ޕީޕީއެމްގެ ކޯޅުންތައް

މީޑިއާ ނުވައްދާ ނެގި ވޯޓަކުން ޕީޕީއެމްގެ ރައީސްކަމަށް ޔާމީން ހޮވައިފި

Sep 28, 2018
13

ޕީޕީއެމްގެ ރައީސް ކަމަށް، އެ ޕާޓީގެ މުސްތަޝާރު އަދި ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހޮވުމަށް އެ ޕާޓީގެ ކޮންގްރަސް އިން މިއަދު ފާސްކޮށްފި އެވެ.

ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި، ރައީސް ޔާމީން ޕީޕީއެމްގެ ރައީސްގެ މަގާމަށް އައްޔަން ކުރުމަށް ފާސް ކުރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށް ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ބުނެފަ އެވެ. ނަމަވެސް ކޮންގްރަސްއަށް އެއްވެސް މީޑިއާއެއް ނުވައްދާތީ ތަފްސީލެއް ނޭނގެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ވޯޓް ނެގީ އަތް ހިއްލައިގެން އެވެ.

ޕީޕީއެމް އިން އެންމެ ފަހުން 2013 ވަނަ އަހަރުގައި ބޭއްވި ކޮންގްރަސްގައި ވަނީ ރައީސް ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންތިހާބުކޮށްފަ އެވެ. ނަމަވެސް އެ ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތަކާ ހެދި 2017 ވަނަ އަހަރު ރައީސް މައުމޫން ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވި ހިސާބުން، ޕީޕީއެމްގެ އެހެން މެންބަރުން ކޯޓަަށް ވަޑައިގެން ޕާޓީ ހިންގުން ވަނީ މުސްތަޝާރާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ޕާޓީ ހިންގީ މުސްތަޝާރާއި ނައިބު ރައީސުންނެވެ.

ޕީޕިއެމްގެ ރައީސް ކަމަަށް ރައީސް ޔާމީން ހޮވިވަޑައިގެންފައި ވަނީ ކޮންގްރަސް ހުއްޓުވުމަށް އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން ދަރިކަނބަލުން ޔުމްނާ މައުމޫން މައްސަލައެއް ސިވިލް ކޯޓަށް ވައްދާފައި ވަނިކޮށެވެ. އެ މައްސަލާގައި ބުނެފައިވަނީ، ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަރާއި ހަވާލުކުރަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމުގައި ކަނޑައެޅި އުސޫލާއި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކައުންސިލުން ހިންގުން މުސްތަޝާރާ ހަވާލުކޮށްފައިވާތީ ކަމަށެވެ.

މިދިޔަަ ރިޔާސީ އިންތިހާބުގައި އިންތިހާބު ވެވަޑައިގަތް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕީޕީއެމް އެ ޕާޓީގެ އަސްލު ރައީސް، ރައީސް މައުމޫންއާ ހަވާލު ކުރެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. މައުމޫންގެ އާއިލާއިން ތުހުމަތު ކުރަނީ ރައީސް މައުމޫން އާއި ދަރިކަލުން ފާރިސް މައުމޫން އަދިވެސް ހައްޔަރުކޮށްފައި ބައިތިއްބަނީ ޕީޕީއެމްގެ ކޮންގްރެސް ބާއްވައި ރައީސް ކަމުގެ މަގާމު ރައީސް ޔާމީން ހޯއްދެވުމަށް ކަމަށެވެ.