އާ އަހަރާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓްތަކާއި ގެސްޓް ހައުސް އަދި ހޮޓާތައް ފުރިއްޖެ އެވެ.
ގެސްޓް ހައުސްތައް ގިނަ މާފުށިން ސްޓިންގްރޭ ގެސްޓް ހައުސްގެ މުހައްމަދު މުސްތަފާ ވިދާޅުވި ގޮތުގައި މިދިޔަ މަހު ގެސްޓް ހައުސްގެ ވިޔަފާރި ހީނަރުވީ ނަމަވެސް މިހާރު ގިނަ ގެސްޓް ހައުސްތައް ވަނީ ފުލްވެފަ އެވެ.
"މިދިޔަ މަހު ކުރީ އަހަރުތަކާ ބަލާއިރު ދަށްކޮށް ދިޔައީ. ނަމަވެސް ނިއު އިޔާއާ ދިމާކޮށް މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ،" މުސްތަފާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ގެސްޓުން މަދުވި އެއް ސަބަބަކީ ރަޝިއާގެ މާކެޓު ކޮންމެ ވެސް ވަރަކަށް ހީނަރުވުމެވެ.
"ރަޝިއާއިން އައި މީހުން މާ ބޮޑަށް ދަށަށް ދިޔައީއެއް ނޫން. ކޮންމެވެސް ވަރަކަށް ދަށަށް ދިޔައީ. މީގެ އެއް ސަބަބަކީ ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ޑޮލަރާ އަޅާ ބަލާއިރު އެމީހުންގެ ރުފިޔާގެ އަގު ދަށަށް ދިއުން،" އިބްރާހިމް ވިދާޅުވި އެވެ.
މިދިޔަ މަހު ގެސްޓް ހައުސް ވިޔަފާރި ދަށްވި ނަމަވެސް މިހާރު މާފުށި ދަނީ ފުރެމުންނެވެ. މާފުށީގެ 35 ވަރަކަށް ގެސްޓް ހައުސްގައި 600 އެއްހާ ގެސްޓުން މިހާރުވެސް އެބަ ތިއްބެވެ. މީގެ އެއް ސަބަބަކީ އާ އަހަރު ފާހަރު ކުރުމަށް އެ ރަށަށް އަންނަ ބޭރުގެ މެހުމާނުންނަށް މަރުހަބާ ކިޔުމަށް މާފުށި ތައްޔާރުވަމުންދާލެއް ފުރިހަމަ ކަމެވެ.
ހުޅުމާލޭގައި ހިންގަމުން އަންނަ ފާން ބުޓިކް ގެސްޓް ހައުސްއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހު ގެސްޓް ހައުސްގެ ވިޔަފާރި ހީނަރުވުމަށްފަހު، މިހާރު ރަނގަޅުވާން ފަށާފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް ވިޔަފާރި ހީނަރުވި. އެކަމަކު މިހާރު އަންނަނީ ރަނގަޅުވަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ގެސްޓް ހައުސްގެ އިތުރުން ގިނަ ރިސޯޓަތައް ވެސް ދަނީ ފުރެމުންނެވެ.
މާލެއާ ކައިރި ރިސޯޓެއް ކަމަށްވާ ފިހާޅޮހި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އާދަމް އިބްރާހިމް ވިދާޅުވީ ނިއު އިޔާއަށް އެ ރިސޯޓް ފުލްވެފައިވާ ކަމަށެވެ.
"މި ރިސޯޓަށް ގިނައިން އަންނަނީ ޔޫރަޕުން އަންނަ ޓޫރިސްޓުން. ޔޫރަޕު ޓޫރިސްޓުންނާއެކު ވަރަށް ބޮޑަށް ވަނީ ފުލްވެފައި،" އާދަމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.