ހަބަރު

ރައީސް ޔާމީންއަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިންގެ މައްސަލަތަކެއް ފުލުހުންނަށް

Sep 27, 2018
13

ރައީސް އަބްދުﷲ ޔާމީންއާ ގުޅުން ހުރި މަނީ ލޯންޑްރިންއަށް ތުހުމަތުވާ މައްސަލަތަކެއް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

"އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ މި މަހުގެ ކުރީކޮޅުގަ އެވެ. ކަށްވަރުވެފައިވާ ގޮތުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މި މައްސަލަތައް ތަހުގީގު ކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދި ސިޓީ ފޮނުވައިފަ އެވެ. އެމްއެމްއޭގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިންގެ ހަރަކާތްތައް ހުއްޓުވުމަށް މަނީލޯންޑްރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި ހަދާފައިވާ މިނިވަން ބޮޑީއެކެވެ. މައުލޫމާތު އެނގި ހުރި ބައެއް އޮފިޝަލުން އަވަސްއަށް މިއަދު ކިޔައިދިން ގޮތުގައި، އެ ޔުނިޓުން ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓުން ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެ ކަމާ ގުޅިގެން، އެމްއެމްއޭ މީޑިއާ އޮފިސަރު މުހައްމަދު ނާސިހުއާ "އަވަސް"އިން ސުވާލުކުރުމުން ވިދާޅުވީ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެމްއެމްއޭގެ އެތެރޭގައި އޮންނަ މިނިވަން މުސްތަގިއްލު ބޮޑީއެއް ކަމަށާއި އެ ބޮޑީއިން ކުރަން ޖެހޭ ގާނޫނީ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ބޮޑީގެ މަސައްކަތްތަކަށް އެމްއެމްއޭއިން ނުފޫޒު ނުފޯރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން ފުލުހުންނާއި، ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެއްވެސް ފަރާތެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.