ހަބަރު

ހުވާކުރުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ނަމަ ހާޒިރުވާނަން: އިބޫ

އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންތިހާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މެންބަރުންގެ ގޮތުގައި ތިއްބެވިނަމަ މަޖިލީހުން ފެނިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މަޖިލީހުގެ ޖަލްސާތައް އަދި އޮންނާނެ ކަމަށް އަޅުގަނޑު މި ގަބޫލު ކުރަނީ، އޮތިއްޔާ ދެން އަޅުގަނޑުމެން ތިބޭނީ އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮތުގައި، މަޖިލީހުން ފެނިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. ޖަލްސާތައް އަންނަ މަހު ފަށާނެ އެވެ. އިބޫ ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ އިދިކޮޅު މެންބަރުންނާވެސް މިދިޔަ އަންގާރަ ދުވަހު ބައްދަލު ކުރައްވާފަ އެވެ.