ހަބަރު

ލޯނުތަކުގެ މުއްދަތު އިތުރުކޮށް، ބޭރުގެ އެހީ އިތުރުކުރާނަން: އިބޫ

އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި އާ ސަރުކާރުގެ ޕްލޭންތައް ތަންފީޒު ކުރެވޭ ގޮތަށް ބަޖެޓް އެކުލަވާލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި މިހާރު ނަގާފައިވާ ކޮމާޝަލް ލޯނުތައް ދެއްކުން ދިގު މުއްދަތަކަށް ދަންމާލަށް ޖެހޭ ކަމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް މިހާރު ފިނޭންސް މިނިސްޓްރީން ހަދަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ އެމަނިކުފާނުގެ ސަރުކާރުގެ ބަޖެޓަށް ކަމަށެވެ. އެހެން ކަމުން އެ ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުންނާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ކުރުމަށް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓަރު ވިދާޅުފައިވަނީ، އަންނަން އޮތް ސަރުކާރުން ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނީ މަޖިލީހުންނޭ، އެއީކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ބަޖެޓް ހުށަހަޅާއިރު އެ ބަދަލުތައް ގެނައުމަށް އަޅުގަނޑުމެންނަށް ލިބިދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އެކަން އެގޮތަށް ނުވިނަމަވެސް މަޖިލީހަށް ބަޖެޓް ހުށަހެޅިގެންދާއިރު އެބަދަލުތައް ގެނައުމުގައި މަޖިލީިހުން އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިސަރުކާރުގެ ބައެއް ޕްލޭންތަކާއި އަޅުގަނޑުމެންގެ ޕްލޭންތަކާ ތަފާތް، އެހެންވީމަ ދެން އަންނަ އަހަރުގެ ބަޖެޓް ވާން ޖެހޭނީ އަޅުގަނޑުމެންގެ ޕްލޭންތައް ތަންފީޒު ކުރެވިގެންދާނެ ބަޖެޓަކަށް، ހުރިހާ ބޭފުޅުންގެ ކިބައިން އެއްބާރުލުން ދިނުމަށް އެދެން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ބަޖެޓްގައި ކަނޑައާޅާފައި އޮންނަ މިންވަރަށްވުރެ ބޮޑަށް ކޮންމެ އަހަރަކުވެސް ބަޖެޓްގެ ޑެފިސިޓް ބޮޑު ވަމުންދާ ކަމަށާއި އެކަން އެގޮތަށް ވަނީ ލިބޭ އާންމުދަނީއަށްވުރެ ބޮޑު ހަރަދުތައް ކުރާތީ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ބަޖެޓް ފާސް ކުރުމުގައި އެނޫން ގޮތްތައް ބަލަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

"ދަރަނި 49 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފައިވަނީ، ދަރަންޏަށް ބަލާއިރުގައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން 211 ޕަސެންޓް ދަރަނީގެ ގޮތުގައި ވާނެ ކަމަށް މިއަހަރު ނިމޭއިރު، ގައުމި ފުއްދުންތެރިކަމުގެ ނިސްބަތުން 65 ޕަސެންޓް، ދައުލަތަށް ލިބެން ޖެހޭ އާންމުދަނީގެ 211 ޕަސެންޓް ދަރަނިވޭ، ބޮޑު އަދަދެއްގެ ވާހަކަ މި ދަންނަވަނީ، ދަރަނި އަދާކުރަން މިޖެހެނީ ދައުލަތަށް ލިބޭ އެއްޗަކުން، އެހެންކަމުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަ ކުރަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، އެކަންކަން ހައްލު ކުުރުމަށް ބޭރުން ނަގާފައިވާ ލޯންތައް ދިގު މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް އެފަރާތްތަކާއި ވާހަކަަދައްކަން ޖެހޭ ކަމަށެވެ. އަދި މިހާރު ކޮމާޝަލް ލޯންތައް ދައްމާލަން ޖެހޭ ކަމަށާއި ފޮރިން އެއިޑް ހޯދުމަކީ ކުރަން ޖެހޭ ކަމެއް ކަަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ފޮރިން އެއިޑް ނެތި އަޅުގަނޑަކަށް ނުފެނެ ރަނގަޅު ހެލްތީ ބަޖެޓެއްގެ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގެ ގެންދެވިދާނެހެން، މިކަމުގައި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ، މީ ގައުމީ މަސައްކަތެއް އަޅުގަނޑުމެން ކުރަން މިޖެހެނީ، ދައުލަތުގެ ބަޖެޓް ހުށަހެޅިގެންދާއިރުގައި އެއްބާރުލުން ދިނުމަށް،" އިބޫ ވިދާޅުވި އެވެ.