ޓްރާންސިޝަން ނުވަތަ ވެރިކަން ބަދަަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ފަރާތްޕުޅުން ސިޔާސީ ގޮތުން އެންމެ އިސްބޭފުޅަކަށް ހުންނަވައިގެން އެމަސައްކަތް ކުރައްވަނީ ކުރީގެ މަޖިލީހުގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ދާއިމީ ނަތީޖާ މިއަދު އިއުލާން ކޮށް ނިމިފައިވާތީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ނުވަތަ ޓްރާންސިޝަންގެ މަސައްކަތްތައް ދަނީ ފެށިގެން ކުރިއަށް ކަމަށެވެ.
"ޓްރާންސިޝަން ނުވަތަ ވެރިކަން ބަދަަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބޫގެ ފަރާތްޕުޅުން ސިޔާސީ ގޮތުން އެންމެ އިސްބޭފުޅަކަށް ހުންނަވައިގެން އެމަސައްކަތްޕުޅު ކުރައްވާނީ ކުރީގެ މަޖިލީހުގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ޓްރާންސިޝަން މަރުހަލާ ހެޑް ކުރައްވާ ސިޔާސީ ބޭފުޅަކީ ޝާހިދު ކަމަށާއި އޭގެ ތަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަނެއް އައްޔަން ކުރެވިގެންދާނެ ކަމަށެވެ. އަދި އެމަގާމަށް އައްޔަން ކުރައްވާނެ ބޭފުޅަކު ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެމަގާމަށް ބޭފުޅުން އައްޔަން ކުރައްވާނީ ސިވިލް ސާވިސް އިން ކަމަށާއި ނަން ފައިނަލް ކުރުމަށްފަހު ވަރަށް އަވަހަށް ހުށަހެޅިގެންދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ޓްރާންސިޝަން ސެކެރެޓޭރިއެޓެއް އެކުލަވާލާނެ ކަމަށާއި ގާނޫނުގެ ދަށުން އައްޔަން ކުރަންޖެހޭ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.
"ގާނޫނު ނަމްބަރު 5-2010 އެއްގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި އޮންނަ ކަމެއްގެ ވާހަކަ މިދަންނަވަނީ، ގާނޫނުގެ ތެރެއިން ކުރަންޖެހޭ ކަންކަމުގެ އެއްބާރުލުން ސަރުކާރުން ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ބައެއް ލިޔުންތަކާއި ވަޒީފާތަކަށް މީހުން އައްޔަން ކުރުމާއި ކެނޑުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާއިރު އެފަދަ ކަންކަން ނުކުރެއްވުމަށް މާރިޔާ އެދިވަޑައިގެންނެވި އެވެ.