ކުޅިވަރު

ސެވިއްޔާ އާއި ލެގަނޭޒްއިން ގަދަ ދެބާރު ހަމަބިމަށް ތިރިކޮށްފި

ސްޕެނިޝް ލީގްގެ އެންމެ ވަރުގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ މައްޗަށް ސެވިއްޔާ އާއި ލެގަނޭޒް އިން ކުރި ހޯދައިފި އެވެ.

ސެވިއްޔާއިން ރެއާލް މެޑްރިޑް ބަލި ކުރީ 3-0 އިންނެވެ. އޭގެ ކުރިން ކުޅުނު މެޗުގައި ލެގެނޭޒްއިން ވަނީ ބާސާއިން ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރައި 2-1 އިން ބަލިކޮށްފަ އެވެ.

މި ހަފުތާގައި ބޭއްވި ފީފާގެ އެވޯޑް ހަފުލާގައި، ދުނިޔޭގެ އެންމެ ވަރުގަދަ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު، ރެއާލް މެޑްރިޑްގެ ފަސް ކުޅުންތެރިންނަށް ސެވިއްޔާގެ މައްޗަށް ކުރި ހޯދުމުގައި ކާމިޔާބެއް ނުހޯދުނެވެ. ސެވިއްޔާއިން ވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނަގާފަ އެވެ. ޖީސަސް ނާވަސް ތަނަވަސް ކޮށްދިން ފުރުސަތަކުން ސެވިއްޔާގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަންޑްރޭ ސިލްވާ އެވެ.

އޭގެ ތިން މިނެޓް ފަހުން އަންޑްރޭ ސިލްވާ ވަނީ ސެވިއްޔާގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ވަސީމް ބެންޔާޑެރު ކާމިޔާބު ކުރީ މެޗުގެ 39 ވަނަ މިނެޓްގަ އެވެ.

ލެގަނޭޒްއިން ބާސާ ސައިޒު ކޮށްލީ އެންމެ ދެ މިނެޓް ތެރޭގަ އެވެ. ފިލިޕޭ ކުޓީނިއޯ މެޗުގެ 12 ވަނަ މިނެޓްގައި ބާސާއަށް ލީޑު ނަގައިދިފައި ވަނިކޮށް، ދެ ވަނަ ހާފުގެ ކުރީ ކޮޅު ލެގަނޭޒްއިން ވަނީ ދެ ލަނޑު ޖެހިޖެހިގެން ކާމިޔާބު ކޮށް ލިޑު ނަގާފަ އެވެ.

ލެގަނޭޒްގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނާބެލް އަލް ޒަހްރު އެވެ. ޖެހިގެން އައި މިނެޓްގައި، އޮސްކާ ރޮޑްރިގޭޒް ވަނީ އެ ޓީމު މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.