ހަބަރު

މައުމޫންގެ މުވައްޒަފުން މިނިވަންކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޒްމާ އިބްރާހިމާއި އެމަނިކުފާނުގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީ މިއަދު ކުރިމިނަލް ކޯޓުން މިނިވަންކޮށްފި އެވެ.

ނަޖްމާ އާއި އަޒްމީ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މިދިޔަ ފެބުރުއަރީ މަހު އެވެ. ނަޖުމާ ހުރީ ޝަރީއަތް ނިމެންދެން ގޭބަންދުކޮށްފަ އެވެ. އަޒުމީ ހުރީ ޝަރީއަތް ނިމެންދެން ޖަލު ބަންދުކޮށްފަ އެވެ.

އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނާ މައްސަލާގައި ނަޖުމާގެ ގެ ބަލާ ފާސްކޮށް ފުލުހުން ގެންދިޔައީ ސޯލަކާއި ބައްތި ފޯނެއް އެކަންޏެވެ.

ނަޖުމާގެ ވަކީލް އަލީ އަބްދުލްލަތީފް ވިދާޅުވީ އޭނާގެ ބަންދު ރިވިއުކުރަން ހުށަހަޅަން ޖެހުނީ ކެރަކްޝަނަލް ސާވިސްއިން ކޯޓުން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާތީ ކަމަށެވެ. އެގޮތުން ނަޖުމާއަށް ކަސްރަތުކުރުމުގެ ގޮތުން ފަތަން ދެވޭނެ އިންތިޒާމާއި ދަރިފުޅު ގޮވައިގެން ސްކޫލަށް ދެވޭނެ ގޮތް ފަހިކޮށްދޭން ކޯޓުން އަންގާފައިވީ ނަމަވެސް އެކަން އެއްވެސް ވަރަކަށް ފަހިކޮށްދީފައިނުވާ ކަމަށެވެ.

އެކަންކަމަކީ ނަޖުމާއަށް ކޮންމެހެން ވެސް ފަހިކޮށްދޭން ޖެހޭ ކަންކަން ކުރިމިނަލް ކޯޓާއި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވެސް ގަބޫލު ކުރާ ކަމަށް ވަކީލް އަލީ ވިދާޅުވި އެވެ. ނަޖުމާ ބަންދުން ދޫކުރުމަށް ކޯޓުން ނިންމީ ކަރަކްޝަނަލް ސާވިސްއިން އެއިން އެއްވެސް ކަމެއް މިހާތަނަށް ފަހިކޮށްދީފައިނުވާތީ އެވެ.

ނަޒްމާ އާއި އަޒްމީގެ މައްޗަށް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މިއަދު އެ ދެ މީހުން ވެސް ދޫކޮށްލީ އެއްވެސް ޝަރުތެއް ނެތި އެވެ.