ހަބަރު

5000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި 5802 ދަރިވަރުންނާއެކު ފަށައިފި އެވެ. އިމްތިހާންތައް ފަށާފައިވަނީ އިއްޔެ އެވެ.

އޯލެވެލް އިމްތިހާނަކީ ސްކޫލް ކުދިންގެ 10 އަހަރުގެ ކިޔެވުމުގެ ފައިނަލް ނަތީޖާ ލިބޭ ބޮޑު އިމްތިހާނެވެ. މި އިމްތިހާނަށް އެތަކެއް ދުވަސް ކުރިއަށް ހުރިހާ ސްކޫލަކުން ވެސް ތައްޔާރުވެ އެވެ. ހާއްސަކޮށް ގްރޭޑް 10 އެއް ނިންމާ ދަރިވަރުންގެ މުޅި އަހަރު ހޭދަވަނީ ވަރަށް ބުރަކޮށް އިމްތިހާނަށް ތައްޔާރުވުމުގަ އެވެ.

މި އިމްތިހާނު ފެށުމުގެ ގޮތުން އިއްޔެއާއި މިއަދު އޮތީ އެސްއެސްސީ އިމްތިހާނުގެ ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނުގައިވެސް 190 އާ ގާތްކުރާ އަދަދަކަށް ސްކޫލް، ސެންޓަރުތަކުން ބައިވެރިވެފައިވާއިރު، މިއަހަރު އޯލެވެލްގައި ބައިވެރިވެފައިވާ ކުދިންގެ ތެރެއިން 5303 ކުދިން އިސްލާމް ދިވެހީގައި ބައިވެރިވެފައިވެ އެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް މި އިމްތިހާން ކުރިއަށްދާ އިރު، އޯލެވެލް އިމްތިހާނާއެކު މި އަހަރުގެ އޭލެވެލް، އެޗްއެސްސީ އިމްތިހާނު ވެސް ކުރިޔަށް ދާނެއެވެ. އޭ ލެވެލް ފެށޭނީ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހު ދުވަހުއެވެ.