ޕީއެސްއެމް

އިކްރާމްގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ތަހުގީގު ކުރަނީ

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އިކްރާމްއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ތަހުގީގު ކުރަން ފަށައިފި އެވެ.

އިކްރާމްއަކީ ޕީއެސްއެމްގައި ހުންނަވައިގެން ފާޅުގައި ޕީޕީއެމްގެ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންއަށް ކެމްޕެއިން ކުރައްވާތީ އޭނާއަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

އޭސީސީއިން ތަހުގީގު ކުރަމުން ދަނީ މޯލްޑިވްސް މީޑިއާ އިންޓިޓިއުޝަން، އެމްއެމްއައި ހުޅުވުމަށް އިމާރާތަށް އެތައް ހަރަދެއް ގަވާއިދާ ހިލާފަށް ކޮށްފައިވާ މައްސަލަ އެވެ. އެ މައްސަލައަކީ ކުރިން ވެސް އޭސީސީއިން ބަލާފައިވާ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ އޭރު ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި މުހައްމަދު ހާޝިމްގެ މައްޗަށް ދައުވާކުރުމަށެވެ.

އެކަމަކު އޭނާ އެކަން ހިނގިއިރު ހުރީ ޗުއްޓީގަ އެވެ. އެހެންވެ އެ ޝަކުވާ އޭސީސީއަށް ލިބިފައިވާތީ އަލުން މައްސަލަ ބަލަން ވަނީ ފަށާފަ އެވެ. އަދި މިއަދު ޕީއެސްއެމްގެ ކުރީގެ މެނޭޖާ ލީގަލް އެންޑް ރެގުއުލޭޓްރީ އެފެއާޒް އަބްދުﷲ ހިލްމީ ވަނީ ކަން ހިނގި ގޮތް ސާފުކުރުމަށް އޭސީސީއަށް ހާޒިރުކޮށްފަ އެވެ.

އޭސީސީއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުﷲ ހިލްމީ ވިދާޅުވީ އޭނާއާ ސުވާލުކުރީ މީޑިއާ އިންޓިޓިއުޝަން ހުޅުވުމަށް ނުނިމި ހުރި އިމާރާތެއް ނިމިއްޖެ ކަމަށް ހަދައިގެން އެތަނަށް ބޮޑު ކުއްޔެއް ދައްކާ މައްސަލަ ފަޅާ އެރި މައްސަލައާ ގުޅިގެން ކަމަށެވެ.

މިހާރު ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރެޖިސްޓްރާގެ މަގާމު އަދާކުރައްވާ އަބްދުﷲ ހިލްމީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ތުހުމަތު ކުރެވެނީ އަދި ރައްދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމެވެ. އޭރު ކަންކަން ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވީ އިކްރާމެވެ.

ހެންވޭރުގައި ހުރި އެ އިމާރާތަށް މަހު ކުލީގެ ގޮތުގައި 37،000 ރުފިޔާ ދައްކަމުން ދިޔަ އެވެ. އަދި އެޑްވާންސްގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ދައްކާފައިވާއިރު ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އަށް ލައްކަ ރުފިޔާ ދައްކާފައިވާ ކަމަށް ހިލްމީ ވިދާޅުވި އެވެ. ނަމަވެސް އެ ހުރިހާ ހަރަދެއްކޮށްފައިވާ އެ އިމާރާތުގައި އެއްވެސް މަސައްކަތެއް ނިމިފައިނުވާ ކަމަށާއި އެންމެ ކުޑަ މިނުން ޕާޓިޝަނެއް ވެސް އިމާރާތުގައި ޖަހާލާފައިނުވާ ކަމަށް ހިލްމީ ވިދާޅުވި އެވެ.

އެތައް ހަރަދެއް އެ އިމާރާތަށް ކުރުމަށްފަހު، އެންމެ ފަހުން މީޑިއާ އިންޓިޓިއުޝަން ހުޅުވާފައިވަނީ މާފަންނުގައި ހުންނަ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގަ އެވެ.

"އަޅުގަނޑު އެކަން ހުއްޓިވިން، އެހެން ނަމަވެސް ކުރިން މައްސަލަ ނިމިގެން ޕީޖީ އޮފީހަށް ދިޔައިރު އަޅުގަނޑުގެ ބަހެއް އޭގައި ނެތް،" ހިލްމީ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވި ގޮތުގައި ގާނޫނާއި ގަވައިދާ އެއްގޮތަށް ހިނގާފައިވާ އެއްވެސް ކަމެއް ޕީއެސްއެމްގައި ނޯންނާނެ ކަމަށެވެ. ހުރިހާ ކަމެއް ވެސް ދިޔައީ އުސޫލުތަކުން ބޭރުން ކަމަށެވެ.

"އަޅުގަނޑަކީ އޭސީސީގަ ވެސް 17 އަހަރު މަސައްކަތްކޮށްފަ ހުރި މީހެއް، އަޅުގަނޑު ޕީއެސްއެމްއިން ނުކުތީ މަސައްކަތް ކުރަން އުނދަގޫ ވެގެން، އެތަނުގަ މަސައްކަތް ނުކުރެވުނީ އޮންނަ އުސޫލުތައް އެ ބޭފުޅުން ގަބޫލު ނުކުރާތީ،" ހިލްމީ ވިދާޅުވި އެވެ.

"މިސާލަކަށް ޕްރޮގްރާމެއް ކަމަށްވީ ނަމަވެސް ދޮރެއް ޖެހި ކަމަށްވީ ނަމަވެސް ކުލަލުން ކަމަށްވީ ނަމަވެސް ނުވަތަ ތަޅުން ގަނޑެއް އެޅި ކަމުގައިވީ ނަމަވެސް ފުރާޅެއް އެޅުން ކަމަށްވީ ނަމަވެސް އެއްވެސް ކަމެއް ނީންނާނެ ގާނޫނާއި ގަވައިދާ އެއްގޮތަށް ގޮސްފައެއް،"

ހިލްމީ ވިދާޅުވީ، ޕީއެސްއެމްއިން ހުރިހާ މަސައްކަތެއް ހަވާލުކުރަނީ އިކްރާމްއާ ގުޅުން އޮންނަ މީހުންނަށް ކަމުގެ ޝަކުވާތައް އޭނާ ޕީއެސްއެމްގައި މަސައްކަތް ކުރިއިރު ވެސް އަދި ވަކިވި ފަހުން ވެސް ލިބޭ ކަމަށެވެ.

އޭނާ މަސައްކަތް ކުރިއިރު މައްސަލައެއް ފެންމަތިވެއްޖެނަމަ އެ މައްސަލައެއް ބެލުމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް އަންގަވާ ކަމަށެވެ. އިސްލާހުތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެންގުމުން ހަލީލް އެ ފިޔަވަޅުތައް އެޅުއްވިކަން ވެސް ހިލްމީ ފާހަގަކުރެއްވި އެވެ. ނަމަވެސް ތަހުގީގީ އިދާރާއަކަށް އެ މައްސަލަތައް ނުފޮނުވާ ކަމަށާއި ތަހުގީގުކުރަންޖެހޭ ބޮޑެތި މައްސަލަަތައް ފެންމަތިވަމުން ދިޔަ ކަމަށެވެ.

"އަޅުގަނޑު ހުރި ހާޒިރެއްގަ ހަލީލް އޮޑިޓާ ޖެނަރަލަށް ވެސް ދެންނެވި ތަން އޮޑިޓް ކޮށް ދެއްވުމަށް، އެއީ އެތަން ގޯސްވެދާނެތީ އޮޑިޓެއް ކޮށް ދިނުމަށް، އެކަމަކު އަޅުގަނޑު ތަނުން ނުކުތްއިރު ވެސް އޮޑިޓެއް ނުކުރޭ،" ހިލްމީ ވިދާޅުވި އެވެ.

ޕީއެސްއެމްގައި ހިނގާފައިވާ ގިނަ ގާނޫނާ ހިލާފު މައްސަލަތަކެއް ހުރުމުން އެކަންކަމުގެ މައުލޫމާތު އެނގޭ މީހުން މައްސަލަަތައް އަވަހަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ހިލްމީ އެދުނެވެ.