ރެއާލް މެޑްރިޑް

މެޑްރިޑް ޑާބީ: ރެއާލް ސުވާލުމާކެއްގައި، އެތުލެޓިކޯ އިތުބާރާއެކު

ސްޕެއިންގެ އެންމެ ވަރުގަދަ ޑާބީގެ ކުރިމަތި ލުމުގައި، ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ގަދަ ދެބާރު ކަމަށްވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް މިރޭ ވާދަ ކުރާނެ އެވެ. މެޗަށް ނިކުންނައިރު އެތުލެޓިކޯއާ މެދު އިތުބާރުގެ ނަޒަރަކުން ސްޕެއިންގެ މީޑިއާތަކުން ވާހަކަ ދައްކާފައިވާއިރު، ރެއާލްއާ މެދު އުފެއްދީ ސުވާލުތަކެވެ.

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޔޫއެފްއާ ސުޕަކަޕްގެ މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރީ ރެއާލް މެޑްރިޑް ބަލި ކުރުމަށް ފަހު އެވެ. ލީގް ރެއާލުން ފެށީ ރަނގަޅު ރޫހެއްގަ އެވެ. ފުރަތަމަ ކޮޅު އެތުލެތ ޓީމަށް މައްސަލަ ކުރިމަތިވި ނަމަވެސް އެ ޓީމު ވަނީ މިހާރު ފޯމަކަށް އެޅިފަ އެވެ.

މިދިޔަ ބުދަދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވީ 3-0 ންނެވެ. އެއީ ލަލީގާގައި ރެއާލް ކުރިމަތިލި ފުރަތަމަ ބޮޑު ޓީމެވެ. އޭގެ ކުރިން ކުޅުނު މެޗުތައް ރެއާލް ކާމިޔާބު ކުރީ ސްޓައިލްގައި ކުޅެގެންނެވެ.

ޔޫއެފްއާ ސުޕަކަޕުގައި އެތުލެޓީކޯ އަތުން ބަލިވުމާއި، ލީގްގައި ސެވިއްޔާ އަތުން ބަލިވުމުން ބޮޑެތި ޓީމުތައް އަތުން ކާމިޔާބު ހޯދަން ރެއާލް އަށް އުނދަގޫ ވެފައިވާ ކަމަށް މީޑިއާއިން ފެންމަތި ކުރި ސުވާލަށް ރެއާލްގެ ކޯޗް ހުލެން ލޮޕެޓެގީ ބުނީ ކޮންމެ ޓީމެއްވެސް ބަލި ކުރުމުގެ ގާބިލުކަން އޭނާގެ ޓީމުގައި އެބަހުރި ކަމަށެވެ.

"އަހަރެމެން ވަނީ ޗެމްޕިއަންސް ލީގްގައި ރޯމާއާ ދެކޮޅަށް މޮޅުވެފައި، އެއީ މިދިޔަ ސީޒަންގައި ސެމީ ފައިނަލުގައި ވާދަ ކުރި ޓީމެއް، އެހެންވީމަ ކޮންމެ ޓީމެއްވެސް ބަލި ކުރުމެގެ ގާބިލުކަން އަހަރެމެންގެ އެބަހުރި," ލޮޕެޓެގީ ބުންޏެވެ. "ނަމަވެސް އަހަންނަށް އެނގޭ ކޮންމެ މުބާރާތެއްގައި ކޮންމެ ގޮތެއްވެސް ވެދާނެ ކަން، އެހެންވީމަ އަހަރެމެން ތިބީ ތައްޔާރަށް."

އެހެން މުބާރާތްތަކަށްވުރެ، ރެއާލްގެ ކުޅުންތެރިންގެ މޯޓިވޭޝަން ޗެމްޕިއަންސް ލީގްގައި ބޮޑު ކަމަށް ވާހަކަ ދެއްކުމުން، ލޮޕެޓެގީ ބުނީ އޭނާގެ ޓީމުން ސަމާލުކަން ދީގެން ތިބީ ލަލީގާވެސް ކާމިޔާބު ކުރުމަށް ކަމަށާއި އަދި އެކަމަށް ވަރަށް ފަހި ފުރުސަތެއް އެބައޮތް ކަމަށެވެ.

އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭއަށް އެންމެ ފުރަތަމަ އަމާޒުވި ސުވާލަކީ ސެވިއްޔާ އަތުން ރެއާލް ބަލިވުމުން އޭނާގެ ޓީމަށް އިތުރަށް އިތުބާރު ލިބިނޭކަމަށް އުފެއްދި ސުވާލެވެ.

"ސެވިއްޔާ މެޗުގެ ފުރަތަމަ ހާފުގައި [ރެއާލް] މެޑްރިޑަށް ރަނގަޅަކަށް ނުކުޅެވުނު، އެހެންވެދާނެ އެއީ ސެވިއްޔާއަކީ ވަރުގަދަ ޓީމެއް، އެ ޓީމަކީ އެ ޓީމު ކުޅޭ ސްޓައިލްގެ ގޮތުން ވާދަ ކުރަން އުނދަގޫ ގޭމެއް، އެ ޓީމު ކުޅޭ ސްޓައިލުން އެމީހުން އިތުބާރު ހޯދާނެ،" ސެވިއްޔާއާ ދެކޮޅަށް ރެއާލް ކުޅުނު މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ސިމިއޯނޭ ބުންޏެވެ. "އަހަންނަށް ހީވަނީ މިހިސާބަށް މެޑްރިޑް ދައްކައިދިނީ އެ ޓީމަކީ ޑައިރެކްޓް ޓީމެއްހެން ގެރެތު ބޭލް އާއި މާކޯ އެސެންސިއޯ އާއެކު އެ ޓީމުން ދައްކައި ދިނީ އެހެން."

"އަހަރެމެންނަށް އެނގޭ އަހަރެމެން މި ނިކުންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަން."

ރެއާލް އާއި އެތުލެޓިކޯ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 11:45 ގަ އެވެ.