ހަބަރު

ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބާތިލްކުރަން ކޯޓަށް

ޕީޕީއެމުން އިއްޔެ ކޮންގްރެސްއެއް ބާއްވައި، ޕާޓީގެ މުހިއްމު މަގާމްތަކަށް މީހުން ހޮވާފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ކޮންގްރެސްގެ ނިންމުންތައް ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް މިހާރު ރައީސް މައުމޫންގެ ސިޔާސީ ހަރަކާތް، އެމްއާރްއެމްއިން ބުނެފި އެވެ.

ޕީޕީއެމްގެ އިންތިހާބީ ކޮމެޓީގައި ތިއްބެވި އަދި މިހާރު މައުމޫން ރިޕޯމް މޫމަންޓް، އެމްއާރްއެމްގައި ހަރަކާތްތެރިވާ ތިން މެންބަރަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ ހ ގައިވާ ގޮތުން ޕާޓީގެ އެތެރޭގައި ބާއްވާ ހުރިހާ އިންތިހާބުތަކެއް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިހާބީ ކޮމިޓީން ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އިއްޔެގެ ކޮންގްރެސްގައި މަގާމްތަކަށް ބޭފުޅުން ހޮވާފައިވަނީ އިންތިހާބީ ކޮމިޓީގެ ޣައިރު ހާޒިރުގައި ކަމަށެވެ. އެހެންކަމުން އިއްޔެގެ ޖަލްސާގައި ޕާޓީގެ މަގާމްތަކަށް އިންތިހާބުކޮށްފައިވާ މީހުންގެ ސައްހަ ކަމެއް ނޯންނާނެ ކަމަށް ވެސް އިންތިހާބީ ކޮމިޓީގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކޮންގްރެސް ކުރިއަށް ގެންދާތީ ޕާޓީގެ ގިނަ ގޮފިތަކަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

"އެގޮތުން ގައުމީ ޖަލްސާއަށް ފޮނުވާނެ މީހުން ގޮފިތަކުން ހޮއްވަވާފައިނުުމާއި ގިނަ ގޮފިތަކަށް ގައުމީ ޖަލްސާ ބާއްވާކަން އަންގާފައި ނުވާކަމުގެ ޝަކުވާ ލިބިފައިވެ،" އެމްއާރްއެމްއަށް ނިސްބަތްވާ ޕީޕީއެމް އިންތިހާބީ ކޮމިޓީގެ އަހުމަދު ޝުޖާއު އާއި އިބްރާހިމް އަފުރާތާއި އަލީ ރަޝީދު ސޮއިކުރައްވާފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމުން އިއްޔެ ބޭއްވި ހާއްސަ ގައުމީ ޖަލްސާގައި އެ ޕާޓީގެ ރައީސްގެ ގޮތުގައި ހޮވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އަދި ނައިބު ލީޑަރު ކަމަށް އައިޝަތު އާޒިމާ ޝަކޫރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ހޮވައިފަ އެވެ.