ހަބަރު

މަޖިލީހުގެ ކޮމިޓީތަކަށް މީޑިއާ ވައްދަން ދެކޮޅު ހަދައިފި

މިއަދު ތައާވަލް ކޮށްފައިވާ މަޖިލީހުގެ ކޮމިޓީ ބައްދަލުވުންތައް ކަވަރު ކުރުމަށް މީޑިއާ ވެއްދުމަށް ސިފައިން ދެކޮޅު ހަދައިފި
އެވެ.

މިއަދު ދެ ކޮމިޓީއެއްގެ ބައްދަލުވެއް ބޭއްވުމަށް ހަަމަޖެހިފައި ވެއެވެ. މިއަދު ބާއްވަން ހަމަޖެހިފައިވަނީ އިޖްތިމާއި ކޮމިޓީގެ ބައްދަލުވުމަކާއި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެކެވެ. އެގޮތުން އިޖްތިމާއި ކޮމިޓީ ބާއްވަން ހަމަޖެހިފައިވަނީ މިއަދު 3:30ގަ އެވެ. އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިއަދު 4:00ގަ އެވެ.

މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފުންނެވެ. އެގޮތުން މިއަދުގެ ކޮމިޓީތަކަށް ވަނުމަށް މީޑިއާގެ ބޭފުޅުން ދިއުމުން ދޮރު ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިސަރު ބުނީ، މަޖިލީހުގެ ތެރެއަށް މީޑިއާ ވެއްދުމަށް އަންގާފައިނުވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ ތެރެއަށް ވެއްދެންނެތް ކަމަށެވެ.

މިދިޔަ ފެބްރުއަރީމަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންވެސް މީޑިއާ މަޖިލީހަށް ވެއްދުމަށް ސިފައިން ވަނީ ދެކޮޅު ހަދާފަ އެވެ. މީޑިއާ މަޖިލީހަށް ނުވެއްދި ނަމަވެސް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮމިޓީ ބައްދަލުވުންތަކައް އާންމު އުސޫލެއްގެ ގޮތުން ބަލަން ބޭނުންވާ މީހުންނަށް ވަދެވޭގޮތަށް ހުޅުވާލަންވާނެ އެވެ. ނަމަވެސް ކޮމިޓީ ސިއްރު ކުރަން ބޭނުން ނަމަ އެކަން އެ ބައްދަލުވުމުގައި ހުށަހަޅާ އަގުލަބިއްޔަތުން ފާސް ކުރަން ޖެހެ އެވެ. އެގޮތަށް ފާސް ކުރެވޭނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ މައުލޫމާތު ހިއްސާ ކުރާ ކޮމިޓީއެއް ނުވަތަ އާންމު ކުރަން އެކަށީގެން ނުވާ މައުލޫމާތު ބަދަލު ކުރާ ފަދަ ކޮމިޓީ ބައްދަލުވުމެކެވެ.

އިޖްތިމާއި ކޮމިޓީގެ އެޖެންޑާގައި ވަނީ، ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ. އަދި މާލިއްޔަތު ކޮމިޓީގެ އެޖެންޑާގައި ވަނީ، 2018 ވަނަ އަހަރަށް ލަފާ ކުރި ދައުލަތުގެ ކޭޝްފުލޯ ޕްލޭނާއި މެދު މަޝްވަރާ ކުރުމަށާއި ފިނޭންސް މިނިސްޓްރީން 2018 ވަނަ އަހަރު ފޮނުވާފައިވާ މިޑް ޓާމް ފިސްކަލް ސްޓްރެޓެޖީއާމެދު މަޝްވަރާ ކުރުމެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން 2017 ވަނަ އަހަރު ފޮނުވާފައިވާ މިޑް ޓާމް ފިސްކަލް ސްޓްރެޓެޖީއާމެދު މަޝްވަރާ ކުރުމަށާއި ފަނޑިޔާރުންގެ މުސާރަ ރިވިއު ކޮށްދިނުމަށް އެދި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ އެޖެންޑާގައި ވެއެވެ. މީގެ އިތުރުން، ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމާ މެދު މަޝްވަރާ ކުރަން ވަނީ އެޖެންޑާކޮށްފަ އެވެ.

ފެބުރުއަރީ އެކެއްގެ އަމުރަށް ފަހު މަޖިލީހުގެ ސެކިއުރިޓީ ވަނީ ސިފައިން ވަރަށްބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު 24 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްހާ ދުވަސްވަންދެން އިދިކޮޅު މެންބަރުންނަށް މަޖިލީިހުގެ އިދާރާތެރެއަށް ވަނުމަށްވެސް ސިފައިން ހުރަސް އަޅާފައި ވެއެވެ.