ރެއާލް މެޑްރިޑް

ބާސާގެ މައްޗަށް ރެއާލްއަށް އެޑްވާންޓޭޖެއް ނުނެގުނު

އެތުލެޓިކް ބިލްބާއޯ އަތުން ވާދަވެރި ބާސެލޯނާ އެއްވަރު ވުމުން، އެކަމުގެ ފައިދާ ހޯދަން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުތް ރެއާލް މެޑްރިޑަށް ބާސާގެ މައްޗަށް އެޑްވާންޓޭޖެއް ނުހޯދުނެވެ.

ގިނަ މަންޒަރުތަކެއް ފެނިގެން ދިޔަ މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ، ރެއާލް މެޗަށް ނިކުންނަނީ ބާސާއަށް ތިން ޕޮއިންޓް ނުހޯދުމުން، އެކަމުގެ އެޑްވާންޓޭޖު ނަގަން ކަމަށެވެ. ނަމަވެސް މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ރެއާލްއަށް އެޑްވާންޓޭޖު ނުނެގުނެވެ.

މިދިޔަ ހަފުތާގައި އޮތީ ރާމޯސް އާއި އެތުލެޓިކޯގެ އެންޓްއާން ގްރީޒްމަންއާ ދެމެދު ބަދަލު ކުރަމުން ދިޔަ ބަހުގެ ހަމަލާތަކެވެ. ނަމަވެސް މެޗުގެ ކުރިން ދެ ކުޅުންތެރިން ވަނީ ސަލާންކޮށް ވާހަކަ ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި، ރެއާލުން އެ ޓީމުގެ ގޭމް ކުޅެން މަސައްކަތް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި އެތުލެޓުކޯއިން ޑޮމިނޭޓް ކޮށް ރެއާލްގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލި އެވެ. ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުރިން އެތުލެޓިކޯއަށް ކުޅުނު ރެއާލްގެ މިހާރުގެ ގޯލްކީޕަރު ވަނީ ނުރައްކާތެރި ތިން ބޯޅައެއް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ރެއާލްގެ ކޯޗް ހުލެން ލޮޕެޓެގީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށް ވީ، ގެރެތު ބޭލްއަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުމެވެ. ބޭލްއަށް ކަުރިމަތިވި އަނިޔާއާ ގުޅިގެން ދެ ވަނަ ހާފު ރެއާލުން ފެށީ، ބޭލްގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ ޑެނީ ސެބެޔޯސް އާއެކު އެވެ.

ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާމާސް އަތުގައި ބޯޅައިން ޖެހުނެވެ. ނަމަވެސް ރެފްރީ ޕެނަލްޓީއެއް ނުދިނުމުން އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. އިތުރަށް އޭނާ ހިތްހަމަ ނުޖެހުނީ ވީއޭއާރުން މެދުވެރިކޮށް ބަލަން ރެފްރީން ބޭނުން ނުވުމުންނެވެ.

މެޗުގެ އެންމެ ފަހު ތިން މިނެޓްގައި ލޮޕެޓެގީ ވަނީ، ބްރެޒިލްގެ އުންމީދީ ތަރި ވިނީސިއުސް ޖޫނިއާ ކުޅެން ނެރެފަ އެވެ. އެއީ ރެއާލްގެ ސީނިއާ ޓީމުގައި އޭނާ ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. އޭނާ ވަނީ އޭނާއަށް ލިބުނު ބޯޅައިގައި އެތުލެޓިކޯގެ ޑިފެންސަށް ހާސްކަން ކުރިމަތި ކޮށްފަ އެވެ.