ކަފާލާތުގެ ދަށުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު ހައިކޯޓުން މިނިވަންކޮށްފި އެވެ.
ހަައިކޯޓުން ފާރިސް ކަފާލާތުގެ ދަށުން މިނިވަންކުރީ އެކަމަށް ފާރިސްގެ ފަރާތުން މިއަދު އެދިފަައިވާތީ އެވެ. އެކަމަށް އެދުނީ މިއަދު ހައިކޯޓުގައި އޮތް ފާރިސްގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުމުގަ އެވެ. އޭނާ މިނިވަންކުރީ އިސްތިއުނާފު މައްސަލާގައި ވަކި ގޮތެއް ހައިކޯޓަށް ކަނޑައެޅެންދެނެވެ.
ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.
އެ ހުކުމް ފާރިސް މިހާރު ތަންފީޒުކުރަމުންދާއިރު ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލާގެ ޝަރީއަތް މިއަދު ހައިކޯޓުގައި ހެނދުނު ވަނީ ފަށާފަ އެވެ. މާދަމާ ވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި، މި ހަފުތާގެ ތެރޭގައި މައްސަލާގެ ހުކުމް އިއްވަވާނެ ކަމަށް ވެސް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
ފާރިސްގެ މައްސަލަ ހައިކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އެވެ.
ފާރިސް ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވަނީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ގާނޫނު އަސާސީއާ ގާނޫނީ އިޖްރާއަތްތަކާއި ޝަރުއީ އިޖްރާއަތްތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ޖަލު ބަންދުގައި ހުންނެވުމަކީ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
އެކިއެކި ތުހުމަތުތަކުގައި އެކި ބަންދުތަކުގައި ފާރިސް ޖަލުގައި ހުންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ.