ވިޔަފާރި

"އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތް ފަށައިފި

Sep 30, 2018

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ "އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ ހެދުމުގެ މުބާރާތުގެ ދެވަނަ ބައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީ ކުރިއަށް ގެންދާ އެއް މިނެޓުގެ ވީޑިއޯ ހެދުމުގެ މި މުބާރާތުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތައް ހިމެނޭނެ އެވެ. މި އަހަރުގެ މުބާރާތް އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދަނީ ޔޫރޯ މާކެޓިންއިން އެތެރެކޮށް ވިއްކާ "ރެޑްބުލް"އާ ގުޅިގެންނެވެ.

މި މުބާރާތުގައި މޫދު އަޑީގެ މަންޒަރުތަކާއި ރާއްޖޭގައި ކުރިއަށް ގެންދާ މޫދު ކުޅިވަރުތައް އަދި ރަށްރަށަށް ގޮސް ކުރިއަށް ގެންދާ "އައިލެންޑް އެކްސްކާޝަން" ފަދަ މަންޒަރުތައް ދައްކުވައި ދެވޭނެ އެވެ.

މި މުބާރާތުގެ އެއްވަނައަށްދާ ފަރާތްކަށް 120،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. މި މުބާރާތަށް ހޮވޭ އެންމެ މޮޅު 10 ވީޑިއޯއެއް ނަގައި ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ރާއްޖެ ބައިވެރިވާ ފެއާތަކުގައި ދެއްކުމުގެ އިތުރުން ވިޒިޓްމޯލްޑިވްސް ޔޫޓިއުބް ޗެނަލްގައި ވެސް ދައްކާނެ އެވެ.

އެޑްވެންޗާ އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ދެވަނައަށް ދިޔަ ވީޑިއޯ

"އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތަށް އުފައްދާ ވީޑިއޯތައް ފޮނުވުމުގެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 26 ވަނަ ދުވަހެވެ. އަދި އިނާމު ދިނުން އޮންނާނީ ޑިސެމްބަރު މަހުގެ ދެވަނަ ހަފުތާގަ އެވެ.

އެމްއެމްޕީއާރުސީ އިން މިދިޔަ އަހަރު ބޭއްވި ބޭއްވި "އެޑްވެންޗާ އޮފް މޯލްޑިވްސް" ވީޑިއޯ މުބާރާތުގެ އެންމެ ގިނަ ވޯޓު ލިބިގެން އެއްވަނަ ލިބިފައިވަނީ ނާއިދު އަލީ އަށެވެ. އަދި ދެވަނަ އަހުމަދު ފަޒީލް އަށް ލިބުނުއިރު، ތިން ވަނަ ހޯދާފައިވަނީ މިރާކް މަރްޒީކޯ އަށެވެ. މީގެ އިތުރުން އަށް ވަނައެއް ހޮވައި އިނާމު ދީފައިވެ އެވެ.