައި މީރުވަމުންނެވެ. ވަރަށް ގިނަ ބަޔަކު މި ސެންޓް ސިފަކުރަނީ ފާއިތުވި ހައެއްކަ އަހަރު ތެރޭގައި ސެންޓްގެ ބާޒާރަށް ނުކުތް އެންމެ މީރުވަސް ދުވާ ސެންޓުގެ ގޮތުގަ އެވެ.
އަދި އެއް ބަޔަކު މި ފުޅީގެ ވަސް ސިފަކުރަނީ 2012 ވަނަ އަހަރު ބާޒާރަށް ނުކުމެ އެތައް ބައެއްގެ ހިތް އަތުލި ލޭންކޮމްގެ ލަ ވީ އެސްތު ބެލާގެ ހިތްގައިމު ވަސް ފަދަ ވަހެއްގެ ގޮތުގަ އެވެ. އެންމެން ވެސް ބުނަނީ ރޭހުގައި ކުރި ލިބެނީ "ސީ" އަށް ކަމަށާއި ލަ ވީ ގެ ވަހުގެ މައްޗަށް މި ސެންޓުން މިހާރު ވެރިވެގަނެފައިވާ ކަމަށެވެ.
"މިއީ ވަރަށް ގަދަ އަދި އެހާމެ ހިތްގައިމު ވަހެއް. މި ސެންޓް ޖެހީމަ ހީވަނީ އާ އުސްމިނަކަށް ދެވޭހެން. ވަރަށް ސެކްސީ ވެސް ސެންޓެއް މިއީ،" މިއީ އަރްމާނީގެ މި ސެންޓަށް މަރުދޭ ދިވެހި އަންހެން ކުއްޖެއްގެ ހިތް މި ސެންޓަށް ބަންޑުންކޮށްލިއިރު އޮތް ގޮތެވެ.
"މިއީ ފިރިހެނުންގެ މަޝްހޫރު ސެންޓް ފެރެންހެއިޓްގެ އަންހެން ވައްތަރު. ހަމަ ދަގައްފާނު. އެއަށް ދަމައިގެންދާނެ އަދި އެއަށް އާދަކޮށްލާ ފެންވަރުގެ ސެންޓެއް މިއީ،" އަނބިމީހާ އަށް ގަވާއިދުން ސެންޓު ގަނެދޭ، ސެންޓުގެ ވާހަކަތައް ނިކަން މޮޅަށް ކިޔައިދޭން އެނގޭ ޒުވާން ފިރިހެނަކު ބުނީ މިހެންނެވެ.
މިއީ ހަމަ ވަރަށް ގިނަ ދިވެހިން މި ސެންޓް ސިފަކުރަމުން އަންނަ ގޮތެވެ. ނަމަވެސް މި އެންމެންނަކީ މީގެ ސެންޓްފުޅިއެއްގެ މިލްކުވެރިންނެއް ނޫނެވެ.
"އައި ވިޝް. އައި ވިޝް މައި ބޯއިފްރެންޑްސް ނެކްސްޓް ޕްރެޒެންޓް ވިލް ބީ އަ ސީ،" މި ސެންޓް ވަރަށް އަގުބޮޑު ކަމަށް ބުނެފައި ޒުވާން އަންހެން ކުއްޖަކު ދެން ބުނީ މިހެންނެވެ.
މިފަދަ ވަރަށް ގިނަ ކުދިންނަށް މި ސެންޓުގައި އަތް ނުލެވިފައި ތިބީ އޭގެ އަގާ ހެދި އެވެ. އާންމުކޮށް މާލެ އިން ގަންނަން ލިބޭ މަޝްހޫރު އެހެން ސެންޓުތަކަށް ބަލާއިރު މިއީ އަގުބޮޑު ފުޅިއެކެވެ.
އާންމު އަގަކީ 2،000 ރުފިޔާ އެވެ. އެހެންވީމަ މީގެ ވަހުން ކިތަންމެ ވަރަކަށް ހިތް ކަތިލިޔަސް އަދި އެ ވަހަށް ކިތަންމެ ވަރަކަށް ހިތް އެދި ގޮވިޔަސް ބައެއް އަންހެން ކުދިންނަށް މީގެ ސެންޓް ފުޅިއަކުން ހުވަނދު ލެވޭ ކަށެއް ނެތެވެ.
އެހެންވީމަ ސެންޓަށް ވެސް "އާސަންދަ" ލިބޭ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ މިސާލަކަށް އެފަދަ ހިދުމަތެއް ތައާރަފްކުރާ ނަމަ "އާސެންޓް" ކިޔަން ކިހިނެތް ވާނެ ހެއްޔެވެ؟