ހިންނަވަރު ދާއިރާގެ މެންބަރު އަދި މިހާރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ކާށިދޫ ދާއިރާގެ މެންބަރު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކުރައްވާނެ ފަހު މަސައްކަތުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
ދުވަސްގަނޑަކަށް މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށް ފަހު މިއަދު ބޭއްވި، މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިހާރު ކުރިއަށްދާއިރު އެ ބައްދަލުވުމުގައި އިބޫ އާއި ފައިސަލް ބައިވެރިވެވަޑައިގަންނަވަ އެވެ. އެބޭފުޅުން 2014 ވަނަ އަހަރުން ފެށިގެން މާލިއްޔަތު ކޮމިޓީގައި ތިއްބަވަ އެވެ. އެ ދެ ބޭފުޅުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާފަ އެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާއިރު، ފައިސަލް ނައިބު ރައީސް ކަމުގެ ހުވާ ކުރައްވާނެ އެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ނޮވެމްބަރު 17 ކުރިން މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ އެވެ.
ކޮމިޓީގެ މެންބަރުން ވަނީ އިބޫ އާއި ފައިސަލް ހޯއްދެވި ކާމިޔާބީއަށް ނުހަނު ބޮޑު މަރުހަބާއެއް ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން މުގައްރިރުކަން ކުރައްވާ ކޮމެޓީގެ އެޖެންޑާގައި ވަނީ، 2018 ވަނަ އަހަރަށް ލަފާ ކުރި ދައުލަތުގެ ކޭޝްފުލޯ ޕްލޭނާއި މެދު މަޝްވަރާ ކުރުމާއި ފިނޭންސް މިނިސްޓްރީން 2018 ވަނަ އަހަރު ފޮނުވާފައިވާ މިޑް ޓާމް ފިސްކަލް ސްޓްރެޓެޖީ، ހަރަދާއި އާމްދަނީގެ ސިޔާސަތާ މެދު މަޝްވަރާ ކުރުމެވެ. އަދި ފަނޑިޔާރުންގެ މުސާރަ ރިވިއު ކޮށްދިނުމަށް އެދި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ އެޖެންޑާގައި ވެއެވެ. މީގެ އިތުރުން، ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމާ މެދު މަޝްވަރާ ކުރަން ވަނީ އެޖެންޑާކޮށްފަ އެވެ.