ހަބަރު

ޓްރާންސިޝަންގެ ޑީޖީއަކަށް ހަމަޖައްސަން ސީވީޑް ލަތީފްގެ ނަން ފޮނުވައިފި

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްގެންދިއުމަށް ގާނޫނުން ލާޒިމް ކުރާ، "ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަނަލް" ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް ހަމަޖެއްސުމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސިވިލްސާވިސް ކޮމިޝަނަށް ސިޓީ ފޮނުއްވައިފި އެވެ.

ޓީޓީގެ ތަރި އަހުމަދު ލަތީފް އަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބޭފުޅެވެ. އަދި އޭނާ އަކީ އޮލިމްޕިކްސް ކޮމިޓީގެ ނައިބު ރައީސް އެވެ. އޭނާ އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ ފަރާތުން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމް ފުރުއްވި އެވެ. ސީވީޑް ލަތީފް ވަނީ ޓީޓީ އެސޯސިއޭޝަންގެ ރައީސްކަން ވެސް އަދާކުރެއްވުމުގެ އިތުރަށް ކުޅިވަރަށް އެކި ހިދުމަތްތައް ވެސް ކުރައްވަ އެވެ.

ގާނޫނު ނަންބަރު 5/2010 "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި"، ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު، ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން އެއް ހަމަޖައްސަންޖެހޭކަމަށް ބުނެފައިވެ އެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އީސީއިން އިއުލާން ކުރީ އިއްޔެ އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން ގެ މަގާމަށް އަހުމަދު ލަތީފްގެ ނަން އިބޫ ފޮނުއްވާފައިވާކަން އިއުލާންކުރެއްވުމަށްފަހު އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ، އަހުމަދު ލަތީފް މަގާމަށް އައްޔަންކޮށް، އެބޭފުޅާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ވީހާވެސް އަވަހަށް ފަހިކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.

މާރިޔާ އެފަދައިން ގޮވާލެއްވި އިރު ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ސީއެސްސީއިން މިއަދު ވަނީ ޕާމެނެންޓް ސެކްރެޓަރީންއާ އެކު މަޝްވަރާކޮށްފަ އެވެ. އަދި އިތުރު މުވައްޒަފުން މި މަރުހަލާގެ ތެރޭގައި ނުނެގުމަށް ވެސް ސީއެސްސީއިން މިހާރު ވަނީ އޮފީސްތަކަށް އަންގައިފަ އެވެ.